ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.
ރާއްޖޭގެ ސިއްހީ ނިޒާމު ބޮއްސުންލައި، ދައުލަތުގެ އިހުމާލުން ކުޑަކުދިންގެ ފުރާނަ ގެއްލުމާއި ތެލެސީމިއާ ކުދިންނަށް ނުރައްކާތެރި ލޭ އެޅުން ފަދަ ސީރިއަސް މައްސަލަތައް ވަނީ ފެންމަތިވެފަ. ސިއްހީ ވުޒާރާގެ އިސްވެރިން ތަކުރާރުކޮށް ބަދަލުކުރި ނަމަވެސް، އަސާސީ ބޭހާއި ފަރުވާ ނުލިބި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް އެއްވެސް ހައްލެއް ނުލިބޭތީ އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ. މި ހުރިހާ އިހުމާލުތަކާއި ނިޒާމު ފެއިލްވުމުގެ ފުރިހަމަ ޒިންމާ ރައީސް ޑރ. މުއިއްޒު އުފުއްލަވަންޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން.


މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ ސިއްހީ ނިޒާމު ބޮއްސުންލައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްހީ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމީ މިއަދު ދިވެހިހުރިހާ ރައްޔިތުން އެއްބަސްވާ އެެންމެ ބޮޑު އެއް ހަގީގަތް. | ރާއްޖެއެމްވީ ގްރެފިކްސް
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ ސިއްހީ ނިޒާމު ބޮއްސުންލައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްހީ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމީ މިއަދު ދިވެހި ހުރިހާ ރައްޔިތުން އެއްބަސްވާ އެންމެ ބޮޑު އެއް ހަގީގަތެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުން ސަރުކާރުގެ ބޭސްފަރުވާ ކުރުމުގެ ނިޒާމުގެ ތެރެއިން ފަރުވާ ހޯދުމާއި، ދާއިމީ ބަލިތަކަށް ބޭނުންވާ ހާއްސަ ބޭހާއި ސިއްހީ އާލާތްތައް ހޯދުމުގައި ނިކަމެތި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް އިތުރުވެފައިވާއިރު، މިފަދަ އިހުމާލުތަކަށް ޒިންމާ ނަގާނެ ދައުލަތުގެ އިދާރާއެއް ނެތް ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ފާއިތުވި ދުވަސްތަކުގައި ސިއްހީ ނިޒާމުގެ ތެރެއިން ފެނިގެން ގޮސްފައިވަނީ ހިތްދަތި އަދި ބިރުވެރި މަންޒަރުތަކެކެވެ. އެގޮތުން އުމުރުން އެންމެ 6 އަހަރުގެ ކުއްޖަކު ދިރިހުރުމަށް ބޭނުންވާ ކުޑަ ހޮޅިކޮޅެއް، ދައުލަތުގެ އިހުމާލުން ގެނެސްނުދެވިގެން އުޅެނިކޮށް، އެކުއްޖާ ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އެ ހޮޅިކޮޅު ހޯދުމަށް އެދި އެ ކުއްޖާގެ މަންމަ ޓަކި ނުޖަހާ އެންމެ ދޮރެއް ވެސް ނެތް އިރު، ދައުލަތުގެ ފަރާތުން އެކަމަށް އެކަށީގެންވާ އިޖާބައެއް ދީފައެއް ނުވެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ރަށެއްގައި ޑެންގީ ހުން ޖެހިގެން 17 އަހަރުގެ ކުއްޖެއް ނިޔާވިއިރު، އެ ރަށު ހޮސްޕިޓަލްގައި ހުރި ޓެސްޓް ކިޓުތައް ހުރީ މުއްދަތު ހަމަވެފަ އެވެ.
ސިއްހީ ދާއިރާގެ އިހުމާލުތައް މިވަރުން ނިމުނީ އެއް ނޫނެވެ. ތެލެސީމިއާ ސެންޓަރުގައި ހުންނަ ލޭ ރައްކާކުރާ ފްރިޖަކަށް މައްސަލަ ދިމާވެ، އެ ފްރިޖުގައި ރައްކާކޮށްފައި ހުރި "ކުނި ލޭ" ތިން ކުއްޖެއްގެ ގަޔަށް އެޅި މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފަ އެވެ. މީގެ ކުރިން ފަސޭހައިން ލިބެން ހުންނަ ކިތަންމެ ބޭހެއް މިއަދު ރާއްޖެއިން ނުލިބި، ދިވެހި ރައްޔިތުން ބޭހަށް ޖެހިފައިވާ އިރު، ސަރުކަރުން ދަނީ ދައުލަތުގެ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ބޭސްފަރުވާގެ ކަންކަމަށް އެދި އިދާރާތަކަށް ދާ ނިކަމެތި ރައްޔިތުން ގަންހިންގުވަމުންނެވެ. މިއީ "ދިވެހީންގެ ރާއްޖެ" އިން ފެންނަ ހިތްދަތި ހަގީގަތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެވިފައިވަނީ މުއައްސަސާތަކުގެ ވެރިން ބަދަލުކުރުމުގައި ނިކަން ފަރިތަ ބޭފުޅެއްގެ ގޮތުގަ އެވެ. ސިއްހީ ވުޒާރާގެ ވަޒީރު ހިމެނޭހެން އެ ވުޒާރާއާ ގުޅުންހުރި އިދާރާތަކުގެ ވެރިން އެތައް ފަހަރަކު ބަދަލުކޮށްފައިވީ ނަމަވެސް، ހިދުމަތުގެ ފެންވަރަށް އެއްވެސް ކުރިއެރުމެއް އައިސްފައެއް ނުވެ އެވެ. ޕީއެންސީގެ ވެރިކަމަށް ތިން އަހަރު ވެގެންދާއިރު، ދިވެހި ރައްޔިތުން ބޭސްފަރުވާގެ ކަންކަމުގައި މިހާ ނިކަމެތި ހާލެއްގައި އުޅެންޖެހުމުގެ ޒިންމާ ސީދާ ރައީސް މުއިއްޒު ނަންގަވަންޖެހޭނެ ކަމަށް އާންމުން ދަނީ ބުނަމުންނެވެ.
ދައުލަތަގެ އިހުމާލުން އެތައް ދިވެހި ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފަ ވާއިރު ވެސް ކަހާތަން ހިރުވާ ވެސް ނުލާ ރައީސް މުއިއްޒު ހުންނެވުމަކީ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގަ އެއްވެސް އަގެއްނެތް އެއްޗަކަށް ވުމުންތޯ ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަގީގަތް އޮޅުވާލައި ޖަވާބުދާރީވުމުން ރެކުމަށް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރައީސް މުއިއްޒު އައްޔަންކުރައްވާފައިވާ ވެރިން ބުނަމުންދަނީ ހުރިހާ ކަމެއްވެސް ކުރަނީ ސީދާ ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކަމަށެވެ. އެހެންކަމުން، މުޅި ސިއްހީ ނިޒާމު ފެއިލްކޮށްލައި، ރައްޔިތުން ބޭސްފަރުވާއަށް ސަލާންޖަހަން މަޖުބޫރުކުރުވުމުގެ ޒިންމާ ރައީސް މުއިއްޒު ނޫން ދެން އުފުލާނީ ކާކުތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.





