Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަންގޭރީ

ވިކްޓަރ އޯބާން އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުން ހުއްޓުވުމަށް ހަންގޭރީގެ ބޮޑުވަޒީރުކަން ކުރެވޭނީ ގިނަވެގެން 8 އަހަރު ކަމަށް ފާސްކޮށްފި

ހަންގޭރީގެ ބޮޑުވަޒީރުކަމުގެ ދައުރު އަށް އަހަރަށް ހަނިކުރުމަށް އެ ގައުމުގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ޕާލަމަންޓުން ފާސްކުރުމާއެކު، ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯބާނަށް އަލުން ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ބަންދުވެއްޖެ. މި ބަދަލަކީ މިހާރުގެ ބޮޑުވަޒީރު ޕީޓާ މަގްޔާރުގެ ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށާއި އީޔޫއިން ހިފަހައްޓާފައިވާ ފަންޑުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށްވޭ. މި އިސްލާހުގެ ދަށުން ދައުލަތުގެ ބައެއް މުދާތައް އަނބުރާ ނެގުމަށް ހަމަޖެހިފައިވާއިރު، މިއީ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރޭ.

ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 16:20
ހަންގޭރީގެ ބޮޑުވަޒީރުކަން ކުރެވޭނެ އެންމެ ދިގު މުއްދަތަކީ އަށް އަހަރު ކަމަށް ކަނޑައަޅައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވޯޓު ނެގުމުގެ މަރުހަލާގައި، ބޮޑުވަޒީރު ޕީޓާ މަގްޔާރު އިދިކޮޅު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

ހަންގޭރީގެ ބޮޑުވަޒީރުކަން ކުރެވޭނެ އެންމެ ދިގު މުއްދަތަކީ އަށް އަހަރު ކަމަށް ކަނޑައަޅައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވޯޓު ނެގުމުގެ މަރުހަލާގައި، ބޮޑުވަޒީރު ޕީޓާ މަގްޔާރު އިދިކޮޅު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. | ގެޓީ އިމޭޖަސް

ހަންގޭރީގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވޭނެ އެންމެ ދިގު މުއްދަތަކީ އަށް އަހަރު ކަމަށް ކަނޑައަޅައި، އެ ގައުމުގެ ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ހަންގޭރީގެ ޕާލަމަންޓުން ތާއީދުކޮށްފިއެވެ. މިއީ ވިކްޓަރ އޯބާން އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުން ހުއްޓުވުމަށްޓަކައި، މިހާރުގެ ބޮޑުވަޒީރު ޕީޓާ މަގްޔާރު ވެވަޑައިގެންފައިވާ ވައުދެއް ފުއްދުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

އޯބާން ވަނީ މެދުކެނޑުމެއްނެތި 16 އަހަރު ވަންދެން ހަންގޭރީގެ ވެރިކަން ކުރައްވާފައެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިޚާބުގައި މަގްޔާރުގެ 'ޓިޒާ' ޕާޓީން ވަނީ އޯބާން ބަލިކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު ލިބޭ ފަދަ ތިންބައިކުޅަ ދެބައިގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.

Advertisement - newsAdvertisement

މި ގެނެވުނު ބަދަލުގެ ދަށުން، 1990 ވަނަ އަހަރުގެ ފަހުން ބޮޑުވަޒީރުކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކަށް، ދެ ދައުރަށްވުރެ ގިނަ ދުވަހު އެ މަގާމެއް ނުފުރޭނެއެވެ. މީގެ ތެރޭގައި ދެ ދައުރުގެ ދެމެދުގައި މުއްދަތެއް ފާއިތުވެފައިވީ ނަމަވެސް، އިތުރު ދައުރެއް ނުލިބޭނެއެވެ.

އޯބާންގެ 'ފިޑޭޒް' ޕާޓީގެ މެންބަރުން މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފައިވާއިރު، މިދިޔަ ހަފުތާ ބަންދުގައި އަލުން ޕާޓީގެ ލީޑަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އޯބާން ފޭސްބުކްގައި ލިޔުއްވާފައިވަނީ، "އޯބާން ގާނޫނު" މިހާރު ފާސްކޮށްފައިވާ ކަމަށާއި، އެއީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި އޭނާގެ ބޭނުމެއް ޖެހިއްޖެ ނަމަ، އަބަދުވެސް ހުންނަވާނީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

ޓިޒާ ޕާޓީ ވެރިކަމަށް އައިތާ އަދިވީ އެންމެ މަހެއް ކަމަށާއި، އެހާ ކުރިއަށް އަށް އަހަރުގެ "ހުވަފެން ދުށުމަކީ" އެ ޕާޓީން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އޯބާން ފާޑުވިދާޅުވިއެވެ.

ޓިޒާ ސަރުކާރަށް ލިބިފައިވާ ބޮޑު އަޣުލަބިއްޔަތާއެކު، މި އިސްލާހު ފާސްވީ 135 ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 50 މެންބަރުންނެވެ. މި ގާނޫނު ތަންފީޒުވުމަށްޓަކައި ދެން ބޭނުންވަނީ ރައީސް ތަމާސް ސުލްޔޮކްގެ ސޮއި އެކަންޏެވެ.

އޯބާންގެ ކުރީގެ ޕޮލިޓިކަލް ޑައިރެކްޓަރު ބަލާޒް އޯބާން ވަނީ، މަގްޔާރު ސިޔާސީ ބާރު ބޭނުންކުރައްވަނީ ޑިމޮކްރެޓިކް ވާދަވެރިކަމުގެ ތެރެއިން ސިޔާސީ ހަތުރަކު ބާކީކޮށްލުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.

ކުރިމަގުގައި އަންނަ ސަރުކާރަކަށް ބޮޑު އަޣުލަބިއްޔަތަކާއެކު މި ގާނޫނު ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު އޮތް ގޮތުން މަގްޔާރަށް ވެސް ބޮޑުވަޒީރުކަމުގައި ހުންނެވޭނީ 2034 ވަނަ އަހަރާ ހަމައަށެވެ.

މަގްޔާރު މިދިޔަ މަހު މަގާމާ ހަވާލުވެވަޑައިގަތީ، ފިޑޭޒް ޕާޓީގެ 16 އަހަރުގެ ވެރިކަމުގައި ގާއިމުކޮށްފައިވާ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދައުލަތުގެ ބައެއް ނިޒާމުތައް އުވާލައްވާނެ ކަމުގެ ވައުދާއެކުގައެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ވޭތުވެދިޔަ ހަތަރު އަހަރުވެސް ހަންގޭރީ ސިފަކޮށްފައިވަނީ ވިލާތުގެ އިއްތިހާދުގެ (އީޔޫ) އެންމެ ކޮރަޕްޓް ގައުމުގެ ގޮތުގައެވެ. އަދި ގާނޫނީ ސިފަތަކާއި، ކޮރަޕްޝަނާއި، ޑިމޮކްރަސީ ހީނަރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އީޔޫއިން ވަނީ ހަންގޭރީއަށް ދޭންޖެހޭ ބިލިއަނުން ގުނޭ ޔޫރޯގެ ފަންޑުތައް ހިފަހައްޓާފައެވެ.

ނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާލަމަންޓުން ފާސްކުރަންޖެހޭ އިސްލާހުތަކެއް ގެނައުމަށް ޝަރުތުކޮށް، 16.4 ބިލިއަން ޔޫރޯ (14.2 ބިލިއަން ޕައުންޑް) ދޫކުރުމަށް ޔޫރަޕިއަން ކޮމިޝަނުން މިދިޔަ މަހު ވަނީ އެއްބަސްވެފައެވެ.

ބޮޑުވަޒީރުގެ ދައުރު ހަނިކުރުމުގެ އިތުރުން، ހަންގޭރީގެ "ގާނޫނުއަސާސީގެ އައިޑެންޓިޓީ" ހިމާޔަތްކުރުމަށް އުފައްދާފައިވާ މިނިވަން އެޖެންސީއެއްގެ ލާޒިމުކަން ވެސް ހޯމަ ދުވަހުގެ އިސްލާހާއެކު ވަނީ އުވާލާފައެވެ.

މިއީ "ބޭރުގެ މަސްލަހަތުތަކުން" ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާތޯ ބެލުމަށް 2023 ވަނަ އަހަރު އޯރްބާން އުފެއްދެވި 'ސޮވްރެންޓީ ޕްރޮޓެކްޝަން އޮފީސް' އުވާލުމަށް އެޅުނު ފިޔަވަޅެކެވެ.

މީގެ އިތުރުން، ކުރީގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކާއި ތައުލީމީ އިދާރާތައް ފަދަ މުދާތައް ބަދަލުކޮށްގެން އުފައްދާފައިވާ "ކެކްވާ" ނަމަކަށް ކިޔާ ޕަބްލިކް ޓްރަސްޓް ފައުންޑޭޝަންތަކަށް ވެސް މި ބަދަލުތަކުގެ އަމާޒު ހުރީ ހިފާފައެވެ.

ޔޫރަޕިއަން ކޮމިޝަނުން ހިފަހައްޓާފައިވާ ބިލިއަނުން ގުނޭ ޔޫރޯގެ ފަންޑުތައް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިތުރު ބަދަލުތަކަށް ހަންގޭރީގެ ޕާލަމަންޓުން އަންގާރަ ދުވަހު ވަނީ ސަމާލުކަން ދީފައެވެ.

މީގެ ތެރޭގައި ހަންގޭރީގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާ، 'އިންޓެގްރިޓީ އޮތޯރިޓީ'ގެ ދައުރު ފުޅާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ސޯވިއެޓް އިސްތިއުމާރާ ދެކޮޅަށް 1956 ވަނަ އަހަރު ހަންގޭރީން ކުރި އިންގިލާބުގެ ލީޑަރުން މަރާލި ހާދިސާގެ އަހަރީ ދުވަސް ވެސް ޕާލަމަންޓުން ވަނީ ފާހަގަކޮށްފައެވެ.

އޭރުގެ ބޮޑުވަޒީރު އިމްރޭ ނާގީ ހިމެނޭހެން، މަރާލި ހަ ލީޑަރުންގެ ނަން މަގްޔާރު ވަނީ ވިދާޅުވެފައެވެ. އަދި 1989 ވަނަ އަހަރު އެ ބޭފުޅުން އަލުން ވަޅުލި ދުވަސް ވެސް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ޕާލަމަންޓްގެ މި ޖަލްސާގައި، ބަލާޒް އޯބާން ވަނީ މަގްޔާރު ގެންނަވާ އިސްލާހުތަކުގެ ސަބަބުން ހަންގޭރީގެ އެތައް ހާސް ދަރިވަރުންނެއްގެ މުސްތަގުބަލު ނޭނގުމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މިއާއެކު ބޮޑުވަޒީރާއި ބަލާޒް އޯބާންއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

މަގްޔާރު ވިދާޅުވީ، އަންނަ އޮކްޓޫބަރު މަހު ހަންގޭރީގެ ރައްޔިތުން 1956 ގެ އިންގިލާބަށް 70 އަހަރު ފުރުން ފާހަގަކުރާނީ، ތާރީޚުގެ އާ ސަފުހާއެއް ހުޅުވައި، "މިނިވަން ދުނިޔޭގެ" ބައެއްގެ ގޮތުގައި ތިބެގެން ކަމަށެވެ.

ހަންގޭރީވިކްޓަރ އޯބާންޕީޓަރ މަގްޔާރުޓިސްޒާ ޕާޓީފިޑޭޒް ޕާޓީޔޫރަޕިއަން ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ނާކާމިޔާބެއް ކުރިމަތިވެ، އޯބަންގެ ވެރިކަން ނިމުމަކަށް

ބޮޑު ނާކާމިޔާބެއް ކުރިމަތިވެ، އޯބަންގެ ވެރިކަން ނިމުމަކަށް

13 އެޕްރީލު 2026
ހަންގޭރީ އިން ދެކޮޅު ހަދާތީ، ރަޝިޔާ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނުނިންމޭނެ

ހަންގޭރީ އިން ދެކޮޅު ހަދާތީ، ރަޝިޔާ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނުނިންމޭނެ

23 ފެބުރުއަރީ 2026
އީޔޫގެ ވެރިޔާ ދަތުރު ކުރެއްވި މަތިންދާބޯޓުގެ ނެވިގޭޝަން ސިސްޓަމަށް ހުރަސް އެޅުމުން ކަރުދާސް ޗާޓު ބޭނުން ކުރަން ޖެހިއްޖެ

އީޔޫގެ ވެރިޔާ ދަތުރު ކުރެއްވި މަތިންދާބޯޓުގެ ނެވިގޭޝަން ސިސްޓަމަށް ހުރަސް އެޅުމުން ކަރުދާސް ޗާޓު ބޭނުން ކުރަން ޖެހިއްޖެ

01 ސެޕްޓެމްބަރު 2025
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ

ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ

05 ޖުލައި 2024

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު