މަޝްހޫރު "ބްރޭކިންގ ބޭޑް" އިން ފެނިގެންދިޔަ އެކްޓަރު އެސްޕޮސިޓޯ އިސްލާމްވެއްޖެ
މަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރީ ސައުދީ އަރަބިއްޔާގައި ފިލްމީ މަސައްކަތްތަކެއްގައި އުޅުމުގެ ތެރޭގައި އެ ގައުމުގެ މުސްލިމުންގެ ފަރާތުން ފެނުނު ރަނގަޅު އަޚުލާގާއި މެހެމާންދާރީގެ ސަބަބުން. އޭނާ ވަނީ މިސްކިތެއްގައި ޝަހާދަތުގެ ދެކަލިމަ ކިޔައި، ފިލްމީ ކްރޫއާއެކު ނަމާދުގައި ބައިވެރިވެފައި. "ބްރޭކިންގ ބޭޑް" އިން ބޮޑު މަގުބޫލުކަމެއް ހޯދި މި އެކްޓަރު ދީން ބަދަލުކުރިކަން ހާމަކުރެއްވީ ސައުދީގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް-ޝައިޚް.

ޓެކްސަސްގެ އޮސްޓިންގައި ހުންނަ ދަ ސްޓޭޓް ތިއޭޓަރުގައި 2026 މާރިޗު 12 ވީ ބުރާސްފަތި ދުވަހު ބޭއްވި 2026 ވަނަ އަހަރުގެ އެސްއެކްސްއެސްޑަބްލިއު (SXSW) ކޮންފަރެންސް އެންޑް ފެސްޓިވަލްގެ ތެރެއިން، "ކިލް މީ" ފިލްމުގެ ޕްރިމިއާގައި މަޝްހޫރު އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ ބައިވެރިވަނީ. | ގެޓީ އިމޭޖަސް
މަޝްހޫރު ޓީވީ ސިލްސިލާ "ބްރޭކިންގ ބޭޑް" ގައި ގަަަސް ފްރިންގްގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ، ސައުދީ އަރަބިއްޔާގައި ހުރި ދުވަސްވަރު އިސްލާމްދީން ގަބޫލުކޮށްފި ކަމަށް އެ ގައުމުގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް-ޝައިޚް ވިދާޅުވެއްޖެއެވެ.
އަލް-ޝައިޚް ވިދާޅުވި ގޮތުގައި، އެސްޕޮސިޓޯ ވަނީ ޝަހާދަތުގެ ދެކަލިމަ ކިޔައި، މަގްރިބް ކަރައިގެ މިސްކިތެއްގައި ވަނީ ނަމާދުގައި ބައިވެރިވެފައެވެ.
ފިލްމާއި ޓީވީގެ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރި މި އެކްޓަރަކީ "ބްރޭކިންގ ބޭޑް" ގެ އިތުރުން "ބެޓަރ ކޯލް ސޯލް"، "ދަ މެންޑަލޯރިއަން" އަދި ހޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ފަންނާނެކެވެ. "ބްރޭކިންގ ބޭޑް" ގައި އޭނާ ކުޅުނު ރޯލަށް ބައިނަލްއަގުވާމީ ފެންވަރުގައި ތައުރީފު ލިބިފައިވާއިރު، ގިނަ އެވޯޑްތަކަކަށް އޭނާ ނޮމިނޭޓްވެފައިވެއެވެ.
އަލް-ޝައިޚް ވިދާޅުވި ގޮތުގައި، އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރަން ނިންމީ ސައުދީ އަރަބިއްޔާގައި ހޭދަކުރި ދުވަސްތަކުގައި ލިބުނު ރަނގަޅު ތަޖުރިބާތަކާއި، އެ ގައުމުގައި މަސައްކަތް ކުރިއިރު މުސްލިމުންނާއެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުންނެވެ.
އެސްޕޮސިޓޯ ފިލްމު ކުޅުމުގެ މަސައްކަތުގައި އުޅުނުއިރު، އެ ގައުމުގެ މުޖުތަމައުގެ ފަރާތުންނާއި މީހުންގެ ފަރާތުން ފެނުނު މެހެމާންދާރީއަށް އޭނާ ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ ކަމަށްވެސް އަލް-ޝައިޚް ވިދާޅުވިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެސްޕޮސިޓޯ ވަނީ މިސްކިތެއްގެ ތެރޭގައި ފިލްމީ ޓީމުގެ މެންބަރުންނާއެކު ނަމާދުކޮށްފައެވެ.





