އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
އެމެރިކާއާއި އިސްރާއީލުން ފަހުމުނާމާތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ، އީރާނުން ސްޓްރެޓީޖިކް ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅި ހުރިހާ އުޅަނދުފަހަރަކަށް ބަންދުކޮށްފި. އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ފިޔަވަޅަކީ އިސްރާއީލުން ލުބުނާނުގައި ހިންގާ އުދުވާނުތަކާއި އެމެރިކާއިން އެއްބަސްވުމުގެ މާއްދާތަކާ ޚިލާފުވުމުން ދިން ރައްދެއް. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އައި.އާރު.ޖީ.ސީ އިން ވަރުގަދަ އިންޒާރެއް ދީފައިވާއިރު، ދުޝްމަނުން ޒިންމާތައް ފުރިހަމަކުރަންދެން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައި.

އީރާނުން އަނެއްކާވެސް ހުރްމުޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފައި. | ޕްރެސް ޓީވީ
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ފަހުމުނާމާއާ އެމެރިކާ އާއި އިސްރާއީލުން ޚިލާފުވެފައިވާ ކަމަށް ބުނެ، ހުރްމުޒް ކަނޑުއޮޅި ހުރިހާ އުޅަނދުފަހަރަކަށް ބަންދުކޮށްފިކަން އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
ހޮނިހިރު ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައި ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްއިން ބުނީ، ކަނޑުއޮޅި ބަންދުކުރަން ނިންމީ ހަނގުރާމައަށްފަހު އެމެރިކާއާއެކު ވެފައިވާ ފަހުމުނާމާގެ ފުރަތަމަ މާއްދާއާ އެމެރިކާއިން ސާފުކޮށް ޚިލާފުވުމާ ގުޅިގެންނާއި، ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ސިލްސިލާކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާތީ ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާގެ މި ބަޔާން ފަށާފައިވަނީ، ވައުދާ ޚިލާފުވާ ދީނާ ދެކޮޅު ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރަންޖެހޭ ސަބަބު ބަޔާންކޮށްދޭ ކީރިތި ޤުރުއާނުގެ އާޔަތަކުންނެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރީ، ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއެކު އިސްރާއީލުން ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ، އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ދެކުނުން އެތައް ލައްކަ ބަޔަކު ހާލުގައި ޖެހި، ރަހުމުކުޑަ ގޮތަކަށް މީހުން މަރަމުންދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ސަރަހައްދުތަކުން ފޭރިގަނެފައިވާ ބިންތަކުން އިސްރާއީލުގެ ސިފައިން ބޭލުމަށްވެސް އެ ގައުމުން ނުކުޅެދިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އީރާނުގެ އަސްކަރީ ކޮމާންޑުން ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަކީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ފަހުމުނާމާއާ ޚިލާފުވުމުން ދޭ ފުރަތަމަ ރައްދެވެ. އަދި ދުޝްމަނުން އެމީހުންގެ ޒިންމާތައް ފުރިހަމަކުރުމަށް މަޖުބޫރުކުރުވުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.
އީރާނާއި އެމެރިކާގެ ރައީސުން ބުދަ ދުވަހުގެ ކުރީކޮޅު ސޮއިކުރެއްވި މި ފަހުމުނާމާގެ މަގްސަދަކީ، ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށިގެން އޭޕްރީލް މަހުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމާ ހަމައަށް އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ އުދުވާނީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމެވެ.
ޖުމްލަ 14 މާއްދާގެ މައްޗަށް އެކުލެވޭ މި ފަހުމުނާމާގައިވާ ގޮތުން، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅި އީރާނުން އަލުން ހުޅުވާލަންޖެހެނީ، އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން އީރާނަށާއި އީރާނުގެ ސަރަހައްދީ ބައިވެރިންނަށް ދޭ ހަމަލާތައް މުޅިން ހުއްޓާލުމުންނެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ނޭވީން ވެސް ވަނީ ޕާޝިއަން ގަލްފާއި ގަލްފް އޮފް އޮމާން ހުރަސްކުރާ ހުރިހާ އުޅަނދުފަހަރަކަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށާއި، އެ ސަރަހައްދާ ކައިރިވާ އުޅަނދުފަހަރަށް އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުގެ ސަރަހައްދަށް އެއްވެސް އުޅަނދެއް ވަނުމުން ދުރުހެލިވުމަށް އިންޒާރު ދެމުން އެ ބަޔާނުގައި ބުނެފައިވަނީ، އެ އެންގުމާ ޚިލާފުވާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށެވެ.
"ވަކި ގޮތެއް އަންގަންދެން ހުރްމުޒް ކަނޑުއޮޅީގައި އެއްވެސް ހަރަކާތެއް ހިންގުމުން މުޅިން ދުރުހެލިވުމަށް" އެ ބަޔާނުގައި އަންގާފައިވެއެވެ.
އީރާނުން ބުނި ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވަމުންދާތީއެވެ.







