ހަންގޭރީގެ ރައީސް ކަމަށް، އެ ޤައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ބަކާ އައްޔަންކުރަން ނިންމައިފި
9 އޯގަސްޓު 2026 | އާދީއްތަ 06:40ހަންގޭރީގެ ބޮޑު ވަޒީރު ޕީޓާ މަގްޔާރު ހޮނިހިރު ދުވަހު މިކަން އިއުލާން ކުރައްވަމުން ވިދާޅުވީ، މިއީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށް. މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު، ޓިޒާ ޕާޓީ އިން ދަނީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އޯބަންގެ އޮތް ނުފޫޒު ކުޑަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން


ހެންގޭރީގެ ރައީސް ކަމުގެ މަޤާމަށް އައްޔަން ކުރަން ނިންމާފައިވާ، އެ ޤައުމުގެ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އެންޑްރާސް ބަކާ | ގެޓީ އިމޭޖަސް
ހަންގޭރީގެ ވެރިކަން ކުރާ "ޓިޒާ" ޕާޓީގެ ފަރާތުން އެ ޤާއުމުގެ ރައީސް ކަމުގެ މަޤާމަށް، އެ ޤައުމުގެ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އެންޑްރާސް ބަކާ އައްޔަން ކުރުމަށް ނިންމައިފި އެވެ.
ބަކާ އަކީ 2012 ވަނަ އަހަރު އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު ވިކްޓަރ އޯބަންގެ ސަރުކާރުން މަޤާމުން ވަކިކުރި ބޭފުޅެކެވެ.
ހަންގޭރީގެ ބޮޑު ވަޒީރު ޕީޓާ މަގްޔާރު ހޮނިހިރު ދުވަހު މިކަން އިއުލާން ކުރައްވަމުން ވިދާޅުވީ، މިއީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު، ޓިޒާ ޕާޓީ އިން ދަނީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އޯބަންގެ އޮތް ނުފޫޒު ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އުމުރުން 73 އަހަރުގެ ބަކާ ރައީސް ކަމަށް އައްޔަން ކުރުމަށް ހަމަޖެހިފައި މިވަނީ، ގާނޫނު އަސާސީ އަށް ގެނައި އިސްލާހެއްގެ ދަށުން އޯބަންގެ ސަރުކާރުގައި ރައީސް ކަމުގައި ހުންނެވި ތަމާސް ސުލްޔޮކް މަޤާމުން ވަކިކު ރިތާ ހަފްތާތަކެއް ފަހުންނެވެ. އަންނަ އަންގާރަ ދުވަހު ބާއްވާ ޕާލަމެންޓް ބައްދަލުވުމުގައި ބަކާ ރައީސް ކަމަށް އިންތިޚާބު ކުރާނެ ކަމަށް ބެލެވެ އެވެ. ޓިޒާ ޕާޓީ އަށް ޕާލަމެންޓުގެ ސުޕަރ މެޖޯރިޓީ ލިބިފައި އޮތުމުން އޭނާ އިންތިޚާބު ވުމުގައި ހުރަހެއް ނެތެވެ.
ޓިޒާ ޕާޓީގެ މެންބަރުން ވިދާޅުވާ ގޮތުގައި، ބަކާ އަކީ އަބަދު ވެސް ބާރުތައް ވަކި ކުރުމުގެ އުސޫލަށާއި، ޤާނޫނީ އިސްތިގުލާލަށާއި، ފަނޑިޔާރުގެ ތަކުގެ މިނިވަން ކަމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އަދި އޭނާގެ ތަޖުރިބާ އަކީ ހަންގޭރީގެ އައު ޤާނޫނީ އޮނިގަނޑު ބިނާ ކުރުމުގައި ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ޕާޓީ އިން ދެކެ އެވެ. ނަމަވެސް، މިހާރު އިދިކޮޅުގައި އޮތް ފިޑޭޒް ޕާޓީ އިން ވަނީ ޓިޒާ ޕާޓީ އިން އަމަލު ކުރަނީ ހުދުމުޚުތާރު އުސޫލުން ކަމަށް ތުހުމަތުކޮށް، ވޯޓުލުން ބޮއިކޮޓް ކުރާނެ ކަމަށް ބުނެފައި އެވެ.
ބަކާ ވަނީ 2009 ވަނަ އަހަރު ހަންގޭރީގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަަނޑިޔާރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން، ސްޓްރާސްބާގްގައި ހުންނަ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގެ ފަނޑިޔާރުކަން ދެ ދައުރަކަށް ކުރައްވާފައި އެވެ. އޭނާ ސުޕްރީމް ކޯޓުގެ މަގާމުން ވަކިކުރީ އޯބަންގެ ސަރުކާރުން ގެނައި އިސްލާހުތަކަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ. ފަހުން ޔޫރަޕުގެ ކޯޓުން ވަނީ އޭނާ މަޤާމުން ވަކިކުރީ އިންސާފުވެރި ޝަރީއަތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ޚިލާފަށް ކަމަށް ހުކުމް ކޮށްފައި އެވެ.
ހަންގޭރީގެ ރައީސްގެ މަޤާމަކީ ރަމްޒީ މަޤާމެއް ނަމަވެސް، ބަކާ ފަދަ ބޭފުޅަކު އެ މަޤާމަށް އައްޔަން ކުރުމަކީ އެ ގައުމުގެ ސިޔާސީ މަސްރަހުގައި ވަރަށް ބޮޑު މާނައެއް އެކުލެވޭ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










