ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް
މެދުއިރުމަތީގެ މަސްރަހު ގޯސްވެ ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުކުރުމާ ގުޅިގެން، ޔޫރަޕަށް ބޭނުންވާ މަތިންދާބޯޓު ތެޔޮ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ. ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ބަދަލުގައި އެހެން ގައުމުތަކުން ތެޔޮ ނުހޯދިއްޖެނަމަ ފްލައިޓްތައް ކެންސަލްކުރަން ޖެހިދާނެ ކަމުގެ އިންޒާރު އައިއީއޭ އިން ވަނީ ދީފައި. މި ހާލަތާ ގުޅިގެން ބައެއް އެއާލައިންތަކުގެ ހިންގުމުގެ ޚަރަދު ބޮޑުވެފައިވީ ނަމަވެސް، ޔޫރަޕްގެ ބައެއް ސަރުކާރުތަކުން ބުނަނީ މިވަގުތަށް ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމަށް.

ދަތުރަށް ތައްޔާރުވަމުންދާ ފަސިންޖަރުން އުފުލާ މަތިންދުއްވާ ބޯޓެއް. | އައިސްޓޮކް
ޔޫރަޕަށް ބޭނުންވާ މަތިންދާބޯޓު ތެޔޮ ނުވަތަ ޖެޓް ފިއުލް ކުރިއަށް އޮތް ހަ ހަފުތާއަށް ވާވަރަށް ނޫނީ މިހާރު ނެތް ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ އިސްވެރިޔާ އިންޒާރު ދެއްވައިފިއެވެ.
މި ހަފުތާގައި އެ އެޖެންސީން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މެދުއިރުމަތިން ޔޫރަޕަށް އެތެރެކުރާ ތެލުގެ މަދުވެގެން ދެބައިކުޅަ އެއްބައި އެހެން ގައުމުތަކުން ހޯދޭނެ ގޮތެއް ނުވެއްޖެނަމަ، އަންނަ ޖޫން މަހުގެ ތެރޭގައި ތެލުގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށްވާނެ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ގަލްފް ސަރަހައްދުން ޖެޓް ފިއުލް ބޭރުކުރާ މައި މަގު ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒް އީރާނުން ބަންދުކޮށްފައި އޮންނާތާ ހަ ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މީގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ތެޔޮ ހުސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އައިއީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތިހް ބިރޯލް އޭޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތެޔޮ ލިބުން ދަތިވެފައިވާ މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ، ވަރަށް އަވަހަށް ފްލައިޓްތައް ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ.
ހަކަތައިގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން 32 ގައުމަކަށް އިރުޝާދުދޭ އައިއީއޭގެ މަންތްލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ޖެޓް ފިއުލް ސަޕްލައި ކުރަނީ ގަލްފް ސަރަހައްދުގެ ގައުމުތަކުންނެވެ.
ތެޔޮ ބޭރުކުރާ އެހެން ބޮޑެތި ގައުމުތައް ކަމަށްވާ ދެކުނު ކޮރެއާ، އިންޑިއާ އަދި ޗައިނާގެ ރިފައިނަރީތަކަކީ ވެސް މެދުއިރުމަތިން އެތެރެކުރާ ސާފުނުކުރާ ތެލަށް ނުހަނު ބޮޑަށް ބަރޯސާވާ ގައުމުތަކެކެވެ.
އެހެންކަމުން، މިހާރު ކުރިމަތިވެފައިވާ މި ކާރިސާގެ ސަބަބުން މަތިންދާބޯޓު ތެލުގެ ބާޒާރުގެ މުޅި ނިޒާމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި ތެޔޮ ސަޕްލައިކުރާ ފަރާތްތަކާއި އެއާލައިންތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ އެއާލައިންތަކަށް ތެޔޮ ލިބުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭވިއޭޝަން ދާއިރާ ތަމްސީލުކުރާ "އެއާލައިންސް ޔޫކޭ" އިން ބުނީ، އިނގިރޭސިވިލާތަށް ޖެޓް ފިއުލް ލިބުމުގައި މިވަގުތު ދަތިތަކެއް ނެތް ނަމަވެސް، ތެޔޮ ލިބުން ދަތިވެއްޖެ ހާލަތެއްގައި އޭވިއޭޝަން ދާއިރާއަށް އެހީތެރިވުމަށް ބޭނުންވާ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ކޮންސިއުމަރުންނާއި، ވިޔަފާރި އަދި އިނގިރޭސިވިލާތުގެ ވާދަވެރިކަން ހިމާޔަތްކުރުމަށްޓަކައި ރެގިއުލޭޓަރީ ބުރަ ކުޑަކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ. މީގެ ކުރިން ޔޫރަޕުން އެތެރެކުރާ ޖެޓް ފިއުލްގެ ގާތްގަނޑަކަށް 75 އިންސައްތަ ހޯދަނީ މެދުއިރުމަތިން ކަމަށް އައިއީއޭ އިން ފާހަގަކުރެއެވެ.
މިވަގުތު ޔޫރަޕްގެ ގައުމުތަކުން ދަނީ ގަލްފް ސަރަހައްދުން ލިބެން ހުރި ތެލުގެ ބަދަލުގައި އެހެން ދިމާދިމާލުން ތެޔޮ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މާހިރުން ވިދާޅުވާ ގޮތުގައި މިހާރު ތެޔޮ އެތެރެކުރަމުންދަނީ އެމެރިކާއާއި ނައިޖީރިއާއިންނެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި އެމެރިކާއިން ބޭރުކުރާ ޖެޓް ފިއުލްގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އައިއީއޭ އިން ބުނެއެވެ.
ނަމަވެސް، އެމެރިކާއިން ބޭރުކުރާ ހުރިހާ ތެލެއް ޔޫރަޕަށް ފޮނުވި ނަމަވެސް، އެއީ މެދުއިރުމަތިން ލިބުން ހުއްޓިފައިވާ ތެލުގެ އެންމެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ ތަންކޮޅެއް އިތުރު މިންވަރެއް ކަމަށް އެ އެޖެންސީގެ ރިޕޯޓުގައި އިންޒާރު ދީފައިވެއެވެ.
ކަން ހިނގައިދާނެ އެކި ގޮތްތަކަށް ބަލައި އައިއީއޭ އިން ބުނީ، މެދުއިރުމަތިން އެތެރެކުރާ ތެލުގެ 50 އިންސައްތައަށްވުރެ އިތުރަށް އެހެން ދިމާލަކުން ނުހޯދިއްޖެނަމަ، ބައެއް އެއާޕޯޓްތަކުން ތެޔޮ ހުސްވެ، ފްލައިޓްތައް ކެންސަލް ކުރަން ޖެހުމުގެ ސަބަބުން ތެލަށް އޮތް ޑިމާންޑް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި ބޭނުންވާ ތެލުގެ ތިންބައިކުޅަ ދެބައި ހޯދުނު ކަމުގައި ވިޔަސް، އަންނަ އޯގަސްޓް މަހާ ހަމައަށް ދާއިރު ހަމަ މިފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ.
"އެހެންކަމުން، ކުރިއަށް އޮތް ހޫނު މޫސުމުގެ މަސްތަކުގައި ތެލުގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި، އެހެން ގައުމުތަކުން ތެޔޮ ހޯދުމަށް ޔޫރަޕްގެ ބާޒާރުތަކުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފެނޭ،" ރިޕޯޓުގައި ބުނެފައިވެއެވެ.
އާގަސް މީޑިއާގެ ޔޫރަޕިއަން ޖެޓް ފިއުލް ޕްރައިސިންގެ އިސްވެރިޔާ އަމާރު ޚާން ގަބޫލުކުރައްވާ ގޮތުގައި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަލްފް ސަރަހައްދުން ތެޔޮ ލިބެން ފެށި ނަމަވެސް، ހޫނު މޫސުމުގެ ދަތުރުފަތުރުގެ ބާރުބޮޑު ދުވަސްވަރު ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެއެވެ.
"މިއީ މުޅިން ޔަގީން ކަމެއް ނޫން ނަމަވެސް، ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށް ކޮންމެވެސް މިންވަރަކަށް ތެލުގެ ދަތިކަން ކުރިމަތިވުމުގެ ފުރުސަތު ދަނީ ބޮޑުވަމުން. އަދި ހީތްރޯ ފަދަ ބޮޑެތި އެއާޕޯޓްތަކަށް ކުދި އެއާޕޯޓްތަކަށްވުރެ އިސްކަންދޭނެކަން ޔަގީން. އެކަމަކު ތެޔޮ ލިބެން ފެށި ނަމަވެސް، އެ ތެޔޮ ފޯރުކޮށް ދިނުމަށް ފަސް ހަފުތާ ނުވަތަ ހަ ހަފުތާ ނަގާނެ،" އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ ގިނަ އެއާލައިންތަކަކުން މިހާރު ވަނީ ތެލުގެ އަގު އުފުލުމާ ގުޅިގެން ކުއްލި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައެވެ. އާންމުގޮތެއްގައި އެއާލައިންތަކުގެ ހިންގުމުގެ ޚަރަދުގެ 20 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކީ ތެލުގެ ޚަރަދެވެ.
ޔޫރަޕްގެ ބާޒާރުގައި ޖެޓް ފިއުލް ޓަނެއްގެ އަގު އޭޕްރީލް މަހުގެ ކުރީކޮޅު ވަނީ ރެކޯޑް މިންވަރަކަށް އުފުލި، 1,838 ޑޮލަރަށް އަރާފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ޓަނެއްގެ އަގު ހުރީ 831 ޑޮލަރުގައެވެ. މި ހަފުތާގެ ކުރީކޮޅު ޔޫރަޕިއަން ކޮމިޝަނުން ބުނެފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން ތެޔޮ ހުސްވަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް، "ކުރިއަށް އޮތް ތަނުގައި" ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެ ކޮމިޝަނުން ވަނީ އެއްބަސްވެފައެވެ.
ޕްރެސް ބްރީފިންއެއްގައި ތަރުޖަމާނަކު ވިދާޅުވީ، އީޔޫގެ ރިފައިނަރީތަކަށް ސާފުނުކުރާ ތެޔޮ ލިބޭ މިންވަރު ހަމަހަމަކޮށް ހުރި ކަމަށާއި، މިވަގުތު އިތުރު ރިޒާވް ދޫކުރަން ނުޖެހޭ ކަމަށެވެ.
ކޮމިޝަނުން ބުނި ގޮތުގައި ތެލާއި ގޭހާ ގުޅޭ ކޯޑިނޭޝަން ގްރޫޕްތަކުން ކޮންމެ ހަފުތާއަކު ބައްދަލުކުރަމުންދާ ކަމަށާއި، ހަކަތައާ ގުޅޭގޮތުން އަޅާނެ ފިޔަވަޅުތައް އަންނަ ހަފުތާގައި ކޮމިޝަންގެ ރައީސް އިއުލާން ކުރައްވާނެ ކަމަށެވެ.
ޔޫރަޕްގެ އެއާޕޯޓްތައް ތަމްސީލުކުރާ ޖަމާއަތް ކަމަށްވާ އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް އިން މިދިޔަ ހަފުތާގައި ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި އިންޒާރު ދީފައިވަނީ، ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ސްޓްރެއިޓް އޮފް ހޮރްމޫޒް ނުހުޅުވިއްޖެނަމަ، މުޅި ބައްރުން ޖެޓް ފިއުލް ހުސްވެދާނެ ކަމަށެވެ.
އިންޑަސްޓްރީ ގްރޫޕެއް ކަމަށްވާ "އެއާލައިންސް ފޯ ޔޫރަޕް" އިން ވަނީ، ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުން ދަތިވުން ނުވަތަ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުމަކީ "ޚާއްސަ ހާލަތެއް" (އެކްސްޓްރާއޯޑިނަރީ ސާކަމްސްޓެންސަސް) ގެ ގޮތުގައި ބެލުމަށް، ފަސިންޖަރުންނަށް ބަދަލުދިނުމާ ގުޅޭ އީޔޫގެ ގަވާއިދުތައް ސާފުކޮށްދިނުމަށް އެދިފައެވެ.
މީގެ މާނައަކީ، މިފަދަ ސަބަބުތަކާ ހުރެ ފްލައިޓްތައް ކެންސަލް ކުރަން ޖެހުނު ނަމަވެސް، އެއާލައިންތަކުން ބޮޑެތި ބަދަލުތައް ދޭން ނުޖެހުމެވެ.
ބުރާސްފަތި ދުވަހުގެ ކުރީކޮޅު އީޒީޖެޓުން ނެރުނު ވިޔަފާރީގެ މައުލޫމާތުތަކުގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މާރިޗު މަހުގެ ތެރޭގައި އެ އެއާލައިނަށް ތެލުގެ ޚަރަދުގެ ގޮތުގައި އިތުރު 25 މިލިއަން ޕައުންޑް ހޭދަވެފައިވާ ކަމަށެވެ.
މިއީ ތެލުގެ އަގު އުފުލުމުގެ ކުރިން، ބޭނުންވާ ތެލުގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ މިންވަރު ވަކި އަގަކަށް ކަނޑައަޅައި (ހެޖިންގް މެދުވެރިކޮށް) ކަށަވަރުކޮށްފައި އޮތް ނަމަވެސް ކުރިމަތިވި ޚަރަދެކެވެ. އެ އެއާލައިނުން ބުނީ، މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި ކަސްޓަމަރުންގެ ޑިމާންޑާ މެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ.
ނެދަލޭންޑްސްގެ ކޭއެލްއެމް އެއާލައިނުން ބުނީ، ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިއަށް އޮތް މަހުގެ ތެރޭގައި ޔޫރަޕްގެ 160 ފްލައިޓެއް ކެންސަލް ކުރާނެ ކަމަށެވެ.
ނަމަވެސް މިއީ އެ އެއާލައިނުން ޔޫރަޕްގައި ކުރާ ދަތުރުތަކުގެ އެންމެ އެއް އިންސައްތައަށްވުރެ ވެސް މަދު މިންވަރެއް ކަމަށާއި، ޖެޓް ފިއުލް ލިބުމުގެ ދަތިކަމެއް އެ އެއާލައިނަށް މިވަގުތު ނެތް ކަމަށް ވެސް ކޭއެލްއެމް އިން ބުންޏެވެ.







