"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު
އަދަދު ނޫހުގެ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ އިސްވެރިންގެ މައްޗަށް ދައުވާކޮށް، އެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރުނު އަމުރާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތެދުވެވަޑައިގެންފި. ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި އެ އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ނޫސްވެރިންގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާތައް އަނބުރާ ގެންދިއުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ. މި މައްސަލައިގެ ޝަރީއަތް ސިއްރުން ކުރިއަށްގެންދާއިރު، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން.


އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ
އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމު ކުރި އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް މުޅި ރާއްޖެ އަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވުމަކީ ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ކުރެވޭނެ އިހުތިޖާޖެއް ކަމަށް ދެކޭތީ ކޯޓު އަމުރާ ހިލާފުވާން އެމަނިކުފާނު ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ސީރިއަސް ތުހުމަތުތަކެއް ރައީސް މުއިއްޒަށް ކުރީ އަދަދު ނޫސް މެދުވެރިކޮށް ކަމުން އަދަދު ނޫހުގެ އިސް ދެ ނޫސްވެރިއަކަށް ދައުވާކޮށް އެ ވާހަކަ ދެއްކުން މަނާކޮށް ކޯޓު އަމުރެއް ނެރުނު ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީ އެއް ޕަބްލިޝްކޮށްފައި ވުމެވެ.
މި މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ކުރި ނަމަވެސް، އަދި އޭނާގެ މައްޗަށް ދައުވާއެއް އުފުލާފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން މިހާރު ވަނީ މި މައްސަލައިގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.








