އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި
އަރަބި ކަނޑުގެ އުތުރުން އީރާނުގެ ބަންދަރު އައްބާސްއަށް ދަތުރުކުރި "އެމް/ވީ ތޫސްކާ" ބޯޓު، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވި ކަމަށް ބުނެ އެމެރިކާގެ އަސްކަރިއްޔާއިން އެ އުޅަނދަށް ބަޑީގެ ހަމަލާދީ ހުއްޓުވައިފި. ހަ ގަޑިއިރުގެ އިންޒާރުތަކަށްފަހު އެމެރިކާގެ "ޔޫއެސްއެސް ސްޕްރޫއަންސް" އިން ބޯޓުގެ އިންޖީނު ރޫމަށް ހަމަލާދިނީ، އުޅަނދު ހުއްޓުވުމަށް ފަޅުވެރިން އެއްބާރުލުން ނުދިނުމާ ގުޅިގެން. މި އޮޕަރޭޝަނަށްފަހު އެމެރިކާގެ މެރިން ސިފައިން ވަނީ އެ ބޯޓަށް އަރައި ކޮންޓްރޯލް ނަގާފައި.

2026 އޭޕްރީލް 19 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އަރަބި ކަނޑުގެ އުތުރު ސަރަހައްދެއްގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ "އާލީ ބާކް-ކްލާސް އީޖިސް ގައިޑެޑް މިސައިލް ޑިސްޓްރޯޔާ" އެމް.އެސް.އެސް ސްޕްރޫއަންސް އިން، އީރާނުގެ ދިދަ ޖަހާފައިވާ "އެމް/ވީ ޓޫސްކާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ހުއްޓުވައި ބަލައިފާސްކުރާ މަންޒަރު. | ރޮއިޓާސް
އީރާނުގެ ބަންދަރު އައްބާސް ބަނދަރަށް ދަތުރުކުރަމުންދިޔަ އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓަކަށް، ހަ ގަޑިއިރުގެ ކުރިމަތިލުމަކަށްފަހު އެމެރިކާގެ ސިފައިން ބަޑިޖަހާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާދީއްތަ ދުވަހު ބުނެފިއެވެ.
ސެންޓްކޮމް އިން މި ބަޔާން ނެރެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އުޅަނދު ހުއްޓުވިކަން އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.
ސެންޓްކޮމްގެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، ގައިޑެޑް މިސައިލް ޑިސްޓްރޯޔަރެއް ކަމަށްވާ "ޔޫއެސްއެސް ސްޕްރޫއަންސް" އިން "އެމް/ވީ ތޫސްކާ" ނަމަކަށް ކިޔާ މި ބޯޓު ހުއްޓުވާފައިވަނީ، އެ ބޯޓު 17 ނޮޓްގެ ބާރުމިނުގައި އަރަބި ކަނޑުގެ އުތުރުން ބަންދަރު އައްބާސްއަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެމެރިކާގެ ސިފައިން އެ ބޯޓަށް ތަކުރާރުކޮށް އިންޒާރު ދީފައިވާ ކަމަށާއި، އީރާނުގެ ދިދަ ޖަހާފައިވާ އެ އުޅަނދުން އެމެރިކާގެ ބްލޮކޭޑް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވަމުންދާކަން ސާފުކޮށް އަންގާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ހަ ގަޑިއިރުގެ ވަގުތެއްގެ ތެރޭގައި ތަކުރާރުކޮށް ދިން އިންޒާރުތަކަށް ތޫސްކާގެ ފަޅުވެރިން އިޖާބަ ނުދިނުމުން، ސްޕްރޫއަންސް އިން ވަނީ އެ ބޯޓުގެ އިންޖީނު ރޫމް ހުސްކުރުމަށް އަންގާފައި،" ކަމަށާއި، އެއަށްފަހު ޑިސްޓްރޯޔަރުގައި ހުރި އެމްކޭ 45 މަރުކާގެ ބަޑިން ތޫސްކާގެ އިންޖީނު ރޫމަށް އަމާޒުކޮށް އެތައް ފަހަރަކު ބަޑިޖަހާފައިވާ ކަމަށް ސެންޓްކޮމް އިން ބުންޏެވެ.
ސެންޓްކޮމްގެ ބަޔާނާއެކު އާންމުކޮށްފައިވާ ވީޑިއޯއެއްގައި، ޔޫއެސްއެސް ސްޕްރޫއަންސްގެ ފަޅުވެރިއަކު އިންޒާރުދެމުން "މޮޓޯ ވެސެލް ތޫސްކާ، މޮޓޯ ވެސެލް ތޫސްކާ، އިންޖީނު ރޫމް ހުސްކުރޭ، އިންޖީނު ރޫމް ހުސްކުރޭ. އުޅަނދު ހުއްޓުވުމަށްޓަކައި ހަމަލާދިނުމަށް އަހަރެމެން މިތިބީ ތައްޔާރަށް،" މިފަދައިން ބުނާ އަޑު އިވެއެވެ.
އޭގެ ފަހުން އެމެރިކާގެ މެރިން ސިފައިން ވަނީ އީރާނުގެ އެ އުޅަނދަށް އަރާފައި ކަމަށް ސެންޓްކޮމް އިން ބުނެފައިވެއެވެ. އަދި އެ އޮޕަރޭޝަންގެ ވަކި ވީޑިއޯއެއްވެސް ވަނީ އާންމުކޮށްފައެވެ.
"އެމެރިކާގެ ސިފައިން އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، ފަންނީ އަދި ހާލަތާ އެކަށީގެންވާ މިންވަރަށް. މި ބްލޮކޭޑް ފެށުނީއްސުރެ، އެމެރިކާގެ ސިފައިން ވަނީ ވިޔަފާރިކުރާ 25 އުޅަނދަކަށް އެނބުރި ދިއުމަށް ނުވަތަ އީރާނުގެ ބަނދަރަކަށް ދިއުމަށް އަންގާފައި،" ސެންޓްކޮމްގެ ބަޔާނުގައިވެއެވެ.






