އިންސާނުންގެ ދަތްތަކާ ވައްތަރު ދަތްތަކެއް ހުންނަ ވިހަ މަހެއްގެ އުނދަގޫ ގްރީސް ގައި ބޮޑުވެއްޖެ
މި މަހުގެ ސަބަބުން މަސްވެރިންގެ އާލާތްތަކަށް ގެއްލުންވެ، މޫދަށް އެރި އުޅޭ މީހުންނަށް ހަމަލާދީ ޒަޚަމްކުރަމުންދާތީ، ގްރީސްގެ ސަރުކާރުން މިހާރު ވަނީ މި މަސް ހިފާ މަސްވެރިންނަށް މާލީ އިނާމެއް ދިނުމަށް ނިންމާފައި. ފުރާނައަށް ނުރައްކާވާ ފަދަ ބާރުގަދަ ވިހައެއް އެކުލެވޭ މި މަސްތައް ނައްތާލުމަށް ސަރުކާރުން ފެށި މި މަޝްރޫއުގެ ދަށުން، ބާނާ މަސްތައް ކަމާބެހޭ މަރުކަޒުތަކުގައި އަންދާލުމަށް ވަނީ ހަމަޖެހިފައި.

ގްރީސްގެ ދެކުނުގެ ރަށެއް ކަމަށްވާ ކްރީޓްގެ މަސްވެރިންތަކެއް ބޭނި "ސިލްވަރ-ޗީކްޑް ޓޯޑްފިޝް" އެއް ބާއްވާފައި އޮތް މަންޒަރު. | އިންޓައިމް ނިއުސް
އިންސާނުންގެ ދަތްތަކާ ވައްތަރު ދަތްތަކެއް ހުންނަ ވިހަ މަހެއްގެ ސަބަބުން ގްރީސްގެ ރަށްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މެޑިޓެރޭނިއަން ކަނޑުގެ އުތުރަށް ހިޖުރަކުރަމުންދާ މި ނުރައްކާތެރި މަސް ހިފާ މަސްވެރިންނަށް، ގްރީސްގެ ސަރުކާރުން މިހާރު ވަނީ އިނާމެއް ހުށަހަޅާފަ އެވެ.
"ސިލްވަރ-ޗީކްޑް ޓޯޑްފިޝް" ގެ ނަމުން ނަންދެވިފައިވާ މި މަހަކީ، އިންސާނުންގެ ދަތްތަކާ ދާދި އެއްގޮތް ވަރުގަދަ ދަތްތަކެއް ހުންނަ މަހެކެވެ. މި މަހުގެ ހަމާއި ގުނަވަންތަކުގައި ބާރުގަދަ "ނިއުރޯޓޮކްސިން" އެއް އެކުލެވިގެންވެ އެވެ. މިއީ އިންސާނުން ކައިފިނަމަ ހިތް ހުއްޓުމަށް މެދުވެރިވާ ފަދަ ނުރައްކާތެރި ވިހައެކެވެ.
ގްރީސްގެ މަސްވެރިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކާއެކު އާންމުންގެ މެދުގައި މިކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެ ގައުމުގައި "ލާގޯކެފަލޯސް" ގެ ނަމުން މަޝްހޫރުވެފައިވާ މި މަސް، ދަގަނޑު ދަޅާއި ލަކުޑިބުރި ފަދަ ތަކެތީގައި ދަތްއަޅައި ހަލާކުކޮށްލާ މަންޒަރު މި ވީޑިއޯތަކުން ފެނެ އެވެ.
މިކަމާ ގުޅިގެން ގްރީސްގެ ރެޑް ކްރޮސްއިން ވަނީ ސިއްހީ އިންޒާރެއް ނެރެފަ އެވެ. އެ އިދާރާއިން ވަނީ މި މަސް ދަތްއެޅުމުގެ ސަބަބުން ލޭއަންނަ ހާލަތްތަކުގައި އަމަލުކުރާނެ ފަސްޓް އެއިޑް އުސޫލުތައް ބަޔާންކޮށް، މަހުގެ ގުނަވަންތަކުގައި ހުންނަ ފުރާނައަށް ނުރައްކާވާ ފަދަ ވިހައާ މެދު އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ގްރީސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތެންސް ކައިރީގައި އޮންނަ ވަރްކިޒާ ބީޗުގައި މޫދަށް އެރި އުޅުނު އަންހެނަކަށް މި މަސް ހަމަލާދީ ވަނީ ޒަޚަމްކޮށްލާފަ އެވެ. މި ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންގޮސް، ޒަޚަމްވި ތަން ފަހަން ޖެހުނު ކަމަށް މީޑިއާތަކުން ބުނެއެވެ.
ބެލެވޭ ގޮތުގައި މި މަސްތައް މެޑިޓެރޭނިއަން ކަނޑަށް ހިޖުރަކޮށްފައިވަނީ ސުއޭޒް ކެނަލް ހުރަސްކޮށެވެ. މިއީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭއިރު، މި މަސްތަކުގެ އުނދަގޫ ބޮޑުވުމުން ސައިޕްރަސްއިން ވެސް ވަނީ މިއަހަރުގެ ކުރީކޮޅު މިފަދަ މަސް ހިފުމުގެ ޕްރޮގްރާމެއް ފަށާފަ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ގްރީސްގެ ރިސޯޓްތައް ހުންނަ ރަށްތަކުގެ މޫދަށް އެރޭ ސަރަހައްދުތަކުން އަދި މި މަސް ފެނިފައެއް ނުވެ އެވެ. ނަމަވެސް، ފާއިތުވި ހަފުތާތަކުގައި ކްރީޓް އާއި ގްރީސްގެ އެހެން ބައެއް ރަށްތަކުގެ ކަނޑުގެ ސަރަހައްދުތަކުގައި މި މަސްތައް ވަނީ މަސްވެރިންގެ ދާތައް ހަލާކުކޮށްލައި، ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
"ކަންތައްތައް މިހާރު ގޮސްފައި އޮތް ހިސާބަކީ، އެއް ދުވަހު މަހަށް ގޮސްފައި، ޖެހިގެން އަންނަ ތިން ދުވަހު އަހަރެމެން މި ތިބެނީ ދާ މަރާމާތުކުރަން،" ކްރީޓްގެ މަސްވެރިންގެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ ގިއޯގޯސް ކިރިއަކާކިސް ހުކުރު ދުވަހު ގްރީސްގެ ދައުލަތުގެ މީޑިއާ އީ.އާރް.ޓީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މި މަސްތައް މަސްވެރިން ބާނާ މަސްތައް ކައި ހުސްކުރުމުގެ އިތުރުން ދާތަކަށް ދޭ ގެއްލުމުގެ ސަބަބުން މަސްވެރިންނަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހެ އެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މި މަސް ހިފައިގެން ގެންނަ މަސްވެރިންނަށް، ކޮންމެ ކިލޯއަކަށް 5.33 ޔޫރޯ (ގާތްގަނޑަކަށް 2.75 ޑޮލަރު) ދިނުމަށް ގްރީސްގެ ސަރުކާރުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ނިންމާފަ އެވެ.
"މިއީ ގްރީސްގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު،" ޔޫރަޕިއަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަދި މިހާރުގެ އެގްރިކަލްޗާ މިނިސްޓަރު މާގަރިޓިސް ޝިނާސް، ވިދާޅުވި އެވެ.
މިނިސްޓަރު ޝިނާސް ވިދާޅުވި ގޮތުގައި، "ޕަފަރފިޝް" އާއިލާއަށް ނިސްބަތްވާ މި މަސްތައް ހިފުމަށްފަހު ގަނޑުކޮށް، ސަރުކާރުގެ ކަމާބެހޭ މަރުކަޒުތަކުގައި އަންދާލާނެއެވެ. އަދި މިހާރު މި މަހުގެ އުނދަގޫ ފޯރާފައިވާ ރަށްތަކުގެ އިތުރުން، ގްރީސްގެ ހުރިހާ ކަނޑުގެ ސަރަހައްދުތަކަށް މި މަޝްރޫއު ފުޅާކުރުމަށް ގަސްދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.




