ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑް ހަފްލާ: އެކި ދާއިރާތަކުން ހިދުމަތް ކުރި މުވައްޒަފުންނަށް 38 އެވޯޑު!
ބޭންކް އޮފް މޯލްޑިވްސްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފަކަށް ހެޑް އޮފް ބިޒްނަސް ސިސްޓަމްސް މިސްބާހް އަބްދުއް ރަޝީދު ހޮވުނުއިރު، ލީޑަރޝިޕް އެކްސެލެންސް އެވޯޑް ހާސިލްކުރީ ހެޑް އޮފް ޕްރޮޕަޓީ ޔުޒްނާ ނަސީމް. ބޭންކުގެ ކުރިއެރުމަށް މުހިންމު ހިއްސާއެއްވި ފަސް މުވައްޒަފަކަށް ސީއީއޯ އެވޯޑް ދީފައިވާއިރު، މިދިޔަ އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރުކަން ސީއީއޯ މުޙައްމަދު ޝަރީފް ފާހަގަކުރެއްވި. މި ހަފްލާގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނާއި ޓީމުތަކަށް ޖުމްލަ 38 އެވޯޑެއް ވަނީ ދީފަ.


ބީއެމްއެލްގެ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މިއަހަރު ހާސިލްކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އަބްދުއް ރަޝީދް | ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުކުރު ދުވަހުގެ ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑް މިއަހަރު ހާސިލްކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އަބްދުއް ރަޝީދް އެވެ. މިއީ 2025 ވަނަ އަހަރު މިސްބާހް ދެއްކި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެއް ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
"ލީޑަރޝިޕް އެކްސެލެންސް އެވޯޑް" ހާސިލްކުރީ ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމް އެވެ. މީގެ އިތުރުން، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑް ދީފައިވެ އެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ އިސްތިރާޖީ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް" ދީފައިވާ ކަމަށެވެ. މި މުވައްޒަފުންނަކީ މަސައްކަތް ކުރާ ދާއިރާތަކުގެ އިތުރުން، ބޭންކުގެ އިސްތިރާޖީ ރޭވުންތަކާއި، މަސައްކަތްތައް ތަންފީޒުކުރުމާއި، ވިޔަފާރީގެ ނަތީޖާ ހާސިލްކުރުމުގައި ނަމޫނާ ލީޑަރޝިޕެއް ދައްކާފައިވާ މުވައްޒަފުން ކަމަށެވެ.
މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ:
· މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
· ހުޝާމް ސައީދު، ޑީރެކްޓަރ އޮފް ޓެކްނޮލޮޖީ
· ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރ
· ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ
· އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރ
މި ހަފުލާގައި ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް ޖުމްލަ 38 އެވޯޑެއް ދީފައިވެ އެވެ.
މީގެ އިތުރުން، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމެންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް، މި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ޓީމްތަކާއި މުވައްޒަފުންނަށް އެވޯޑު ދީފައި ވެ އެވެ.
މި ހަފްލާގައި މުވައްޒަފުންނާ މުހާތަބުކުރައްވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރަކީ ބޭންކުގެ 43 އަހަރުވީ ތާރީހުގައި ފާހަގަކޮށްލެވޭނެ، އަދި މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އަދި މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި ކާމިޔާބީގެ އަސްލަކީ ބޭންކުގެ މުވައްޒަފުންގެ ހީވާގިކަމާއި، ފަންނީ ގާބިލްކަމާއި، އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު ކަމަށެވެ.







