ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން
ކާޑު ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް އާއި އިމިގްރޭޝަން ގުޅިގެން ޑިޖިޓަލް ނިޒާމެއް މެދުވެރިކޮށް ކާޑުގެ ވެރިފަރާތް ހުރި ތަން ކަށަވަރުކުރަން ވަނީ ފަށާފައި. މި ބަދަލާއެކު ރާއްޖެއިން ބޭރުގައި އޭޓީއެމް ނުވަތަ ޕީއޯއެސް މެދުވެރިކޮށް މުއާމަލާތް ކުރެވޭނީ ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިކަން ސިސްޓަމުން ކަށަވަރުވުމުން ކަމަށްވާތީ، މާލީ ކުށްތަކުން ރައްކާތެރިވުމަށް ބޮޑު ބާރަކަށް ވެގެންދާނެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޕޭމަންޓް ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށާއި ބޭންކިންގ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެ.


ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ޑެބިޓް އަދި ކްރެޑިޓް ކާޑު މުއާމަލާތްތަކުގެ ރައްކާތެރިކަން ވަގުތުން ލޮކޭޝަން ވެރިފައިކޮށްގެން އިތުރުކުރޭ. | ރާއްޖެއެމްވީ
ގައުމީ ބޭންކްގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި، ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް އިމިގްރޭޝަނާއެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް މިވަނީ ގާއިމްކޮށް އަމަލުކުރަން ފަށާފަ އެވެ. މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން، ކުރާ މުޢާމަލާތްތައް އޮތަރައިޒް ކުރާއިރު ކާޑުގެ ވެރިފަރާތް އެވަގުތު ހުރީ ރާއްޖޭން ބޭރުގައިތޯ ނުވަތަ ރާއްޖޭގައިތޯ ކަށަވަރު ކުރެވޭނެ އެވެ. މިއާއެކު ރާއްޖެއިން ބޭރުގައި ކާޑުގެ ވެރިފަރާތް ޙާޟިރުވެ ހުރެގެން ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނެލްތަކުގައި ކުރަންޖެހޭ މުއާމަލާތްތައް ކުރެވޭނީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމަ އެވެ. އެހެންކަމުން އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭނެ އެވެ. މީގެތެރޭގައި ކާޑުގެ މަޢުލޫމާތުތައް ބޭނުންކޮށްގެން ހަދާ އީކޮމާސް ޓްރާންސެކްޝަންތައް ނުހިމެނެ އެވެ.
މިކަން ކުރަނީ އެއްފަރާތުން އަނެއްފަރާތަށް ކަސްޓަމަރުގެ މަޢުލޫމާތު ދީގެނެއްނޫނެވެ. ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމުގައިވާއިރު މި ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްޙަކަމާއި ކާޑުގެ ވެލިޑިޓީއާއި އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓިކުން ސިސްޓަމުން އަންގައި ދޭނެ އެވެ. އަދި މިހާރު އިމިގްރޭޝަން އާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ސަބަބުން މި އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސް ތެރެއިން ރާއްޖެއިން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު އޭނަ އެހުރީ ރާއްޖެއިން ބޭރުގަތޯ އޮޓޮމެޓިކުން ބެލޭނެ އެވެ.
މިކަމާ ގުޅިގެން މާލީ ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތް ސާފުކޮށްލުމުން އެފަރާތްތަކުން ރާއްޖެއެމްވީއަށް މިކަން ތަފްސީލުކޮށްދެއްވާ ވިދާޅުވެފައިވަނީ މި މަސައްކަތަކީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއިން އެޅި މުހިންމު ފިޔަވަޅެކެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމާއި މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅުނު ސީދާ ފިޔަވަޅެކެވެ. ހާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭގި ނުވަތަ އޮޅުވާލައިގެން ކާޑުގެންގޮސްގެންނާއި ބައެއް ފަހަރު ކާޑު ނަކަލުކޮށްގެން، ރާއްޖޭން ބޭރުގައި ހުއްދަނެތް އެތަކެއް މުއާމަލާތްތައް ހިންގާ މައްސަލަތައް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.
ބޭންކުގެ ކާޑު ބޭނުންކުރުމުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައި ކާޑުގެ ވެރިފަރާތުން ދޭންޖެހޭ އަދި ކާޑު ބޭނުންކުރުމުގައި ވެރިފިކޭޝަން ހަދަންޖެހޭ މަޢުލޫމާތު ކޮންމެ ގޮތަކުން، ކޮންމެ ފަރާތަކުން ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް އަބަދުވެސް ދީފައިވެ އެވެ. އަދި މިހާރު މިގާއިމު ކުރެވުނު އިންޓަގްރޭޝަން އާއެކު މި މާއްދާ އިތުރަށް ތަފްސީލް ކުރެވިފައިވެ އެވެ.
ކާޑުގެ މުޢާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ ބައިނަލްއަގުވާމީ ކާޑު ނެޓްވާރކް ތަކުގެ މިންގަނޑުތަކުގެ ދަށުން، ދުނިޔޭގެ ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.
ބޭންކުން މި ގޮތަށް އަމަލުކުރަން ފެށުމާއެކު، ބީއެމްއެލް ވެފައި މިވަނީ ބޭންކިންގެ ސަލާމަތީ ކަންކަމުގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ބޭންކަކަށެވެ. މިއީ އާންމު ބޭންކިންގ ސިސްޓަމްތަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ރައްކާތެރިކަމެއް ކަމެއް ކަމުގައިވުމުން މި އިންޓަގްރޭޝަން އަކީ ރާއްޖޭގެ ޕޭމެންޓް ސިސްޓަމުގެ ރައްކާތެރި ކަމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
ބޭންކުން ވަނީ ކޮންމެ މުއާމަލާތަކީވެސް ރައްކާތެރި އަދި ކަށަވަރުކުރެވިފައިވާ މުއާމަލާތެއްކަން ޔަގީންކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދީފަ އެވެ.





