މީކާއިލް: އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި އާއްމުން ނިންމާ ގޮތަކުން ކުޑަ ގްރޫޕަކާއި ހިންގުން ހަވާލުވެ އެހެން އެންމެން ފަހަތުގައި ތިބެން ޖެހިދާނެ
އެމްޑީޕީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ތަނަކަށް ނުވެ، ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ހިންގައިގެން ނޫނީ ރައްޔިތުންގެ އިތުބާރު އަލުން ނުލިބޭނެ ކަމަށް މަޖިލިސް މެންބަރު މީކާއިލް ނަސީމް ވިދާޅުވި.


އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް | އެމްޑީޕީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު މެންބަރުން އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ނިންމާ ގޮތަކުން، ކުޑަ ގްރޫޕަކަށް ޕާޓީގެ ހިންގުން ހަވާލުވެ، އެހެން ހުރިހާ އެންމެން ފަހަތަށް ޖެހެން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މި ވާހަކަތައް މީކާއިލް ދައްކަވާފައި މިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާ ގުޅިގެން ބައެއް މީހުން ބާކީކޮށްލާނެ ކަމަށް ދޭހަވާ ގޮތަށް މީކާއިލް އާއި ޥާދަކުރައްވާ ބޭފުޅުން ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި މީކައިލް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެވެ. މީކާއިލް ވިދާޅުވި ގޮތުގައި "އިތުބާރު" ފެކްޝަނުން ކުރީގެ ރައީސަކާ ވާދަކުރަން ނުކުމެ ތިބީ ޕާޓީ ރަނގަޅަށް ހިންގުމުގެ ފުރުސަތު ހޯދުމަށެވެ.
ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، މިހާރު އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ މަސައްކަތަކީ އެމްޑީޕީއަކީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ހިނގާ މުއައްސަސާއަކަށް ހެދުން ކަމަށެވެ. ރައްޔިތުންގެ އިތުބާރު އަލުން ލިބޭނީ އެ ޕާޓީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ތަނަކަށް ނުވެ، ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ހިންގައިގެން ކަމަށް މީކާއިލް ވިދާޅުވި އެވެ.
ޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނިންމެވި އިރު، އެއީ ވަކި "އެދުރަކާ" ނުވަތަ ވަކި ޚާއްސަ ފަރާތަކާ ވާދަކުރަން ނިންމި ނިންމުމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީކާއިލް އިންޒާރު ދެއްވިއެވެ.
މީކާއިލްގެ ވާހަކަފުޅުގައި އެމްޑީޕީއަކީ ބާރުގަދަ ޕާޓީއެއް ކަމަށް ފާހަގަކުރައްވާ ވިދާޅުވީ، 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ ވެސް އެމްޑީޕީން ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މިދިޔަ ދުވަސްތަކުގައި އެމްޑީޕީއަކީ މަރުވެފައި އޮތް ޕާޓީއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ޕާޓީ އޮތީ މޯޅިވެފައި ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، ޕާޓީ ދޫކޮށް ދިޔަ މީހުން އަނބުރާ އަންނަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
"އަނބުރާ އަންނަން ޖެހުނީ އެހާ ކަމެއް ނެތް މަރުވެފައި އޮތް ޕާޓީއަކަށް ވީމަތޯ؟ ނޫން. ނިމިދިޔަ ކައުންސިލް އިންތިޚާބު ކާމިޔާބުވީ ޕާޓީގައި ދެމިތިބި އާންމު މެންބަރުން ކުރި ބުރަ މަސައްކަތުން،" މީކާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން ތިނަދޫގައި ތިބި އެމްޑީޕީގެ މެންބަރުން ކުރަމުންދާ މަސައްކަތަކީ ޕާޓީގެ ކުރިމަގަށް ނުހަނު މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.






