ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި
17 އޯގަސްޓު 2026 | ހޯމަ 07:57އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ އިދިކޮޅު އެމްޑީޕީން ހުރިހާ ކަމެއް ސިޔާސީ ކުރާ ކަމަށް ތުހުމަތު ކުރައްވާފައި. ސަލީމް ވިދާޅުވީ ސަރުކާރުން ކިތަންމެ ރަނގަޅު ބިލެއް ހުށަހެޅިޔަސް އިދިކޮޅުން ފާޑުކިޔާ ކަމަށާއި، އެއީ ގުރުއާން ކަމުގައި ވިޔަސް އެ ބޭފުޅުން ގޯސް ހޯދާނެ ކަމަށް. މި ބިލަކީ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތައަށް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލެއް


ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް | ރާއްޖެއެމްވީ
ކީރިތި ގުރުއާން އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތަކަކީ ހަމަހަމަ އެއްޗެހި ކަން ދޭހަވާ މޭރުމަކުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް އަހުމަދު ސަލީމް ވާހަކަ ދައްކަވައިފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ. އެ ބިލަސް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ކިތަންމެ ރަނގަޅު ބިލެއް ހުށަހެޅި ނަމަވެސް، އެއީ ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްޗެއް ނަމަ، އިދިކޮޅު ފަރާތްތަކުން އެ ބިލުތަކަށް ފާޑުކިޔައި، އެއީ ރަނގަޅު ނޫން ބިލުތަކެއް ކަމަށް ބުނާ ކަމަށެވެ.
ހަމަ ކޮންމެ ބިލެއް ކޮންމެ އެއްޗެއް އަންނަ އިރަށް އަޅުގަނޑުމެން މީތި ސިޔާސީ ކޮށްލާފައި ގޯހޭ ކިޔާފައި. ކިތަންމެ ރަނގަޅު އެއްޗެއް ވިޔަސް، ގުރުއާން މިތަނަށް ގެނަޔަސް އެ ވާހަކަ ދައްކާފަ ބުނެފާނެ ގޯހޭ، ތި ދައްކަނީ ކޯޗެއްހޭއަހުމަދު ސަލީމް
އިދިކޮޅު އެމްޑީޕީ އަކީ ހުރިހާ ކަމެއް ވެސް ސިޔާސީ ކުރާ ބައެއް ކަމަށާއި، މަޖިލީހުގެ ތަޅުމަށް ކީރިތި ގުރުއާން ގެނަޔަސް، އޭގައި ވެސް ގޯސް އެބަހުއްޓޭ ބުނެފާނެ ކަމުގެ ތުހުމަތު ސަލީމް ވަނީ އެމްޑީޕީ މެންބަރުންނަށް ކުރައްވާފަ އެވެ.
ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ލެވެލް އަށް ދާން ނުޖެހޭ ކަމަށެވެ. އަދި ޕީއެންސީ އިން ވެސް އެ ލެވެލް އަށް ދާން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު މެންބަރުން، މަޖިލީހުގައި ހިތު ހުރި އެއްޗެއް ކިޔާތީ އެ ލެވެލް އަށް ދާން ޖެހޭ ކަމަށާއި އެ ފެންވަރަށް ވެއްޓެން ވެސް ޖެހޭ ކަމަށެވެ. އިދިކޮޅުން ބިލުތަކަށް އެއްޗެހި ގޮވީމާ ސަރުކާރުގެ ފަރާތުން ވެސް އިދިކޮޅު މެންބަރުންނަށް އެއްޗެހި ގޮވަން ޖެހޭ ފަހަރު އަންނަ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
މެންބަރު ޒަރީރު ހުށަހެޅުއްވި ބިލުގައި ވަނީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތަ އަށް އިތުރު ކުރުމަށެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ.
އެ ބިލަށް އެމްޑީޕީގެ މެންބަރުން ވަނީ ފާޑުވިދާޅުވެ، އިސްލާހު ކުރަން ޖެހޭ ކަންކަމުގެ ވާހަކަ ދައްކަވާފަ އެވެ.











