ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!
19 އޯގަސްޓު 2026 | ބުދަ 08:15އދ. ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް ބިދޭސީންނަކީ ވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބައެއްކަން ހޯމް މިނިސްޓްރީގެ ތަހުގީގުން ހާމަވެއްޖެ. މަޖިލީހަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ މީހުން ދިރިއުޅުނު ތަނަކީ ރަޖިސްޓްރީކޮށްފައިވާ ތަނެއް ނޫން ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވީ ކައްކަން އުޅުމުގެ ތެރޭގައި ގޭސް ފުޅިއެއްގައި ރޯވެގެން. މި މައްސަލައާ ގުޅިގެން މިހާތަނަށް 42 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވޭ


އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ | ސޯޝަލް މީޑިއާ
އދ. ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި މަރުވި ބައެއް ބިދޭސީން އުޅެމުން ދިޔައީ ގަވާއިދާ ޚިލާފަށް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އދ. ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން 5 ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާތީ އެކަމާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށްފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.
މި މައްސަލަ ހުށަހަޅުއްވާ ކުޑޫ ވަނީ އެ ހާދިސާއާ ގުޅޭގޮތުން 12 ސުވާލެއް ހިމަނުއްވާފަ އެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް، ދިރިއުޅުމަށް ބޭނުންކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްތޯއާއި، މި ހާދިސާގައި މަރުވި 5 ބިދޭސީ މަސައްކަތްތެރިންނަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ސައްހަ ވޯކް ޕާމިޓެއްގެ ދަށުން މަސައްކަތް ކުރަމުންދިޔަ ބައެއްތޯ ސާފުކޮށްދިނުމަށް އެދިފައިވަޑައިގަންނަވާފައިވެ އެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު ދިގުރަށު ކައުންސިލާއި ހޯމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ސާފުކުރުމަށް ފަހު އެ މައުލޫމާތު، މަޖިލީހުގެ އިދާރާ އިން ވަނީ މެންބަރު ކުޑޫ އާ ހިއްސާކޮށްފަ އެވެ.
އެގޮތުން އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ހިދުމަތް ދިނުމަށް ގަވާއިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނޫން ކަމަށާއި އެ ހާދިސާގައި މަރުވި 5 ބިދޭސީންނަކީ ވެސް އެ ހާދިސާ ހިނގި ވޯކްސައިޓަށް ރަޖިސްޓްރީ ކޮށްފައިވާ ބައެއް ނޫން ކަމަށް މަޖިލީހުން ހިއްސާކުރި މައުލޫމާތުގައިވެ އެވެ. އަދި އެ މީހުން މަސައްކަތް ކުރަމުން ގޮސްފައިވަނީ ގަވާއިދާ ޚިލާފަށް އަދި އެ މީހުންގެ އަސްލު ސްޕޮންސަރ ކައިރީގައި ނޫން ކަމަށާއި މަރުވި 5 މީހުންގެ ތެރެއިން 3 މީހެއްގެ ވޯކް ޕާމިޓުގެ މުއްދަތު ހަމަވެފައިވާއިރު، އެކަކުގެ ވަރކް ޕާމިޓް އޮތީ ކެންސަލް ވެސް ކޮށްފައި ކަމަށް މަޖިލީހުން ހިއްސާކުރި މައުލޫމާތުގައިވެ އެވެ.
މީގެ އިތުރުން، މަރުވި މީހުންގެ ތެރެއިން އެކަކީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ އެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އެ އިމާރާތަކީ ދިގުރަށުގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރަން އުޅޭ ބިދޭސީން ދިރިއުޅުމަށް ގެންގުޅޭ ފަރާތްތަކުން ހަމަޖައްސާފައި ހުރި ތަނެއް ކަމަށް ވެސް ކަމަށް ހޯމް މިނިސްޓްރީ އިން މަޖިލީހަށް ދިން މައުލޫމާތުގައިވެ އެވެ.
ހޯމް މިނިސްޓްރީ އިން ބުނީ މި މައްސަލައިގެ ތަހުގީގުގައި ސުވާލުކުރަންޖެހޭ މީހުންގެ ތެރެއިން މިހާތަނަށް ދެ މީހަކާ ސުވާލު ނުކުރެވޭ ކަމަށާއި އެއީ މި ހާދިސާގައި އަނިޔާވެ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ ބަންގްލަދޭޝް މީހަކާއި އަނިޔާގެ ސަބަބުން ހާލު ދެރަވެގެން ބަންގްލަދޭޝްއަށް ފުރައިގެން ދިޔަ މީހެއް ކަމަށެވެ.
ހޯމް މިނިސްޓްރީ އިން ހިއްސާ ކޮށްފައިވާ އިތުރު މައުލޫމާތުގައި ހާދިސާއާ ގުޅިގެން މިހާތަނަށް 42 މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި މި ހާދިސާ ހިނގީ ކައްކަން އުޅުމުގެ ތެރެއިން ގޭސް ފުޅީގައި އަލިފާން ރޯވެ، ކޮންޓްރޯލު ނުކުރެވިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ދިގުރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކިއުޓިވް އަހުމަދު ފާއިޒް ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންނަކީ، އަލިފާން ރޯވުމުން ބޭރަށް ނުކުމެފައި އަލުން އެތެރެއަށް ވަތް މީހުން ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް ވިދާޅުވި އެވެ.











