ޒިމްބާބުވޭގައި ރައްޔިތުންގެ ސީދާ ވޯޓުކުން ރައީސް އިންތިޚާބު ކުރާ ގޮތައް އޮންނަ އޮތުން އުވާލުމަށް ބިލެއް ފާސްކޮށްފި
ޒިމްބާބުވޭގެ ގާނޫނުއަސާސީއަށް ގެންނަ މި އިސްލާހާ ގުޅިގެން ރައްޔިތުންގެ ސީދާ ވޯޓުން ރައީސަކު ހޮވުމުގެ ބަދަލުގައި، ދެން އެ ގައުމުގެ ރައީސަކު އިންތިޚާބު ކުރާނީ މަޖިލީހުގެ މެންބަރުން. މި ބަދަލަކީ ވެރިކަން ކުރާ ޕާޓީގެ ބާރުތައް ދަމަހައްޓައި، ރައީސް އެމަރސަން މުނަންގަގްވާގެ ދައުރު އިތުރުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު، މީގެ ސަބަބުން ގައުމުގެ ޑިމޮކްރެޓިކް ނިޒާމާއި ޒިންމާދާރުކުރުވުމުގެ ރޫހު މުޅިން ނެތިގެންދާނެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނޭ.

ޒިމްބާބުވޭގެ ވެރިކަންކުރާ ޕާޓީ، ޒިމްބާބުވޭ އެފްރިކަން ނޭޝަނަލް ޔޫނިއަން ޕެޓްރިއޮޓިކް ފްރަންޓް (ޒަނޫ-ޕީއެފް) އަށް ތާއީދުކުރާ ފަރާތްތަކުން، 2023 ޑިސެމްބަރު 7 ވަނަ ދުވަހު ހަރާރޭގައި ބޭއްވި ކެމްޕޭން ރެލީއެއްގެ ތެރެއިން. | ގެޓީ އިމޭޖަސް
ޒިމްބާބުވޭގައި ރައީސަކު އިންތިޚާބު ކުރުމަށް ރައްޔިތުންގެ މެދުގައި ބާއްވާ ސީދާ ވޯޓު އުވާލައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ވޯޓުން ރައީސަކު ހޮވާ ގޮތަށް ހެދުމަށް ހުށަހަޅާފައިވާ ބިލު އެ ގައުމުގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މީގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި މީގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމުގެ ޒިންމާދާރުކަން ކުޑަވެ، ވެރިކަން ކުރާ ޕާޓީގެ ބާރުތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.
"މުޅި ރައްޔިތުންގެ ފަރާތުން ރައީސަކު ހޮވާނީ މި މީހުން ކަމަށް ގަބޫލުކުރަން ވެސް ދަތި،" ހަރާރޭގެ ގްލެން ވިއު ސަރަހައްދުގައި ދިރިއުޅޭ އުމުރުން 38 އަހަރުގެ ބާނަބަސް ގުރާ އަލްޖަޒީރާއަށް ކިޔައިދިނެވެ. އޭނާ އިތުރަށް ބުނި ގޮތުގައި 15 މިލިއަން މީހުންގެ އާބާދީއެއްގެ ފަރާތުން މަޖިލީހުގެ އެންމެ 210 މެންބަރުން ވޯޓު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގާނޫނުއަސާސީއަށް ހުށަހެޅި ތިންވަނަ އިސްލާހުގެ ބިލު މަޖިލީހުން ފާސްކުރީ 216 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 42 މެންބަރުންނެވެ. މި ބިލު ދެން ހުށަހަޅާނީ ސެނެޓަށެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ސެނެޓުން ވެސް ލިބޭނެ ކަމަށް ބެލެވެއެވެ.
މި ބިލުގެ މަގްސަދަކީ ޒިމްބާބުވޭގެ 2013 ވަނަ އަހަރުގެ ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ރައްޔިތުންގެ ސީދާ ވޯޓުން ރައީސަކު އިންތިޚާބު ކުރުމުގެ ބަދަލުގައި، ސެނެޓާއި ގައުމީ މަޖިލީހުގެ ގުޅިފައިވާ ޖަލްސާއަކުން ރައީސަކު އިންތިޚާބު ކުރާ ގޮތަށް ހެދުމެވެ.
މި ބިލު ހުށަހެޅުއްވި ޖަސްޓިސް މިނިސްޓަރު ޒިޔާމްބީ ޒިޔާމްބީ ވަނީ، މި ބަދަލުތަކުގެ ސަބަބުން ޒިމްބާބުވޭގެ ގާނޫނީ ނިޒާމަށް ބުރޫއަރާނެ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވާފައެވެ.
ޖޫން މަހުގެ 3 ވަނަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޒިޔާމްބީ ވިދާޅުވީ، މި ބިލަކީ ގާނޫނީ ނިޒާމު ދޫކޮށްލުމެއް ނޫން ކަމަށާއި، އެއީ އެ ނިޒާމު އިތުރަށް ފުރިހަމަކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.
އޭނާ މެންބަރުންނަށް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް އަމަލުކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ގައުމީ ކުރިއެރުމަށްޓަކައި އެ މާއްދާތައް އިތުރަށް ހަރުދަނާކޮށް ތަރުތީބުކުރަން ޖެހެއެވެ. އަދި މި ބިލާ ގުޅޭގޮތުން، ޚާއްސަކޮށް ސޯޝަލް މީޑިއާގައި ގިނަ ދޮގު މައުލޫމާތުތަކެއް ފަތުރަމުންދާ ކަމަށް ޒިޔާމްބީ ފާހަގަކުރެއްވިއެވެ.
"މި ބިލުގެ ސަބަބުން ރައީސަށް ތިންވަނަ ދައުރެއް ނުލިބޭނެ، އަދި ދައުރުގެ މުއްދަތެއް ވެސް އިތުރެއް ނުވާނެ. މިއީ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމެއް ނޫން، އަދި އިންތިޚާބު ފަސްކުރުމެއް ވެސް ނޫން. މީގެ ސަބަބުން ރައީސްގެ އަތްޕުޅަށް ހުރިހާ ބާރުތަކެއް ޖަމައެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުން މި ވާހަކަތައް ގަބޫލެއް ނުކުރެއެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ސިޔާސީ ނިޒާމުގެ މައްޗަށް ރައީސް އެމަރސަން މުނަންގަގްވާގެ ނުފޫޒު ގަދަވެ، 2028 ވަނަ އަހަރު އޭނާގެ ދައުރު ހަމަވުމުން ވެސް ވެރިކަމުގައި ދެމިހުރުމަށް މަގުފަހިވެގެންދާނެއެވެ.
ބިލުގެ ސަބަބުން ޑިމޮކްރަސީއަށް ނުރައްކާ
ވެރިކަން ކުރާ ޒިމްބާބުވޭ އެފްރިކަން ނޭޝަނަލް ޔޫނިއަން-ޕެޓްރިއޮޓިކް ފްރަންޓް (ޒަނޫ-ޕީއެފް) އާއި އިދިކޮޅު ސިޓިޒަންސް ކޯލިޝަން ފޯ ޗޭންޖް (ސީސީސީ) ގެ ބައެއް މެންބަރުން ހިމެނޭ ގޮތަށް މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، މީގެ ސަބަބުން ސިޔާސަތުތައް ދިގު މުއްދަތަކަށް ދެމެހެއްޓުމަށާއި މުނަންގަގްވާގެ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އިތުރު ވަގުތު ލިބޭނެ ކަމަށެވެ.
އެކަމަކު އެ ގައުމުގެ ބައެއް އާއްމު ރައްޔިތުން މި ވާހަކަތަކެއް ގަބޫލެއް ނުކުރެއެވެ.
އަލްޖަޒީރާ އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ފަގީރުކަމުގައި އުޅޭ ޒިމްބާބުވޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ދެ އަހަރުން އެއްވެސް ބަދަލެއް ނާންނާނެއެވެ. "ވޭތުވެދިޔަ އަށް އަހަރު މުނަންގަގްވާ ވަނީ ނާކާމިޔާބުވެފައި. މީގެ ފައިދާ ކުރަނީ ހަމައެކަނި ވެރިކަން ކުރާ ފަންތީގެ ގާތް މީހުންނަށް. އިތުރު ވަގުތު ދިނުމަކުން އެއްވެސް ތަފާތެއް ނުފެންނާނެ،" އޭނާ ބުންޏެވެ.
1980 ވަނަ އަހަރު ޒިމްބާބުވޭއަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަން ކުރަމުން އަންނަނީ ޒަނޫ-ޕީއެފް ޕާޓީންނެވެ. މުނަންގަގްވާ ވެރިކަމަށް ވަޑައިގަތީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އަސްކަރީ އިންގިލާބަކަށް ފަހު ކުރީގެ ރައީސް ރޮބަޓް މުގާބޭ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.
މިހާރު އޮތް ގާނޫނުއަސާސީގެ ދަށުން، މުނަންގަގްވާގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޕްރައިޑް މްކޯނޯ ބުނި ގޮތުގައި، މި ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޒަނޫ-ޕީއެފްގެ ބާރުތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.
"މިނިވަންވީއްސުރެ 2000 ވަނަ އަހަރާ ހަމައަށް ޒަނޫ-ޕީއެފް އިން ސިޔާސީ މައިދާން ކޮންޓްރޯލް ކުރި. އެއަށްފަހު އިދިކޮޅު މޫވްމަންޓް ފޯ ޑިމޮކްރެޓިކް ޗޭންޖުން ގޮންޖެހުންތައް ކުރިމަތިކުރި ނަމަވެސް، މިހާރު އިދިކޮޅު ފަރާތްތައް ވަނީ ބަލިކަށިވެފައި. އެހެންކަމުން، މިއީ އަމަލީ ގޮތުން އެއް ޕާޓީއެއްގެ ވެރިކަމަކަށް ބަދަލުވެގެންދާނެ ކަމެއް،" މްކޯނޯ އަލްޖަޒީރާއަށް ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނީ މި ބަދަލުތަކުގެ މަގްސަދަކީ އާންމު ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުން ނޫން ކަމަށާއި، މީގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ޚިދުމަތްތައް އިތުރަށް އިނދަޖެހި، ރައްޔިތުން އިތުރަށް ފަގީރުވާނެ ކަމަށެވެ.
ޒިމްބާބުވޭގެ ޓީޗަރުންގެ ޔޫނިއަން (ARTUZ) ގެ ރައީސް އޮބަރޓް މަސަރައުރޭ ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ގައުމުގެ ބަލިކަށި ޑިމޮކްރަސީ މުޅިން ހަލާކުވެގެންދާނެ ކަމަށެވެ.
"ރައްޔިތުންގެ އަތުން ބާރުތައް އަތުލައި، ވެރިން ބޭނުންހާ ގޮތަކަށް ގައުމުގެ މުއްސަނދިކަން ފޭރިގަނެ، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ، އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތުގައި ރައްޔިތުން ނިކަމެތި ކުރާނެ،" މަސަރައުރޭ ވިދާޅުވިއެވެ.
އެ ގައުމުގެ ޒުވާނުން ގަބޫލުކުރާ ގޮތުގައި، މުނަންގަގްވާގެ ދައުރު އިތުރުކުރުމުން އެމީހުންގެ މުސްތަގުބަލަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
އޭނާ ބުނާ ގޮތުގައި ސީދާ ވޯޓު އުވާލުމަކީ ވެރިން ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް އޮތް މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއް ނަގާލުމެވެ. "މިއީ ޒިންމާދާރުކުރުވުމާއި ދެފުށް ފެންނަ ނިޒާމަށް ދޭ ސީދާ ހަމަލާއެއް،" 2018 ވަނަ އަހަރުގެ އިންތިޚާބާ ދިމާކޮށް ވަޒީފާ ހޯދައިދޭނެ ކަމަށް ޒަނޫ-ޕީއެފް އިން ވީ ވައުދުތައް ނުފުއްދާކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
މަސަރައުރޭ މިކަން ސިފަކުރެއްވީ އިސްތިއުމާރީ ދުވަސްވަރާ އެއްގޮތް ކަމެއްގެ ގޮތުގައެވެ. "ވޯޓު ނުލެވޭ ނަމަ، އެއްވެސް މީހަކު ޒިންމާދާރު ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
އަނިޔާވެރިކަމާއި ބިރުދެއްކުން
މި މަހުގެ ކުރީކޮޅު މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައިވާ ގޮތުން، މުޅި ގައުމުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ބައިވެރިވި މީހުންގެ 99.4 އިންސައްތަ މީހުން މި ބަދަލަށް ތާއީދުކުރެއެވެ.
ނަމަވެސް، މި މަޝްވަރާގެ މަރުހަލާގައި ބިރުދެއްކުމާއި އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. އެކްޓިވިސްޓުން ބުނާ ގޮތުގައި ސަރުކާރުގެ ސަލާމަތީ ބާރުތަކުން ވަނީ މި ބިލާ ދެކޮޅު ހެދި ބައެއް މީހުން ވަގަށް ނަގައި އަނިޔާކޮށްފައެވެ.
ޗިރޭދުޒީ ސަރަހައްދުގައި، މި ބިލާ ދެކޮޅަށް ވާހަކަ ދައްކަން އުޅުނު އެކްޓިވިސްޓް ގިލްބަރޓް މުޓެބުކީއަށް ޒަނޫ-ޕީއެފްގެ ޒުވާނުންތަކެއް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބިލާ ދެކޮޅު އެހެން ރައްޔިތުންނަށް ވެސް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ވަނީ ބަންދުކޮށްފައެވެ.
ހީލް ޒިމްބާބުވޭ ޓްރަސްޓްގެ ރޯލިންގްސް މަގެޑޭ، މަޖިލީހުގެ ކޮމިޓީގެ ހޯދުންތަކާ ދެކޮޅު ހަދަމުން ބުނީ، ގިނަ ރައްޔިތުން މި ބިލަށް ތާއީދުކުރާ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ. "ތާއީދުކުރަނީ ހަމައެކަނި ކޮންމެވެސް އިނާމެއް ނުވަތަ ހަދިޔާއެއް ލިބޭނެ ކަމަށް އުންމީދުކުރާ މަދު ބަޔަކު. ރައްޔިތުން ތިބީ އެހީތެރިކަމަކަށް ބޭނުންވެފައި،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރިޕޯޓުގައިވާ ތަފާސްހިސާބުތަކަކީ އޮޅުވާލުމެއް ކަމަށާއި، އެއީ ޒިމްބާބުވޭގެ ގިނަ ރައްޔިތުންގެ އަސްލު ޚިޔާލެއް ނޫނެވެ.
މަޖިލީހުގެ ކޮންޓްރޯލް އޮތީ ޒަނޫ-ޕީއެފް އަތުގައި
ވެރިކަން ކުރާ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް ގައުމީ މަޖިލީހާއި ސެނެޓުގައި ވެސް އެބައޮތެވެ.
2023 ވަނަ އަހަރުގެ އިންތިޚާބަށްފަހު، އިދިކޮޅު ސީސީސީގެ ބައެއް މެންބަރުން މަގާމުން ވަކިކުރުމާ ގުޅިގެން މަޖިލީހުގައި ޒަނޫ-ޕީއެފްގެ ބާރު ވަނީ އިތުރަށް ގަދަވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގައި މިހާރު ތިބި އިދިކޮޅު މެންބަރުންނަށް ވެސް ވަނީ ސިޔާސީ ގޮތުން ބިރުދައްކާފައެވެ.
މްކޯނޯ ބުނި ގޮތުގައި، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ވެރިކަން ކުރާ ޕާޓީއަށް އޮތުމުން، މި ބިލު ފާސްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި މެންބަރުން އަމިއްލަ ގޮތުން ވޯޓު ދިނުން ހުއްޓުވުމަށްޓަކައި، އަތް އުފުލައިގެން ފާޅުގައި ވޯޓުލާ ގޮތަށް ހަމަޖެއްސީ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް އޭނާ ތުހުމަތުކުރިއެވެ.
މީގެ އިތުރުން، މުނަންގަގްވާގެ ގާތް ވިޔަފާވެރިއެއް ކަމަށްވާ ވިކްނެލް ޗިވައިޔޯ ވަނީ ފައިސާއާއި އުޅަނދުފަހަރު ދީގެން މެންބަރުންގެ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައެވެ.
އޭޕްރީލް މަހު އޭނާ ވަނީ މި ބިލު ފާސްކޮށްފި ނަމަ މެންބަރުންނަށް 3.6 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން ފަހުން އެ ހުށަހެޅުން އަނބުރާ ގެންދިޔައެވެ. އެހެންނަމަވެސް، ބިލަށް ތާއީދުކޮށް ވާހަކަދެއްކެވި ބައެއް މެންބަރުންނަށް އޭނާ ވަނީ ފައިސާއާއި ކާރު ހަދިޔާކޮށްފައެވެ.
އެންމެ ފަހުގެ އުންމީދަކީ ކޯޓުތައް
މި ބިލު މިހާރު ސެނެޓަށް ހުށަހަޅާފައިވާއިރު، އިދިކޮޅު ފަރާތްތަކުން މިހާރު އުންމީދު ކުރަނީ ކޯޓުތަކަށެވެ.
މްކޯނޯ ބުނި ގޮތުގައި ގާނޫނީ ގޮތުން ކުރާ މަސައްކަތްތަކުން މި މަރުހަލާ ލަސްކުރެވިދާނެއެވެ. ނަމަވެސް އެންމެ ވަރުގަދަ ހައްލަކީ ސިޔާސީ ގޮތުން ރައްޔިތުން ނުކުމެ ކުރާ މަސައްކަތް ކަމަށް އޭނާ ގަބޫލުކުރެއެވެ.
މިހާރު ވެސް ބައެއް ގާނޫނީ މައްސަލަތައް ވަނީ ކޯޓަށް ހުށަހަޅާފައެވެ. ބައެއް ރައްޔިތުން ވަނީ ބިލަށް ތާއީދުކުރި މެންބަރުންނާ ދެކޮޅަށް ދައުވާކޮށްފައެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޔަންގަރސަން މަޓޭޓޭ ވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ނުލައި މި ބިލަށް އަމަލުކުރުން ހުއްޓުވުމަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
އެހެންނަމަވެސް، ގިނަ ރައްޔިތުން ތިބީ ޝަރުއީ ނިޒާމަށް އޮތް އިތުބާރު ގެއްލިފައެވެ. ކޯޓުތަކަކީ މިނިވަން ތަނެއް ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާއިރު، ގާނޫނުއަސާސީ ކޯޓުން މިހާރު ވެސް ވަނީ ބައެއް މައްސަލަތައް ބޭރުކޮށްލާފައެވެ.
މަސްދަރު: އަލް ޖަޒީރާ







