ބިލެތްދޫ ފުޓުބޯޅަ ދަނޑު: ނިންމަން ދިން 82 ދުވަހުގެ މުއްދަތު ފަހަނައަޅައި 750 ދުވަސް ފާއިތުވިއިރު ވެސް މަސައްކަތް ނުނިމޭތީ ކައުންސިލްގެ ކަންބޮޑުވުން!
28 ޖުލައި 2026 | އަންގާރަ 18:18ފ. ބިލެތްދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި 750 ދުވަސް ވެފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކައުންސިލުން ކުޅިވަރާ ބެހޭ މިނިސްޓަރަށް ސިޓީއެއް ފޮނުވައިފި. ދަނޑުގެ ޓާރފް އެޅުމަށްފަހު ރަބަރު ނާޅައި ގިނަ ދުވަސްވުމުގެ ސަބަބުން ދަނޑުގައި ވިނަ ފަޅައި، ފެން ހިންދާ ނިޒާމު ހަލާކުވެފައިވާތީ އެ މައްސަލަ އަވަހަށް ހައްލުކޮށްދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފައި


ފ. ބިލެތްދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ގޮސްފައިވާ ހިސާބު: ޓާރފް އެޅުމަށްފަހު ރަބަރު ނާޅައި ގިނަ ދުވަސްވުމުގެ ސަބަބުން ދަނޑުގައި ވަނީ ވިނަ ފަޅައި، ގަސް ހެދިފައި | ފ. ބިލެތްދޫ ކައުންސިލް
ފ. ބިލެތްދޫ ފުޓުބޯޅަ ދަނޑު ނިންމަން ދިން މުއްދަތު ފަހަނައަޅައި ގޮސް 750 ދުވަސް ވެފައިވާއިރު ވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ބިލެތްދޫ ކައުންސިލުން މިނިސްޓަރ އޮފް ސްޕޯޓްސް އަބްދުﷲ ރާފިއުގެ ސަމާލުކަމަށް މިކަން ގެނެސްފި އެވެ.
އެގޮތުން ބިލެތްދޫ ކައުންސިލުން މިނިސްޓަރު ރާފިއު އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ބިލެތްދޫ ފުޓްބޯޅަ ދަނޑުގެ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް މޯލްޑިވިސް އެޝުއާރ ސަޕްލައިސް އާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގެ ދަށުން 24 މާރޗް 2024 ގައި މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މަސައްކަތް ފަށާތާ 82 ދުވަސް ތެރޭގައި ނިންމަން ޖެހޭކަން އެއްބަސްވުމުގައިވާ ކަމަށެވެ.
ނަމަވެސް 82 ދުވަސް ފަހަނައަޅައި ގޮސް، 750 ދުވަސްވެފައިވާއިރު ވެސް މަސައްކަތް ނިމިފައި ނުވާތީ ކައުންސިލާއި ރަށު ރައްޔިތުން މިކަމާ ކަންބޮޑުވެފައިވާ ކަމަށެވެ.
މި ސިޓީގައި ބުނެފައިވަނީ އެޝުއާރ ސަޕްލައިސްއާ މަސައްކަތް ހަވާލުވުމާއެކު، ދަނޑުގައި އެޅުމަށް ބޭނުންވާ ޓާރފް ރަށަށް ގެނައި ނަމަވެސް، ޓާރފް ރޯލްތައް އަވިން ސަލާމަތް ކުރުމަށް އަޅާފައި ހުރި ސަތަރި ގަނޑު ވީރާނާވެ، 4 އޭޕްރީލް 2024 ގައި ޓާރފް އެޅުމާއި ހަމައަށް ޓާރފްތައް ހުރީ ދޭހައި އަތްވަކާއި ވެހޭހާ ވާރެއެއްގައި ކަމަށް ބުނެފަ އެވެ.
އަދި ޓާރފް އަޅާ ނިންމުމަށްފަހު ހިލަވެލި އަޅާފައިވާ ކަމަށާއި މިއަދާއި ހަމައަށް ވެސް ޓާރފް އަޅާފައި އަޅަން ޖެހޭ ރަބަރު އަޅާފައި ނުވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ. އަދި ވާރޭ ވެހޭ ދުވަސްވަރު، ދަނޑުގައި ފެންބޮޑުވެ ޗަކަ ހެދޭ ކަމަށާއި، ދަނޑުގެ ބައެއް ސަރަހައްދުތަކުގައި ޕިޗް ލެވަލް އާއި ކާނުތަކާއި ދެމެދު ފަރަގެއް ހުރުމުގެ ސަބަބުން ދަނޑުގެ ބައެއް ސަރަހައްދުތަކުން ފެން ނުހިނދޭ ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.
ޓާރފް އަޅައި 103 ދުވަސް ވެފައިވާއިރު ގިނަ އަދަދެއްގެ ކާނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި، ޓާރފްގެ މަތިން ބޯކޮށް ގަސް އަދި ވިނަ ފަޅައި ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް ވެސް ކަންބޮޑުވުމާއެކު ކައުންސިލުން ބުނެފައިވެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެޝުއާރ ސަޕްލައިސްގެ އެއްވެސް މުވައްޒަފެއް ބިލެތްދޫގައި ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވަމުން ދާތީ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހިއްސާކޮށް، ދަނޑަށް ދިމާވެފައިވަ މައްސަލަތައް ހައްލުކޮށް ރަނގަޅު ފެންވަރެއްގައި މި މަސައްކަތް ނިންމާ ދިނުމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ކިބައިން ކައުންސިލްގެ ފަރާތުން އެދިފައިވެ އެވެ.









