ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި
އެމެރިކާގެ ބައިވެރިންނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ޚިލާފު އަމަލެއް ކަމަށް އީރާނުގެ ހިއުމަން ރައިޓްސް ހައި ކައުންސިލުން ވަނީ ބުނެފައި. މިފަދަ ނިންމުންތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންގެ އަސާސީ ހައްގުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި، އެމެރިކާގެ މި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެ ކައުންސިލުން ވަނީ ގޮވާލާފައި. އީރާނުގެ މިލްކިއްޔާތަށް އަތްގަދަކުރުމަކީ ދައުލަތްތަކުގެ ސިޔާދަތީ ހަމަހަމަކަމުގެ އުސޫލާ ފުށުއަރާ ކަމެއްކަން ފާހަގަކޮށް، މި މައްސަލައިގައި އެމެރިކާ ޒިންމާދާރުކުރުވާނެ ކަމަށްވެސް އެ ގައުމުން ބުނެފައިވެއި.

އީރާނުގެ ގައުމީ ދިދަ. | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ އުދުވާނީ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ބައެއް ބައިވެރިންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އީރާނުގެ މުދަލާއި ފައިސާ ބޭނުންކޮށްފާނެ ކަމަށް ބުނެ އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ދެއްކެވި ވާހަކަތައް އީރާނުގެ ހިއުމަން ރައިޓްސް ހައި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ހޮނިހިރު ދުވަހު އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ މިފަދަ ވާހަކަތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ގެންގުޅޭ އެއްފަރާތްތަކުން ނިންމާ ސިޔާސަތުތަކާއި، ގާނޫނާ ޚިލާފަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮތަށް ހުރި މިފަދަ ނިންމުންތަކަކީ، ދައުލަތްތަކުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި ދައުލަތުގެ މިލްކިއްޔާތަށް ލިބިގެންވާ ރައްކާތެރިކަމުގެ އުސޫލުތަކާ ޚިލާފު ކަމެއް،" އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، ޕާޝިއަން ގަލްފްގައި ތިބި ވޮޝިންޓަންގެ ބައިވެރިންނަށް އީރާނުގެ ސަބަބުން ލިބޭ ކޮންމެ ގެއްލުމެއްގެ ބަދަލު ނަގާނީ އީރާނުގެ އެކައުންޓްތަކުން ކަމަށެވެ. މިއީ ތެހެރާނަށް އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން އިތުރު ފިއްތުންތައް ކުރިމަތިކުރުވާނެ ކަމުގެ އިޝާރާތެކެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއްވެސް ސަރުކާރަކަށް އަނެއް ދައުލަތެއްގެ މުދަލާއި ފައިސާ އެއްފަރާތްތަކުން އަތުލައިގަތުމަށް ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދަ ލިބިގެން ނުވާކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނީ އިމުގެ ތެރެއިން ކަންކަން ހިންގުމަށް އޮންނަ އުސޫލުތަކަށް ބުރޫއަރާނެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
މުދަލާއި ފައިސާ ހިފެހެއްޓުމާއި އެއްފަރާތްތަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ތަރައްގީވުމުގެ ހައްގާއި، ސިއްހީ ހައްގުތަކާއި، އިގްތިސާދީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ހިމެނޭހެން އަސާސީ ހައްގުތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މިފަދަ ސިޔާސަތުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކުގެ ރޫހާއި އުސޫލުތަކާ ފުށުއަރާ ކަންކަން،" ކައުންސިލުން ބުންޏެވެ.
އީރާނުގެ ގައުމީ މުދަލާއި ފައިސާ އަތުލައިގަތުމާ ގުޅޭގޮތުން ކުރާ އެއްވެސް ދައުވާއެއް ނުވަތަ ހިންގާ އަމަލެއް އެ ގައުމުން ވަނީ މުޅިން ދޮގުކޮށްފައެވެ. އަދި މިފަދަ އަމަލެއްގެ ސަބަބުން ނުކުމެދާނެ އެންމެހާ ނަތީޖާތަކަށް އެމެރިކާ ގާނޫނީ ގޮތުން ޒިންމާވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބަޔާނުގައިވާ ގޮތުން، ގާނޫނީ އަދި ބައިނަލްއަގުވާމީ ހުރިހާ އުސޫލުތަކެއްގެ ތެރެއިން މި މައްސަލަ ކުރިއަށް ގެންދިއުމުގެ ހައްގު އީރާނަށް ލިބިގެންވެއެވެ.
މީގެ އިތުރުން، އެމެރިކާގެ މިފަދަ ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށާއި، އދ. ގެ އިދާރާތަކަށާއި، ގާނޫނީ ސިޔާދަތު ދަމަހައްޓާ ފަރާތްތަކަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.
"މިފަދަ ގާނޫނާ ޚިލާފު އަމަލުތަކުން ގައުމުތަކުގެ ހައްގުތައް ބައިނަލްއަގުވާމީ މުޖުތަމައުން ރައްކާތެރިކޮށްދޭންޖެހޭނެ،" ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.







