ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް، ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާާނެ ކަމަށް ލޫލާ އިއުލާާން ކުރައްވައިފި
3 އޯގަސްޓު 2026 | ހޯމަ 05:45ރަސްމީކޮށް ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ލޫލާ ވަނީ، ބްރެޒިލްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަންނަމުންދާ ކަމަށް ތުހުމަތު ކުރައްވައި، އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައި. އިންތިޚާބާ ދިމާކޮށް، ޤައުމުގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ބޭރުގެ އެއްވެސް ފަރާތަކަށް ބްރެޒިލްގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަަމަށް ވެސް ލޫލާ ވިދާޅުވި


ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އިއުލާާން ކުރައްވައި، ކެމްޕެއިން ލޯންޗު ކުރުމަށް ލޫލާ ބޭއްވި ޙަރަކާތުގެ ތެރެއިން | ގެޓީ އިމޭޖަސް
ބްރެޒިލްގައި ކުރިއަށް އޮތް ރިޔާާސީ އިންތިޚާބުގައި، ރައީސް ކަމުގެ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އެ ޤައުމުގެ މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އިއުލާާން ކުރައްވައި، ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފި އެވެ.
އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި އޮންނަ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފަށަމުން ލޫލާ ވަނީ، ބޭރުގެ ނުފޫޒުތަކުން ޤައުމު ސަލާމަތްކޮށް، ބްރެޒިލްގެ މިނިވަންކަމާއި، ސިޔާދަތު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.
ރަސްމީކޮށް ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ލޫލާ ވަނީ، ބްރެޒިލްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަންނަމުންދާ ކަމަށް ތުހުމަތު ކުރައްވައި، އެކަމާމެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އިންތިޚާބާ ދިމާކޮށް، ޤައުމުގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ބޭރުގެ އެއްވެސް ފަރާތަކަށް ބްރެޒިލްގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަަމަށް ވެސް ލޫލާ ވިދާޅުވި އެވެ.
ދެ ވަނަ ދައުރުގެ ކެމްޕެއިން ލޯންޗު ކުރުމަށް ލޫލާ ބޭއްވި ޙަރަކާތުގެ ތެރެއިން
އޮކްޓޫބަރު މަހުގެ ރިޔާސީ އިންތިޚާބަށް ޤައުމު ތައްޔާރުވަމުންދާއިރު، ސިޔާސީ ވާދަވެރިކަން ވަނީ އިންތިހާ އަށް ބޮޑުވެފައި އެވެ. ލޫލާގެ ކެމްޕެއިންގެ މައިގަނޑު އަމާޒަކީ ޤައުމުގެ އިސްތިޤުލާލު ހިމާޔަތް ކުރުން ކަމަށްވާއިރު، މިއީ ބްރެޒިލްގެ ކުރިމަގު ބައްޓަން ކުރުމުގައި ރައްޔިތުންނަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ.
މީގެ އިތުރުން، ބްރެޒިލްގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިފަހަރުގެ އިންތިޚާބަކީ ފަހުގެ ތާރީހެއްގައި އެ ޤައުމުގައި ބޭއްވޭނެ އެންމެ ފޯރިގަދަ އަދި އެންމެ ނުފޫޒުގަދަ އިންތިޚާބަށް ވާނެ އެވެ. ރައީސް ކަމުގެ ހަތަރު ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން ލޫލާ އިއުލާން ކުރެއްވުމާ އެކު، އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ވެސް ގެންދަނީ ކެމްޕެއިންގެ ޙަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.
ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ނިންމަވާލައްވަމުން ލޫލާ ވިދާޅުވީ، ބްރެޒިލްގެ ރައްޔިތުންގެ ނިންމުމަކީ އެންމެ މަތީ ނިންމުން ކަމަށާއި، ބޭރުގެ އެއްވެސް ސިޔާސަތަކަށް ނުވަތަ ނުފޫޒަކަށް ބްރެޒިލްގެ ޑިމޮކްރަސީ ގުޑުވައި ނުލެވޭނެ ކަމަށެވެ. ބްރެޒިލްގެ ރިޔާސީ އިންތިޚާބު އޮކްޓޫބަރު މަހުގެ ތެރޭގައި އޮންނައިރު، ބޭރުގެ ނުފޫޒުތަކާ ގުޅޭ ގޮތުން ލޫލާ ކުރައްވާ ތުހުމަތުގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ވެސް މި އިންތިޚާބަށް އޮތް ސަމާލުކަން ދަނީ އިތުރު ވަމުންނެވެ.
މީގެ ކުރިން ލޫލާ ވަނީ 2003 ވަނަ އަހަރުން ފެށިގެން، 2007 ވަނަ އަހަރަށް ފުރަތަމަ ދައުރުގައި ރައީސްކަން ކުރައްވައިފަ އެވެ. ޖެހިގެން އޮތް އިންތިޚާބު ކާމިޔާބު ކުރައްވައި، 2007 ވަނަ އަހަރުން ފެށިގެން، 2011 ވަނަ އަހަރަށް ލޫލާ ރައީސްކަން ކުރެއްވި އެވެ. އޭގެ ފަހުން ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް އޭނާ ހަވާލުވެ ވަޑައިގެންފައި ވަނީ 2023 ވަނަ އަހަރު އެވެ. އެހެންކަމުން މިއީ ހަތަރު ވަނަ ދައުރެއް ހޯއްދެވުމަށް ލޫލާ ކުރައްވާ މަަސައްކަތުގެ ފެށުމަށް ވާނެ އެވެ.
މަސްދަރު: އަލް ޖަޒީރާ










