މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ސިއްހީ ފަރުވާ ހޯއްދަވަނީ
10 އޯގަސްޓު 2026 | ހޯމަ 09:50މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ 79 ވަނަ އުފަންދުވަހާ ދިމާކޮށް، ޑޮކްޓަރުންގެ ލަފާގެ މަތިން ހާއްސަ މެޑިކަލް ޗެކަޕްތަކަކާއި ސިއްހީ ފަރުވާތަކެއް ހޯއްދަވަން ފަށްޓަވައިފި. މީގެ ކުރިން ބުރަކަށީގެ އޮޕަރޭޝަނެއް ކުރައްވާފައިވާ އަންވަރު މިހާރު ކުރިއަށްގެންދަވާ ފަރުވާގެ ތަފްސީލު ސަރުކާރުން ހާމަނުކުރި ނަމަވެސް، ކުރިއަށް އޮތް ދެ ދުވަހު އޭނާ އޮންނަވާނީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި

ފިލިޕީންސްގެ ސެބޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 48 ވަނަ އާސިއާން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް 2026 މެއި 7 ވަނަ ދުވަހު އެ ގައުމަށް ވަޑައިގަތުމުން، އެމަނިކުފާނުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރެއް އިންސްޕެކްޓް ކުރައްވަނީ | ގެޓީ އިމޭޖަސް
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ސިއްހީ ފަރުވާއެއް ހޯއްދަވަމުން ގެންދަވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ. މެލޭޝިއާ ސަރުކާރުން ބުނި ގޮތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ގެންދަވަނީ މެޑިކަލް ޗެކަޕްތަކަކާއި ސިއްހީ ފަރުވާއެއް ފުރިހަމަކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު އޭނާ އޮންނަވާނީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގަ އެވެ.
ބޮޑުވަޒީރުގެ ސީނިއާ ޕްރެސް ސެކްރެޓަރީ ތުންކޫ ނަޝްރުލް އަބައިދާ ހޯމަ ދުވަހު ވިދާޅުވީ، އަންވަރު އިބްރާހީމް މި ފަރުވާތައް ހޯއްދަވަމުން ގެންދަވަނީ ހާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރުންގެ ޓީމެއްގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ފަރުވާއެއް ނުވަތަ ސިއްހީ މައްސަލައެއް ކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
"ބޮޑުވަޒީރުގެ މެޑިކަލް ޗެކަޕްތަކާއި ފަރުވާގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށްދިއުމަށާއި، މާތްﷲގެ އިރާދަފުޅާއެކު އެމަނިކުފާނަށް ދާއިމީ ދުޅަހެޔޮ ސިއްހަތެއް މިންވަރުކުރައްވައި، ވީ އެންމެ އަވަހަކަށް ރަސްމީ މަސައްކަތްތަކަށް އެނބުރި ވަޑައިގެންނެވޭނެ ގޮތް މެދުވެރިކޮށްދެއްވުން އެދި ދުއާކުރަން،" ތުންކޫ ނަޝްރުލް ވިދާޅުވި އެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ސިއްހީ ފަރުވާ ހޯއްދަވަން ފެއްޓެވިކަން އިއުލާންކޮށްފައި މިވަނީ، އޭނާގެ 79 ވަނަ އުފަންދުވަހާ ދިމާކޮށެވެ. 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އުފަންވެވަޑައިގެންނެވި އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އަންވަރު އިބްރާހީމް ވަނީ އާންމުކޮށް ހަދާ މެޑިކަލް ޗެކަޕެއް ފުރިހަމަކުރައްވާފަ އެވެ. އެ ފަހަރު ޑޮކްޓަރުން ވިދާޅުވެފައިވަނީ އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި، ރަސްމީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މީގެ ކުރިން އަންވަރު އިބްރާހީމް ވަނީ ބުރަކަށީގެ މައްސަލަތަކަކާއި ކޮނޑުހުޅުގެ މައްސަލަތަކަކަށް ފަރުވާ ހޯއްދަވާފަ އެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2018 ވަނަ އަހަރުގެ ޖޫން މަހު ބުރަކަށީގައާއި ކޮނޑުހުޅުގައި ރިއްސާތީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. އޭގެ ފަހުން ޖެހިގެން އައި ޖުލައި މަހު ތުރުކީގެ އިސްތަންބޫލްގައި އޭނާގެ ބުރަކަށީގެ އޮޕަރޭޝަނެއް ކުރެއްވި އެވެ. އަދި ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ކަނާތު ކޮނޑުގެ އޮޕަރޭޝަނެއް ކުރުމަށް ވެސް އެ ދުވަސްވަރު ތާވަލުކުރެވުނެވެ.
މިދިޔަ ހޯމަ ދުވަހު އަންވަރު އިބްރާހީމް ފެއްޓެވި ސިއްހީ ފަރުވާއަކީ މީގެ ކުރިން ހުރި އެ މައްސަލަތަކާ ގުޅުންހުރި ކަމެއްކަން ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަސްދަރު: ރޮއިޓާސް










