ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ - ޒަމާނީ ގަތަރުގެ މޭސްތެރިޔާ
ޒަމާނީ ގަތަރުގެ ބާނީގެ ގޮތުގައި ބެލެވޭ ޝައިޚް ހަމަދުގެ ޒައާމަތުގައި އެ ގައުމުގެ އިގްތިސާދާއި ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ގައުމަށް ގަތަރު ހެއްދެވި. އަލްޖަޒީރާ ނެޓްވޯކާއި ގަތަރު ފައުންޑޭޝަން ފަދަ މުހިންމު މުއައްސަސާތައް އުފެއްދެވި ޝައިޚް ހަމަދު ވަނީ 2013 ވަނަ އަހަރު އަމިއްލަ އިޚްތިޔާރުގައި ވެރިކަން ދޫކޮށްލައްވައި ނަމޫނާ ދައްކަވައިފައި.

ގަތަރުގެ ދޯހާގައި އަލަށް ބިނާކޮށްފައިވާ މިއުޒިއަމް އޮފް އިސްލާމިކް އާޓްގެ ބޭރުގައި، އެ ގައުމުގެ ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އައްޘާނީ ފެންނަ ތަސްވީރެއް | ގެޓީ އިމޭޖަސް
ޒަމާނީ ގަތަރުގެ ބާނީ، ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ އެވެ. ގުދުރަތީ ގޭހުގެ މުއްސަނދިކަމާއި، ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ އިސްލާހީ މަޝްރޫއުތަކެއްގެ އެހީގައި، ގަލްފުގެ ކުޑަކުޑަ ގައުމެއްގެ ގޮތުގައި އޮތް ގަތަރު، ދުނިޔޭގެ އެންމެ މުއްސަނދި އަދި ނުފޫޒުގަދަ އެއް ގައުމަށް ބަދަލުކޮށްލެއްވި ކުރީގެ އަމީރު އަވަހާރަވީ އުމުރުފުޅުން 74 އަހަރުގަ އެވެ.
އާންމުންނާ ގާތް ގުޅުމެއް ބޭއްވެވި، ގިނަ ބައެއްގެ އިހުތިރާމް ހޯއްދެވި ޝަޚްސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވުނު ގަތަރުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 1995 ވަނަ އަހަރު އެވެ. ޒަމާނީ ގަތަރުގެ ބާނީގެ ގޮތުގައި ބެލެވޭ ޝައިޚް ހަމަދު ވަނީ އެ ގައުމުގެ ތަރައްގީއާއި، އިސްލާހީ މަސައްކަތްތަކާއި ތައުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަގުނަ މަޝްރޫއުތަކެއް ފަށްޓަވައިފަ އެވެ.
ޝައިޚް ހަމަދުގެ ޒައާމަތުގައި ގަތަރުގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން 24 ގުނައަށް ވުރެ ބޮޑަށް އިތުރުވެގެންދިޔަ އެވެ. އަދި އެ ގައުމުގެ "ނޯތު ފީލްޑް" އިން ގޭސް އުފައްދަން ފެށުމާއެކު، 2006 ވަނަ އަހަރުގެ ނިޔަލަށް ގަތަރު ވެގެންދިޔައީ ދުނިޔޭގައި އެންމެ ގިނައިން ދިޔާ ގުދުރަތީ ގޭސް (އެލްއެންޖީ) އެކްސްޕޯޓްކުރާ ގައުމަށެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭގެ ހަތަރު އަހަރު ފަހުން އެ ގައުމުގެ އެލްއެންޖީ އުފެއްދުމުގެ ގާބިލުކަން އަހަރަކު 77 މިލިއަން ޓަނަށް ވަނީ އިތުރުވެފަ އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ގަތަރު ފައުންޑޭޝަން އުފެއްދެވުމާއި، 1996 ވަނަ އަހަރު އަލްޖަޒީރާ ނިއުސް ޗެނަލް އިފްތިތާހުކުރެއްވުމުގެ އިތުރުން، 2004 ވަނަ އަހަރު ގަތަރުގެ ފުރަތަމަ ދާއިމީ ގާނޫނުއަސާސީ ތަސްދީގުކުރެއްވި އެވެ. އަދި އަންހެނުންނަށް ވޯޓުލުމުގެ ހައްގާއި އިންތިޚާބުތަކުގައި ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދިޔަ މުނިސިޕަލް އިންތިޚާބުތައް ތައާރަފުކުރެއްވީވެސް އެމަނިކުފާނުގެ ޒައާމަތުގަ އެވެ. ޝައިޚް ހަމަދުގެ އިރުޝާދުގެ ދަށުން ގަތަރުން ވަނީ "ގަތަރު ނޭޝަނަލް ވިޜަން 2030" އެކުލަވައިލައި، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތުވެސް ކާމިޔާބުކޮށްފަ އެވެ.
ޖެނުއަރީ 1952 ގައި ދޯހާއަށް އުފަންވެވަޑައިގަތް ޝައިޚް ހަމަދު ތައުލީމު ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހަރސްޓްގަ އެވެ. އޭގެ ފަހުން ގަތަރުގެ ސިފައިންގެ ކޮމާންޑަރުކަން ކުރެއްވުމަށްފަހު، 1977 ވަނަ އަހަރު ވަލީއަހުދު ކަމާއި ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތެވެ. ޖޫން 27، 1995 ގައި އަމީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޖޫން 25، 2013 ގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ބާރުތައް ދަރިކަލުން ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ހަވާލުކުރައްވައިފަ އެވެ.
ވެރިކަމުން ދުރުވެވަޑައިގަންނަވާކަން އިއުލާންކުރައްވައި، އިނގިރޭސިވިލާތުން ތައުލީމު ހާސިލުކުރެއްވި އޭރު އުމުރުފުޅުން 33 އަހަރުގެ ވަލީއަހުދު ޝައިޚް ތަމީމް އާ ވެރިކަން ހަވާލުކުރައްވަމުން ޝައިޚް ހަމަދު ވިދާޅުވީ، ގައުމުގެ މުސްތަގުބަލު އޮތީ ޒުވާން ޖީލުގެ އަތްމަތީގައި ކަމަށާއި، މިއީ ޒުވާން ލީޑަރޝިޕަކުން ގައުމުގެ ދިދަ އުފުލާނެ އާ ދައުރެއްގެ ފެށުން ކަމަށެވެ.
ގައުމުގެ ވެރިޔަކު އަވަހާރަވުމުން ނުވަތަ ބަޣާވާތަކުން ނޫން ގޮތަކަށް، އަމިއްލަ އިޚްތިޔާރުގައި ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމަކީ އެ ސަރަހައްދުގެ ގައުމުތަކުން ވަރަށް މަދުން ނޫނީ ނުފެންނަ ނަމޫނާ ކަމެކެވެ.





