މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނޭ. އަންނަ މެއި މަހު ހުޅަނގު މޫސުން ފެށޭނެތީ މޫސުން އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުމާއެކު، ދަތުރުފަތުރު ކުރުމުގައާއި އެހެނިހެން ކަންކަމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވޭ.

މޫސުން - މާލެއަށް ބޯކޮށް ވާރޭ ވެހެނީ. | ރާއްޖެއެމްވީ
މުޅިރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދަށް ވާރޭވެހި މޫސުން ގޯސްވެފައިވަނީ އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވި ނަމަވެސް އިހުސާސްކުރެވޭ ފިނި ހޫނުމިން ހުންނާނީ މަތީގައި ކަމަށް އެ އިދާރާއިން ބުނެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ބުދަ ދުވަހުގެ ހެނދުނު 10:00ން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކާށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ނުވަތަ 2 ފޫޓު ހުންނާނެ ކަމަށެވެ.
މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މެއި މަސް ފެށޭއިރު، ހުޅަނގު މޫސުމަށް އެޅޭނެ ކަމަށެވެ. އާންމުކޮށް ރާއްޖެއަށް ބޮޑަށް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމު ގައި ކަމަށްވާއިރު، މި މޫސުން ރާއްޖެއަށް އާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި ދެ މޫސުން ބަދަލުވާ ދުވަސްވަރު ވަރަށް ބޮޑަށް މޫސުން ގޯސްވެ، ހިތާމަވެރި ހާދިސާތައް ހިނގަ އެވެ.
އެހެންކަމުން މިދުވަސްވަރު މޫސުމަށް ޚާއްސަ ގޮތެއްގައި ސަމާލުވުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސް ކުރެ އެވެ.







