ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިއްކާލައިފި
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ބޭނުންކުރި ޖާޒީ ނީލަމެއްގައި 4.9 މިލިއަން ޑޮލަރަށް ވިއްކާލި އިރު މިއީ، އޭނާގެ ހަނދާނީ އެއްޗަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަގު. ނިއުޔޯކުގައި ބޭއްވި މި ނީލަމުގައި ޖާޒީގެ އަގު އުފުލިގެންދިޔައީ ބްރެޒިލަށް ފުރަތަމަ ފަހަރަށް ތަށި ހޯދައިދިން ތާރީޚީ މެޗުގައި ޕެލޭ ދެއްކި މޮޅު ކުޅުމާ ގުޅިގެން ކަމަށް ބެލޭ.

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ، 1958 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލްގައި ބޭނުންކުރި ޖާޒީ، ނިއު ޔޯކް ސިޓީގައި ހުންނަ ސޮދަބީސް އޮކްޝަން ހައުސްއިން ނީލަމެއްގައި ވަނީ ވިއްކާލާފައި | ރޮއިޓާސް
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވޯލްޑް ކަޕް ޖާޒީއެއް 4.9 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.
1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ބްރެޒިލް މޮޅުކޮށްދިނުމަށް ޕެލޭ ދެ ގޯލު ޖެހިއިރު ލައިގެން ހުރި މި ޖާޒީ ވިއްކާލާފައިވަނީ 4.9 މިލިއަން އެމެރިކާ ޑޮލަރަށެވެ.
މި ނީލަން ކުރިއަށްގެންދިޔަ ސޮދަބީސް އޮކްޝަން ހައުސްއިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، މިއީ މިހާތަނަށް ޕެލޭގެ ހަނދާނީ އެއްޗެއް ވިއްކާލި އެންމެ ބޮޑު އަގެވެ. ނިއުޔޯކުގައި ބޭއްވި މި ނީލަމުގައި މި ޖާޒީ ގަތުމަށް ފަސް ފަރާތަކުން 10 ބިޑެއް ހުށަހަޅާފައިވެ އެވެ.
މި ޖާޒީގެ އަގު މިހާ ބޮޑުވެގެންދިޔަ މައިގަނޑު ސަބަބަކީ، ބްރެޒިލްގެ މި ކުޅުންތެރިޔާ އެ ޖާޒީ ބޭނުންކުރި މެޗުގެ މުހިންމުކަމުންނެވެ. 1958 ވަނަ އަހަރުގެ އެ ތާރީޚީ މެޗުގައި "މި ޖާޒީ އޮތީ އެތަނުގައެވެ."
2022 ވަނަ އަހަރު ދުނިޔެ ދޫކުރި ޕެލޭ، މުބާރާތް ބޭއްވި ސްވިޑަންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި ދެ ގޯލު ޖެހިއިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ. އެ މެޗުން ބްރެޒިލް މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.
ޕެލޭ އަކީ މިހާތަނަށް ވޯލްޑް ކަޕް ފައިނަލެއްގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އެ މެޗަކީ ބްރެޒިލުން ވޯލްޑް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބުކުރި މެޗުވެސް މެއެވެ.
އެޑްސަން އަރާންޓެސް ޑޯ ނަސިމެންޓޯ އަސްލު ނަމަކަށް ކިޔާ ޕެލޭ އަކީ ބްރެޒިލްގެ އިތުރުން މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް ކުޅުންތެރިޔާ އެވެ.
ސަދަބީސްއިން ބުނި ގޮތުގައި 1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގެ މަންޒަރުތަކަކީ ކުޅިވަރުގެ ތާރީޚުގައި އެންމެ ގިނައިން ބޭނުންކުރެވޭ ފޮޓޯތަކެވެ. އަދި އެ ތާރީޚީ ވަގުތުގައި "މި ޖާޒީ އެތަނުގައި އޮތް" ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.
މީގެ ކުރިން 2004 ވަނަ އަހަރު ބޭއްވި ނީލަމެއްގައި މި ޖާޒީ ވިއްކާލާފައިވަނީ 70,505 ޕައުންޑް (105,600 ޑޮލަރު) އަށެވެ.
ޕެލޭގެ ޖާޒީގެ އަގު ބޮޑުވި ނަމަވެސް، މިއީ ކުޅިވަރުގެ ތާރީޚުގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކާލި ހަނދާނީ އެއްޗެއް ނޫނެވެ. އެ ޝަރަފު ލިބެނީ 1932 ވަނަ އަހަރުގެ ވޯލްޑް ސީރީޒްގައި މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ ބޭބް ރޫތު ލައިގެން ހުރި ޖާޒީއަށެވެ. އެ ޖާޒީ 2024 ވަނަ އަހަރު ވިއްކާލާފައިވަނީ 24.1 މިލިއަން ޑޮލަރަށެވެ.
ނީލަން ކިޔާ ކުންފުންޏެއް ކަމަށްވާ ބޮންހަމްސްއިން ބުނާ ގޮތުގައި، މިފަދަ އަގުބޮޑު އެހެން ތަކެތީގެ ތެރޭގައި ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން 1998 ވަނަ އަހަރުގެ އެން.ބީ.އޭ ފައިނަލްގައި ލައިގެން ހުރި ޖާޒީ (10.1 މިލިއަން ޑޮލަރު) އާއި، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނުއިރު އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ލައިގެން ހުރި ޖާޒީ (9.2 މިލިއަން ޑޮލަރު) ހިމެނެ އެވެ.










