ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ
ބ. ދޮންފަނު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތް ނަމަވެސް، ނިމިދިޔަ އިންތިހާބާ ދިމާކޮށް އެ މަގާމަށް މުވައްޒަފަކު ނަގާފައިވާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. މައުލޫމާތު ލިބިފައިވާ ގޮތުން ލެބޯޓަރީ ޓެކްނީޝަންގެ މަގާމު ދީފައި ވަނީ މިހާރު އެރަށުގެ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެހުރި ފަރާތުގެ އަންހެނުންނަށް. ސިއްހީ މަރުކަޒުގެ މެނޭޖަރު މިކަން ދިފާއުކުރެއްވި ނަމަވެސް، އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިއުލާނު ކުރުމެއް ނެތި ގިނަ ވަޒީފާތަކެއް ބަހާފައިވާ ކަމަށް އެރަށު ރައްޔިތުން ބުނޭ.


ބ. ދޮންފަނު ސިއްހީ މަރުކަޒު: ލެބޯޓަރީގެ ހިދުމަތް ދޭނެ އިންތިޒާމެއް ނެތި، ދޮންފަނުު ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ވަނީ ހާމަ ވެފަ. | ބ. ދޮންފަނު ސިއްހީ މަރުކަޒު
ބ. ދޮންފަނުގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީ އިމާރާތުގެ މަސައްކަތް ފެށޭނެ ދުވަހެއް ވެސް ނޭނގޭ އިރު، އެރަށުގެ ސިއްހީ މަރުކަޒަށް އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަންގެ މަގާމަށް މުވައްޒަފަކު ނަގާފައިވާކަން ހާމަވެއްޖެއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ދޮންފަނު ޕީއެންސީގެ މެމްބަރަކު ބުނީ، އިންތިހާބާ ދިމާކޮށް ބަހާލި ސިވިލް ސާވިސް ވަޒީފާތަކުގެ ތެރެއިން ލެބޯޓަރީ ޓެކްނީޝަންގެ މަގާމު ދީފައި ވަނީ މިހާރު އެރަށު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެހުރި ފަރާތުގެ އަންހެނުންނަށް ކަމަށެވެ.
އިންތިހާބާ ދިމާކޮށް ދޮންފަނުން ވަޒީފާތައް ބެހި ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހިފައި ހުރި ޕީއެންސީގެ މި މެމްބަރު ބުނީ، ދޮންފަނުން ސަރުކާރަށް ބޮޑު ނާކާމިޔާބީ އެއް ލިބުމުގެ އަސްލަކީ އުސޫލުން ބޭރުން ވަކި ފަރާތްތަކަށް މިގޮތަށް ވަޒީފާތައް ދިނުން ކަމަށެވެ.
މިކަމާ ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ބ. ދޮންފަނު ސިއްހީ މަރުކަޒުގެ މެނޭޖަރ ހުސެއިން ހާޒިހު ވިދާޅުވީ، ދޮންފަނަކީ ލެބޯޓަރީގެ ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް ސާމާނުތައް ހުރި ރަށެއް ކަމުގައި ވިޔަސް، ޖާގައިގެ ދަތިކަމުގެ ސަބަބުން ދޮންފަނު ސިއްހީ މަރުކަޒުން ލެބޯޓަރީގެ ހިދުމަތް ދެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ. އަދި މިހާރު ދޮންފަނު ސިއްހީ މަރުކަޒަށް އަންނަ މީހުންނަށް ލެބޯޓަރީގެ ހިދުމަތް ދެނީ ދަރަވަންދޫ ނޫނީ އޭދަފުށްޓަށް ސާމްޕަލް ފޮނުވައިގެން ކަމަށެވެ.
ހާޒިހު އިތުރަށް ވިދާޅުވީ އެރަށު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް މިދިޔަ އަހަރު އޮގަސްޓް މަހު ފެނަކައާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް މިހާރު އެހެން ކުންފުންޏަކަށް ސަބް ކޮންޓްރެކްޓަށް ކުރަން ހަވާލުކޮށްފައިވާ ކަމަށާއި، އުއްމީދު ކުރަނީ ވަރަށް އަވަހަށް ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ފެށި، އެ މަސައްކަތް އަވަހަށް ނިމި ލެބޯޓަރީގެ ހިދުމަތް އެރަށުން ދެވުން ކަމަށް ހާޒިހު ވިދާޅު ވިއެވެ. ނަމަވެސް އެ އިމާރާތުގެ މަސައްކަތް ނިމި ލެބޯޓަރީގެ ހިދުމަތް އެރަށުން ދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ހާޒިހު ވިދާޅުވި އެވެ.
ލެބޯޓަރީގެ ހިދުމަތް ދެވޭނެ ދުވަހެއް ވެސް ނޭނގޭ އިރު، އިންތިހާބަށް ކުޑަ ތަންވެފައި ވަނިކޮށް ލެބޯޓަރީ ޓެކްނީޝަންގެ މަގާމަށް މީހަކު ނެގީ ކީއްވެތޯ ސުވާލު ކުރުމުން ހާޒިހު ވިދާޅުވީ، މިހާރުވެސް މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާ ދޮންފަނު ސިއްހީ މަރުކަޒަށް މުވައްޒަފަކު ނެގުމުގެ ފުރުސަތު ލިބުމުން، އެ މުވައްޒަފު ރަށުން ބޭރު ވަޒީފާއަކަށް ދިޔުމުގެ ކުރިން ރަށުން ވަޒީފާ އެއް ދިނީ ކަމަށެވެ.
ދޮންފަނު ކަހަލަ އާބާދީ މަދުވަމުން އަންނަ ރަށެއްގައި ވަޒީފާ އެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރަށުގައި ލެބޯޓަރީގެ ހިދުމަތް ދެވޭނެ ގޮތެއް ނެތަސް، ލެބޯޓަރީ އެސިސްޓެންޓެއްގެ މަގާމަށް މީހަކު ނަގާފައި ވަނީ އުސޫލުން ބޭރުން ނޫން ކަމަށް އޭނާ ވިދާޅު ވިއެވެ. އަދި ސީދާ ލެބޯޓަރީގެ މަސައްކަތް ނުކުރި ކަމުގައި ވީވަމަވެސް، މިހާރުވެސް ލެބޯޓަރީ ޓެކްނީޝަނަށް ނަގާފައިވާ މުވައްޒަފު ވަޒީފާ އަށް ނިކުމެ ސިއްހީ މަރުކަޒަށް ބާރު ބޮޑުވާ ވަގުތުތަކުގައި ލޭ ނެގުން ފަދަ ކަންކަމުގައި ނަރުހުންނަށް އެހީތެރިވެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުން، ނިމިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް އާބާދީގައި 500 ވަރަކަށް މީހުން ދިރިއުޅޭ ބ. ދޮންފަނުން ވަނީ އިއުލާނު ކުރުމެއް ނެތި 10 ވަޒީފާ، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަހާލާފަ އެވެ. މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނީ ސިވިލް ސާވިސް ވަޒީފާތަކަށް ވެސް އިންތިހާބާ ދިމާކޮށް ނުފޫޒުން މީހުން ނަގާފައިވާ ކަމަށެވެ. އެގޮތުން ސިވިލް ސާވިސްގެ އެފަދަ 4 ވަޒީފާ އެއް އިންތިހާބާ ދިމާކޮށް ދޮންފަނުން ދީފައިވެ އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބ. ދޮންފަނުން ސަރުކާރަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑި އެކެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ދޮންފަނުގެ 80 އިންސައްތަ މީހުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ.








