ޕާޓީ ޖޫރިމަނާކުރީ ގުޅުމެއް ނެތް ކަމެއްގައި: ޕީއެންއެފް
ގާނޫނާ ހިލާފަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ ގުޅިގެން، އެއީ ސަރުކާރުގެ ނުފޫޒުން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ ޕާޓީން ބުނެފި. ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު އީސީ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ޕާޓީން ހިންގާ ޓައުންހޯލް ޖަލްސާތައް ފިޔަވައި އިތުރު ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދާ ކަމަށާއި، މި ޖޫރިމަނާއަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެ ޕާޓީން ތަކުރާރުކޮށް ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާތީ ނަސޭހަތްތެރިވެ، މަޝްވަރާއަށް ދައުވަތު ދިނުމުންވެސް އެކަމަށް އިންކާރުކޮށްފައިވާތީ ފިޔަވަޅު އެޅީ ކަމަށް.


އިލެކްޝަންސް ކޮމިޝަނާއި ޕީއެންއެފް އިން ބައްދަލުކުރުމަށް ފަހު، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ 20.01.2026 | ރާއްޖެ އެމްވީ
އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކުރީ ގުޅުމެއް ނެތް ކަމެއްގައި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މަލީހު މިފަދައިން ވިދާޅުވީ ޕީއެންއެފް އިން މާލޭގައި ކޮންމެ ރެއަކު ގާނޫނާ ހިލާފަށް މުޒާހަރާ ކުރަމުންދާ ކަމަށް ބުނެ، އެޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެންނެވެ.
ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ވިދާޅުވީ ޕީއެންއެފް އިން 5 މެއިން 2026 ވަނަ ދުވަހު އެ އިދާރާއަށް ފޮނުވި ސިޓީއަށް ރިއާޔަތް ކުރުމެއް ނެތި ހިޔާލީ ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް މި ޕާޓީއާއި ގުޅުމެއް ނެތް ކަމެއްގައި ޕާޓީ ޖޫރިމަނާ ކުރިކަމަށް ބަޔާންކޮށް ސިޓީއެއް ފޮނުވުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަންގެ އެ އަމަލަކީ މިނިވަން މުއައްސަސާއަކުން އަމަލުކުރަންޖެހޭ މިންގަނޑާ ޚިލާފަށް ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
މަލީހު ވިދާޅުވީ އެ ޕާޓީގެ ރަސްމީ ސިޔާސީ ހަރަކާތް، ޓައުންހޯލް 10 މެއި 2026 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފައިވާ ކަން އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. އަދި ޖޫރިމަނާކޮށްފައި ވަނީ ޓައުންހޯލް ޖަލްސާގެ ސަބަބުން ކަމަށްވާނަމަ ޕާޓީއިން ކޮށްފައި ވަނީ ކޮން ކުށެއްކަން އަންގާ ދެއްވުމަށް ވަނީ އެދިފަ އެވެ. އަދި ޓައުން ހޯލް ޖަލްސާ ފިޔަވައި އެ ޕާޓީ އިން މިވަގުުތު ކުރިއަށްގެންދާ އިތުރު ސިޔާސީ ހަރަކާތެއް ނެތްކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށް މަލީހުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (އ)ގައި އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއީދު ކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުން ގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ނުކުރުން އަދި ހަމަ މި މާއްދާގެ (މ) ގައި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެ ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތް ނުކުރުން ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގެ (ޅ) ގައި އެހެން ގާނޫނަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި، އާއްމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާއްމު ބައްދަލުވުމެއް ބާއްވާނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އަމަލު ކުރުން ބަޔާން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) ގެ (1) ގައި އާއްމު ބައްދަލުވުންތައް ބާއްވާ ތަނަކާއި، ވަގުތާއި، ބައްދަލުވުމުގެ ބާވަތް ބައްދަލުވުން ބޭއްވުމުގެ 24 ގަޑިއިރު ކުރިން ކޮމިޝަނަށް ލިޔުމުން އަންގަން ޖެހޭ ކަމަށް އީސީން ބުނެފައިވެ އެވެ.
ނަމަވެސް ޕީއެންއެފް އާއި އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން މިދުވަސްވަރު ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނުތަކާއި، ގަވާއިދުތަކާއި ހިލާފަށް ތަކުރާރުކޮށް އަމަލު ކުރަމުން ގޮސްފައިވާތީ، ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް އީސީން ބުނެ އެވެ.
އީސީން ބުނީ، އެ ކޮމިޝަނުން ސިޓީ ފޮނުވައި، ކޮމިޝަނާއެކު ބައްދަލު ކުރުމަށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި ޕީއެންއެފުން ސިޓީއަށް ވެސް ޖަވާބެއް ދީފައިނުވާ ކަމަށާއި، މިކޮމިޝަނާ ބައްދަލު ކުރުމަށް އިންކާރު ކޮށްފައިވާ ކަމަށް އީސީން ބުނެ އެވެ.
އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީސީން ޕީއެންއެފަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އީސީން ވަނީ، ޕީއެންއެފް އާއި، ޕީއެންއެފް އަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ނުހިންގުމަށް އެދިފަ އެވެ. އަދި އިސްވެ ބަަޔާން ކުރެވުނު ފަދައިން ތަކުރާރުކޮށް ސިޔާސީ ޕާޓީން ގާނޫނާ ހިލާފަށް އަމަލު ކުރާނަމަ އެ އަމަލެއް ހިންގާ ފަރާތަކާމެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، 4 މެއި 2026 ގައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީސީން ދީފައިވެ އެވެ. އަދި އީސީން ކުރާ ތުހުމަތުތައް ޕީއެންއެފުން ދޮގުކޮށް ބުނެފައިވަނީ، އެ ކޮމިޝަނުން ތުހުމަތުކުރާ ފަދަ ގާނޫނާ ޚިލާފު އެއްވެސް ސިޔާސީ ހަރަކާތެއް އެ ޕާޓީން ކުރިއަށް ނުގެންދާ ކަމަށެވެ.






