ބ. ތުޅާދޫ އައިސް ޕްލާންޓުން ތެޔޮ ހުސްވެ، މަސްވެރިންނަށް އައިސްލިބުން ހުއްޓުމަކަށް!
21 އޯގަސްޓު 2026 | ހުކުރު 11:15ބ. ތުޅާދޫ އައިސް ޕްލާންޓުން ތެޔޮ ހުސްވުމާ ގުޅިގެން އައިސް އުފެއްދުން ހުއްޓި، އެ ސަރަހައްދުގެ މަސްވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އަންނަ ހޮނިހިރު ދުވަހު ތެޔޮ ލިބި އޮޕަރޭޝަންތައް އަލުން ފެށޭނެ ކަމަށް އެ ތަނުން މައުލޫމާތުދޭ


ބ. ތުޅާދޫ އައިސް ޕްލާންޓުން ތެޔޮ ހުސްވެ، މަސްވެރިންނަށް އައިސްލިބުން ހުއްޓުމަކަށް! | ޕީއެސްއެމް
ބ. ތުޅާދޫ އައިސް ޕްލާންޓުން ތެޔޮ ހުސްވެ މަސްވެރިންނާއި މަސްގަންނަ ފަރާތްތަކަށް އައިސް ލިބުން ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް، ތުޅާދޫ އައިސް ޕްލާންޓް ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުލް މަޖީދު ވިދާޅުވީ އައިސް ޕްލާންޓުން ބުރާސްފަތި ދުވަހު ތެޔޮ ހުސްވެފައިވާ ކަމަށާއި، ހޮނިހިރު ދުވަހު ތެޔޮ ލިބޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ދޭތެރެއަކުން ތެޔޮ ހުސްވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މީގެކުރިން ހަދާފައި ހުރި އައިސްއިން ބުރާސްފަތި ދުވަހާ ހަމައަށް މެނޭޖް ކުރެވިފައިވާ ކަމަށެވެ.
ތުޅާދޫއަކީ މަސްވެރި ރަށަކަށްވާއިރު، މިކަމުގެ ސަބަބުން މަސްވެރިންނަށާއި އެ އަތޮޅުގައި އުޅޭ މަސްވެރިންނަށް ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. މަސްވެރިންގެ ކަންބޮޑުވުންތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، މިސަރުކާރުގައި މަސްވެރިންގެ މިފަދަ ކަންބޮޑުންތަކަށް ދާއިމީ ހަލެއް ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ގިނަ މަސްވެރިން ދަނީ ބުނަމުންނެވެ.
އައިސް ޕްލާންޓްތަކުން ތެޔޮ ހުސްވެ، އެ ތަންތަނުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އަންނަ މައްސަލަތައް ދޭތެރެއަކުން އަންނަނީ ފެންމަތި ވަމުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭ ގދ. ގައްދޫ އައިސް ޕްލާންޓުން ތެޔޮ ހުސްވެ، އެތަނުގެ އޮޕަރޭޝަން ހުއްޓުމަކަށް އައިސްފައިވެ އެވެ.










