އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރި ހޯއްދެވުމާ ގުޅިގެން، އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ. ފައްޔާޒް ވިދާޅުވީ ޕާޓީގެ މެންބަރުން ތިބީ ބޮޑު ބަދަލަކަށް ތައްޔާރަށްކަން މި އިންތިޚާބުން ސާބިތުވެފައިވާ ކަމަށާއި، ދެން އޮތީ އެންމެން ގުޅިގެން މި ސަރުކާރު ބަލިކުރުމުގެ މަސައްކަތް ކަމަށް. މީގެ އިތުރުން އިންތިޚާބުގައި ވާދަކުރެއްވި މީކާއިލް ނަސީމާއި ކެމްޕޭން ޓީމުތަކުން ދެއްކި ހިތްވަރަށް އޭނާ ވަނީ ސާބަސް ދެއްވާފަ.


އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް | އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތު ކޮށްދީފައިވާ ކަމަށާއި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ކުރިއަށް ދިއަ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ކުރި ހޯއްދެވުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ ނަޝީދަށް މަރުހަބާ ވިދާޅުވެފަ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ. ފައްޔާޒް ވަނީ ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ފައްޔާޒް ވިދާޅުވީ އިންތިޚާބުގައި ބައިވެރިވެ ވޯޓު ދެއްވި ހުރިހާ އާންމު މެންބަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާ އެމްޑީޕީގެ މިސްރާބު ކަނޑައަޅައިދޭ، އެ ޕާޓީގެ ވިންދަކީ އެ ބޭފުޅުންކަން މިއަދު ޕާޓީގެ މެންބަރުން ސާބިތު ކޮށްދީފައިވާ ކަމަށެވެ.
އެ ޕޯސްޓުގައި ފައްޔާޒް ވަނީ ރައީސް ނަޝީދާ އެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމަށާ ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް އެމްޑީޕީ އިން ކާމިޔާބު ކުރާނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފައިވާ ކަމަށާއި ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު "ބޮޑު ބަދަލު" މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ރައީސް ނަޝީދު ކުރި ހޯއްދަވާފައި ވަނީ ބޮޑު ތަފާތަކުންނެވެ.







