ގާނޫނުގައި ބުނެފައިވާ ގޮތުން އެސްއީޒެޑްގެ ދަށުން އެޕާޓްމަންޓެއް ގަންނަ މީހާ ރާއްޖޭގައި ދިރިއުޅޭކަށް ނުޖެހޭ: ބޮންޑާ
20 އޯގަސްޓު 2026 | ބުރާސްފަތި 14:15ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގައި ބޮންޑާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބިމެއް ނުވަތަ ގެއެއް ގަނެވެނީ ވެސް ވަކި މުއްދަތެއްގައި އެ ގައުމުގައި ދިރިއުޅުމަށް ފަހު ކަމަށް. ނަމަވެސް ގާނޫނުގައި މިހާރު އޮތް ގޮތުން ނަމަ، އެސްއީޒެޑްގެ ދަށުން ހިންގާ ޓައުންޝިޕް މަޝްރޫއިން ގެއެއް ގަންނަ މީހާ އަށް ކޮންމެ ވަގުތަކު ވެސް ރާއްޖެ އަށް އައިސް ދިޔުމުގެ މިނިވަންކަން ލިބޭ ކަމަށް ބޮންޑާ ވިދާޅުވި


މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) | ސޯޝަލް މީޑިއާ
ގާނޫނުގައި ބުނެފައިވާ ގޮތުން އެސްއީޒެޑްގެ ދަށުން އެޕާޓްމަންޓް ގަންނަ މީހާ ރާއްޖޭގައި ދިރިއުޅޭކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުއެއްގައި ބޮންޑާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބިމެއް ނުވަތަ ގެއެއް ގަނެވެނީ ވެސް ވަކި މުއްދަތެއްގައި އެ ގައުމުގައި ދިރިއުޅުމަށް ފަހު ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުގައި މިހާރު އޮތް ގޮތުން ނަމަ، އެސްއީޒެޑްގެ ދަށުން ހިންގާ ޓައުންޝިޕް މަޝްރޫއިން ގެއެއް ގަންނަ މީހާ އަށް ކޮންމެ ވަގުތަކު ވެސް ރާއްޖެ އަށް އައިސް ދިޔުމުގެ މިނިވަންކަން ލިބޭ ކަމަށް ބޮންޑާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ބޭރު ބަޔަކަށް ސިޓިޒެންޝިޕް ދީގެން އާބާދު ކުރާއިރުގައި، މި ގާނޫނުގައި އެބަ ބަޔާންކުރޭ އެ ތަނުން ފުލެޓެއް، އެޕާޓްމެންޓެއް ގަންނަ މީހާ ނުޖެހޭ ރާއްޖޭގައި ދިރިއެޅޭކަށް. އެމެރިކާ އަދި ދުނިޔޭގެ އެހެން ތަންތާ ވެސް ވަކި މުއްދަތެއްގައި ދިރިއުޅެންޖެހޭ. ދިރި ނޫޅުނަސް އޭނަ ގަނެފިއްޔާ އާއިލާއަށް މުޅި އުމުރަށް ރާއްޖެ އައިސް ދިޔުމުގެ ހުއްދަ އެބަ ލިބޭއިބްރާހީމް ރަޝީދު (ބޮންޑާ)
ހަމައެއާ އެކު ބޮންޑާ ވިދާޅުވީ، މުސްތަގުބަލުގައި ޓައުންޝިޕްގައި ދިރިއުޅެމުންދާ މީހުން، ރާއްޖޭގެ ރަށް ރަށުގައި ދިރިއުޅެމުންދާ މީހުންނާ ތަފާތު ކުރެވި، އިގްތިސާދީ ގޮތުން އެ މީހުންނަށް ފަސޭހަތަކެއް ދީފައިވާ ސަރަހައްދަކަށް ޓައުންޝިޕް ވެގެންދާނެ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ އިގުތިސާދެއް، ހުރިހާ ވިޔަފާރިއެއް އަދި ހުރިހާ އާދަކާދައެއް ބަދަލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރު ވެސް ރާއްޖޭގައި ހިނގަމުންދާ ރިޔަލް އެސްޓޭޓް އުސޫލުން ދިގު މުއްދަތައް ވިއްކާ އުސޫލުން ކަމަށެވެ.
ނ. އަތޮޅު ދިގުފަރާއި ދެކުނުފަރު 262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ޕްރޮޖެކްޓު އައިލާގެ ނަމުގައި ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާއިރު، ރިސޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެސްއީޒެޑުގެ ޤާނޫނަށް ކުއްލިޔަކަށް ބަދަލު ގެނެސް ސަސްޓެއިނަބަލް ޓައުންޝިޕް ނަމުގައި އައު ގިންތިއެއް ތައާރަފްކޮށް މި ރިސޯޓު ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ވަނީ ދީފައި އެވެ.







