ސޯމާލިޔާގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ސޯމާލިއާގެ އައު ސަފީރު ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އޮޑަވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމީ އިއްޒަތުގެ ރަސްމިއްޔާތެއްގައި އެމަނިކުފާނުގެ ފަތްކޮޅު ރައީސް ޑރ. މުޢިއްޒަށް މިއަދު އަރުވައިފި. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި.

ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިޔާގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ | ރައީސް އޮފީސް
ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ، ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އޮޑަވާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިޔާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
އެއަށްފަހު، އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ސޯމާލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 10 މާރިޗު 1988 ގައެވެ.
މަސްދަރު: ރައީސް އޮފީސް









