ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖެއްސި "ބިޔޯން އެގެއިން" ކޮންސެޓް ކެންސަލްކޮށްފި
29 ޖުލައި 2026 | ބުދަ 09:36ޔޫތު މިނިސްޓްރީން ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރުގެ ހުއްދަ ބާތިލުކުރުމާ ގުޅިގެން "ބިޔޯން އެގެއިން އެބާ ފޮރެވަރ" ކޮންސެޓް ކެންސަލްކުރަން ޖެހުމުން އިންތިޒާމުކުރާ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން މާލީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޓިކެޓް ގަތް ފަރާތްތަކަށް މި ހަފުތާ ތެރޭގައި ފައިސާ އަނބުރާ ދޭނެ ކަމުގެ ޔަގީންކަން އޫބާ އިވެންޓްސް އިން ވަނީ ދީފައެވެ.

ބިޔޯން އެގެއިން (Björn Again) - އަބާ (ABBA) ގެ މިއުޒިކްގެ ހަނދާންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕާފޯމް ކުރަމުން ގެންދޭ | މިޔުޒިޝަންބޭންޑްސް.ކޯ.ޔޫކޭ
ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ބިޔޯން އެގެއިން އެބާ ފޮރެވަރ" ކޮންސެޓް ކެންސަލްކުރަން ޖެހުމާ ގުޅިގެން އެ އިވެންޓް އިންތިޒާމުކުރާ އޫބާ އިވެންޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކޮންސެޓް ކެންސަލް ކުރަން ޖެހުނީ އިވެންޓް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދަނިކޮށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިިންފޮމޭޝަން އެންޑް އާޓްސް އިން ކުއްލި ގޮތަކަށް ވެނިއު އެޕްރޫވަލް ބާތިލުކުރުމާ ގުޅިގެން ކަމަށެވެ.
އޫބާ އިވެންޓްސް އިން ހާމަކުރި ގޮތުގައި މި ނިންމުން މިނިސްޓްރީން ނިންމާފައިވަނީ ސްޓޭޖް ހެދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަދި ބިޔޯން އެގެއިން ބޭންޑުގެ މެންބަރުން ރާއްޖެއަށް އައުމަށް ދަތުރުމަތީގައި ތިއްބަ އެވެ. މި ކުއްލި ނިންމުމުގެ ސަބަބުން އިންތިޒާމުކުރާ ފަރާތަށް މާލީ ގޮތުންނާއި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މީގެ އިތުރުން މި އިވެންޓުގައި ބައިވެރިވާން ތިބި ދިވެހި ފަންނާނުންނާއި ސްޕޮންސަރުންނަށް ވެސް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ސަގާފީ ގަބޫލުކުރުންތައް ހުރިހާ ފަންނާނުންވެސް އިހުތިރާމް ކުރުމަކީ އެ ކުންފުނީގެ މުހިންމު އުސޫލެއް ކަމަށާއި، ބިޔޯން އެގެއިން ބޭންޑުންވެސް އެކަންކަމަށް ފުރިހަމައަށް އަމަލުކުރަން ތިބީ ތައްޔާރަށް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިފަދަ ކުއްލި ނިންމުންތަކުގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު އެ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި އިވެންޓަށް ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ކިބައިން އޫބާ އިވެންޓްސް އިން ވަނީ މައާފަށް އެދިފަ އެވެ. އަދި ޓިކެޓް ގަތް ހުރިހާ ފަރާތްތަކަށް މި ހަފުތާގެ ތެރޭގައި ފައިސާ އަނބުރާ ދެއްކުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަމަހަމަ އަދި ލަފާކުރެވޭ ފަދަ ގަވާއިދުތަކެއް އޮތުމަށް ވަކާލާތު ކުރަމުންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.







