2.0 ގެ ދަށުން ޑިޖިޓަލައިޒް ކުރާ ވަރަކަށް އިތުރުވަނީ ޑެސްކް!
މޯލްޑިވްސް 2.0 އަކީ ސަރުކާރުގެ ހުރިހާ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންގެ މައުލޫމާތާއި ދައުލަތުގެ ޚިދުމަތް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ގައުމީ ތަޞައްވުރެކެ. އެސްޓޯނިއާ އަސްލަކަށް ބައްލަވައިގެން މި ތަޞައްވުރު ރާވައި، ކޮރަޕްޝަން ނައްތައިލުން ވަނީ މި ބަދަލުގެ އެއް ސަބަބަކަށް ހާމަކުރައްވައިފައެވެ. ނަމަވެސް މިއީ ކިހާ ހަގީގަތެއްގެ މައްޗަށް ބިނާވާ ކަމެއްތޯ ސުވާލު އުފެދެ. މޯލްޑިވްސް 2.0 ގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލް ގައި އެންސްޕާ ހެލްޕް ޑެސްކެއް ބެހެއްޓުމުން ވަނީ ބޮޑު ޖޯކަކަށް.


ފެރީ ޓަރމިނަލެއްގައި ހެލްޕް ޑެސްކް ކައުންޓަރެއް، މޯލްޑިވްސް 2.0 ގެ ދަށުން ޑިޖިޓަލައިޒް ކުރުމުގެ ބަދަލުގައި ފިޒިކަލް ސާވިސް ޕޮއިންޓްތައް އިތުރުވަމުންދާ މަންޒަރު. | ރާއްޖެއެމްވީ
މިދިޔަ އަހަރުގެ މެއި މަހު ސަރުކާރުން އިފުތިތާހުކުރީ ބޮޑު ނަމެކެވެ. ބޮޑު ބަދަލެއްގެ ވާހަކަ އެވެ. އެއީ، އެ ކަމެއްގެ ވާހަކަ ވެރިކަން ފެށުނީއްސުރެ، ޕްރޮމޯޓުކުރަމުން އައި "މޯލްޑިވްސް 2.0" ގެ މާ ސިންގާ ތަޞައްވުރެވެ. މާލޭގައި ހުޅުވި އެންމެ އަގުބޮޑު، ފަސްތަރީގެ ހޮޓަލުގައި ބޭއްވި، ބިޔަ ބޮޑު ހަފުލާއެއްގައި، މީގެ ތިން އަހަރެއްހައި ދުވަސްފަހުން ދިވެހީން އުޅޭނެ ފަސޭހައިގެ ކުލަ މަންޒަރުތައް ވެސް ވަނީ ދައްކައިލައިފަ އެވެ.
ނަމަވެސް، ސުވާލަކީ މިއީ ކިހާ ހަގީގަތެއްގެ މައްޗަށް ބިނާވާ ކަމެއްތޯ އެވެ.
މޯލްޑިވްސް 2.0 އަކީ ދިވެހި ސަރުކާރުގެ އެންމެހާ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންގެ މައުލޫމާތާއި، މުޅި ދައުލަތުގެ ޚިދުމަތް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ގައުމީ ތަޞައްވުރެކެވެ. އެސްޓޯނިއާ އަސްލަކަށް ބައްލަވައިގެން ރާއްޖޭގައި މި ކަން ކުރުމުގެ ތަޞައްވުރު އިއުލާނުކުރުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ މި ބަދަލަށް ވާކާލާތުކުރައްވާ ސަބަބުތައް ތަފުސީލާއެކު ހާމަކުރައްވައިފަ އެެވެ. އެެއް ކަމަކީ ކޮރަޕްޝަން ނައްތައިލުމެވެ.
ރައީސް މުޢިއްޒު ކޮރަޕްޝަން ނައްތާލުމަށް މޯލްޑިވްސް 2.0 އިފްތިތާހު ކުރެއްވީ މޮޅު ގޮތަކަށް ނުވަތަ ޒަމާނީ ގޮތަކަށް ކޮރަޕްޝަން ގެ އަމަލުތައް ހިންގެވުމަށްތޯ މިއީ އުފެދޭ ސުވާލެކެވެ. ސަރުކާރު ގެ އެންމެހާ ހިދުމަތްތައް ޑިޖިޓަލައިޒް ކުރައްވާ ވާހަކަ ދައްކަވާއިރު މި ފަހުން އެންސްޕާ އިން މޯލްޑިވްސް 2.0 ގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލް ގައި އެ ހުޅުވާލީ ހެލްޕް ޑެސްކެކެވެ. ކަންކަން ޑިޖިޓަލް ކުރާ ވަރަކަށް ހުޅުވަނީ ހެލްޕް ޑެކްސް ތައް ހެއްޔެވެ. މިއީ ކޮރަޕްޝަން މުޅިން ފުހެލުމަށް މި ސަރުކާރުން ފެށި މަސައްކަތް ތަކުގެ ތެރެއިން ބޮޑު ބިޔަ މަސައްކަތެކެވެ.
ރައީސް މުޢިއްޒު އެސްޓޯނިއާ ކުރެއްވި ދަތުރު އެކި މީހުން ސިފަ ކުރަނީ އެކިގޮތަށެވެ. ރައިސް މުޢިއްޒު އަށް އެ ދަތުރުފުޅު ނިންމަވާފައި ރާއްޖެ ވަޑައިގަތި މޯލްޑިވްސް 2.0 މި ގައުމުގައި އިފްތިތާހު ކުރައްވަން ހިތްޕުޅު އަޅުއްވައިގެންނެވެ. އަނެއްކޮޅުން މާ ގިނަ ދުވަހެއް ނުވެ އިފްތިތާހު ވެސް ކުރައްވައިފި އެވެ. އެހެން ނަމަވެސް ކަންކަން ވަމުން މިދަނީ ދިމާ އިދިކޮޅަށެވެ. ކަންކަން ޑިޖީޓަލައިޒް ވާތަނެއް ނުފެނެ އެވެ. އެތައް ބަޔަކު އަބަދުމެ ހިދުމަތް ހޯދާ ތަނެއްގެ ހެލްޕް ޑެސްކް އެއް ހެންވޭރު ޓަރމިނަލް ގައި ހުޅުވީމަ ޖޯކު ނުޖަހާނީ ވަކި ކާކު ހެއްޔެވެ. 2025 އެއްކޮށް ނިމިގެން ދިޔައީ 2.0 އަންނަނީ އަންނަނީގަ އެވެ. އޭގެ ޓްރެއިލާތަކާއި އޭގެ ވީޑިއޯތައް ހަދައިގެން އުޅެނިކޮށް އެތައް ފިލްމެއް ވެސް ދައްކާ ނިމިއްޖެ އެވެ. އަދިވެސް މޯލްޑިވްސް 2.0 ރިލީސް ކުރެވޭ ވަރެއް ނުވެ އެވެ.
މޯލްޑިވްސް 2.0 އާއި ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ފެށި " ވަންގަވް " ގެ ހިދުމަތްތައް ދިޔައީ ވަރަށް ވެސް ފުރިހަމަކޮށެވެ. ޓްރާންސްޕޯޓުގެ ހުރިހާ ހިދުމަތެއްހެން އޮންލައިން ކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިޔައެވެ. އިމްގްރޭޝަން ގެ ގިނަ ހިދުމަތްތަކެއް އައީ އޮންލައިންކޮށް ދެމުންނެވެ. އެންމެ ކުދިކުދި ކަންކަން ވެސް އައީ އޮންލައިންކޮށް ހިދުމަތް ދެމުންނެވެ. މީހުން ފިލްމެއް ބަލަން ދާން ޓިކެޓް ނަގަން ދާކަށް ނުޖެހެ އެވެ. ޓިކެޓް ކައުންޓަރަށް ގޮސް ކިއު އަށް އަރައި އެހެން މީހުންނާއި އަރާރުންވެ ގަޔަށް ބޮލަށް އަރައި ޓިކެޓް ހޯދާކަށް އޭރު ނުޖެހެ އެވެ. އެހެނަސް މޯލްޑިވްސް 2.0 އަންނަން ފެށި ހިސާބުން ފިލްމެއް ބަލަން ޓިކެޓް ނަގަން ޖެހެނީ ކައުންޓަރަށް ގޮސް ޒުވާބުކޮށް އަރާރުން ވެގެން ނޫންހެއްޔެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް މިއީ ހަގިގަތެވެ.
ރައީސް މުޢިއްޒު އެވެ. ރައްޔިތުން އެންސްޕާއިން ނުލިބިގެން އުޅެނީ ޑެސްކެއްގެ ހިދުމަތެއް ނޫނެވެ. އެތަނުން ދޭންޖެހޭ ހިދުމަތް ރައްޔިތުންނަށް ނުލިބޭ ކަމުގެ ޝަކުވާ ގެ އަޑު ނީވެނީ ތޯ އެވެ. އެންސްޕާއިން ހިދުމަތް ހޯދަން ރައްޔިތުން އުޅެނީ ފޯމް ލާނެ ގޮތް ނޭންގިގެންނެއް ނޫނެވެ. ފޯމް ނުލެވިގެންނެއް ވެސް ނޫޅެ އެވެ. ނުލިބެގެން އުޅެނީ ފޯމް ލީމާ ނުވަތަ އެހީއަކަށް އެދުނީމަ އެ ލިބެންޖެހޭ އެހީ އެވެ. ރައްޔިތުން އެކަން ރަނގަޅު ކޮށްދިނުމަށް އެދުނީމަ ތި ހުޅުވާލީ ހެލްޕް ޑެސްކުން ރައްޔިތުންނަށް އިތުރު ތަކުލީފަކަށް ނޫނީ ނުވެ އެވެ.
އެންސްޕާ ހިންގަވަން ހުންނެވި ހީނާ ވަލީދު ވެސް އުޅުއްވަނި މުޅިން އެހެން ކަންކަމުގަ އެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ ރައްޔިތުންނަށް ދުއްތުރާ ކުރަން ނޫޅުއްވާ އެއްފަރާތް ވާށެވެ. އެތައް ބަޔަކު އެހީ ހޯދުމަށް އެދި އެދި ތިއްބާ އެމީހުންގެ ޝަކުވާތަކުގެ އަޑު އެހުމެއް ނެތި ފެއްޓެވި ޕޮޑްކާސްޓެއް ނޫންހެއްޔެވެ. މިއީ ރައްޔިތުން އަބަދުމެ ހިދުމަތް ހޯދާ އެތައްބައެއްގެ ދިރިހުރުމާ ގުޅިފައިވާ ތަނެއްގެ ވެރިމީހާގެ ފަރާތުން ފެންނަން ހުރި ކަންކަމެވެ. މާސިންގާ ބޮޑު ވައްކަމެއް ކުރި ކަމުގެ ތުހުމަތު އެންސްޕާ ގެ ބޮލުގައި އެޅިފައިވާއިރު އެތަން ހިންގަން ހުރީ ހީނާ ވަލީދު އެވެ.
ފެރީ ޓަރމިނަލް އެއްގައި އެންސްޕާ ހެލްޕް ޑެސްކެއް ބަހައްޓައިގެން ރައްޔިތުންނަށް ލިބޭނެ ހިދުމަތެއް ނޯންނާނެ އެވެ. އަނެއްކާވެސް ހުޅުމާލެ ޓަރމިނަލް އާއި ވިލިނގިލި ފެރީ ޓަރމިނަލް ގައި ވެސް އެންސްޕާ ހެލްޕް ޑެސްކް ބެހެއްޓުމުގެ ބަދަލުގައި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދެއްވިއްޔާ މާ ރަނގަޅުވާނެ އެވެ.






