ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
ޑޮމިނިކަން ރިޕަބްލިކްގެ އާ ސަފީރުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ވުމާއެކު، ތިމާވެށްޓާއި ބްލޫ އިކޮނޮމީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވި. މީގެ އިތުރުން، ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި އެއްގޮތް ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި، ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޔަޤީންކަން ދެ ބޭފުޅުން ވަނީ ދެއްވާފައި.

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި | ރައީސް އޮފީސް
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަރނާންޑޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރު، މި ރަސްމިއްޔާތަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ނޮން-ރެސިޑެންޓް ސަފީރުގެ، ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ތިމާވެށްޓާއި ބްލޫ އިކޮނޮމީގެ ދާއިރާއިން މަޝްވަރާކުރައްވައި، ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގައި ހިމެނޭ 2 ޤައުމު ކަމުގައި ވުމާއެކު، ދެ ޤައުމުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ދެބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ޑޮމިނިކަން ރިޕަބްލިކާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 2010 ގައެވެ.









