ޑޮލަރު ލިކުއިޑިޓީ ވަނީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި: ބީއެމްއެލް
ބީއެމްއެލްގެ ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި ލިކުއިޑިޓީ މިހާރު ހުރީ ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ ހަރުދަނާ ހާލަތެއްގަ. މާލީ ވުޒާރާއާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު އެންއޯޕީ ލޯންގް ޕޮޒިޝަނަކަށް ބަދަލުކޮށްފައިވާއިރު، މިދިޔަ އަހަރު އެކަނިވެސް ބޭންކުން ވަނީ 600 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފަ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މިހާތަނަށް 365 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާކަން އެ ބޭންކުން ފާހަގަކުރޭ.


ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް | ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި ޑޮލަރުގެ ލިކުއިޑިޓީ ވަރަށް ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށް ފިއެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ބޭންކުގެ މާލީ ހާލަތު މިހާރު އޮތީ ރެކޯޑް މިންވަރަކަށް ކުރިއަރާފައި ކަމަށާއި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގެ ފުރިހަމަ ގާބިލުކަން ބޭންކަށް ލިބިފައިވާ ކަމަށެވެ.
ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މި މިންގަނޑުން ދައްކުވައިދެނީ ބޭންކުގައި ބޭރު ފައިސާ ވިއްކުމުގެ ގާބިލުކަން ހުރި މިންވަރާއި، އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަށް ވެދާނެ ފައިދާ ނުވަތަ ގެއްލުމެވެ. ނަމަވެސް، މިއީ ބޭންކުން ޔޫއެސް ޑޮލަރު ދޫކުރުމަށް ހުރި ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫން ކަމަށް ބޭންކުން ސާފުކޮށްދެއެވެ. މިއާޚިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި، ބޭރަށް ފައިސާ ފޮނުވުމާއި، ލޯނު ދޫކުރުން ފަދަ ޒިންމާތައް އަދާކުރުމަށް ބޭންކަށް ލިބިފައިވާ ގާބިލުކަމެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ބީއެމްއެލްގެ އެންއޯޕީ ހުރީ ދަށް މިންވަރެއްގައެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ އެންއޯޕީ ވަނީ މައިނަސް 20 އިންސައްތައަށް ވެއްޓިފަ އެވެ. މިއިން އަންގައިދެނީ އެ މުއްދަތުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކާފައިވާ ކަމެވެ. އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެނަމަ، އެ އަދަދުގެ ނިސްބަތުން ބޭންކަށް ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބުމެވެ. މިއީ ބޭންކުގެ ލިކުއިޑިޓީއާ ނުވަތަ ކަސްޓަމަރުންނަށް ފައިސާ ދޫކުރުމުގެ ގާބިލުކަމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ބޭންކުން ތަކުރާރުކޮށް ފާހަގަކުރެ އެވެ.
އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ އެހީތެރިކަމާއެކު މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. މިގޮތުން ކުރެވުނު މުޢާމަލާތްތަކާއެކު، މިދިޔަ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯންގް ޕޮޒިޝަނަކަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން މި އަހަރުގެ ތެރޭގައި ވެސް ބޭންކުގެ އެންއޯޕީ ހުރީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މާ ރަނގަޅު މިންވަރެއްގައި ކަމަށް ބޭންކުން ބުނެ އެވެ. މީގެ އިތުރުން، ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނޭހެން، މިދިޔަ އަހަރު ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު ބޭންކުން ވަނީ ވިއްކާފަ އެވެ.
ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީ ހަރުދަނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ވަނީ ދޫކޮށްފަ އެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާ ކަމަށް ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކުގެ އެންމެ އިސް އަމާޒަކީ ދެފުށް ފެންނަ، ހަރުދަނާ މާލީ މެނޭޖްމަންޓެއްގެ ތެރެއިން ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުބާރު ދެމެހެއްޓުމެވެ.





