އިސްތިއުފާއަށް ގޮވާލާ މުޒާހަރާކުރި ނަމަވެސް ފްލެޓުގެ ކުއްޔަށް އިތުރު ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް: ހަމްދާން
ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒަހާރާގައި ކުރީ ސަރުކާރުގައި ކަނޑައަޅާފައިވާ އަގަށް ފްލެޓުގެ ކުލި ކުޑަ ކުރުމަށް ގޮވާލާފައިވޭ. މުޒާހަރާގެ ބައިވެރިން ބުނީ، ފަހި ފްލެޓަށް ބަދަލުވެ، ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި، އަތުން ބޮޑު ހޭދައެއް މިހާރު ވެސް ގޮސްފައިވާ ކަމަށް. މިއީ ލުއި ފަސޭހަކަން ހޯދައިނުމަށް އައި ސަރުކާރެއް ނަމަވެސް ދިރިއުޅުމުގައި ތުރާ ޖައްސަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވޭ.


ހުޅުމާލޭގައި ފަހި ދިރިއުޅުން ފްލެޓު ލިބުނު މީހުން މުޒާހަރާ ކުރަނީ. | ސޯޝަލް މީޑިއާ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިިން ޑިރެކްޓަރު، ހަމްދާން ޝަކީލުގެ އިސްތިއުފާއަށް ގޮވާލައި ފަހި ދިރިއުޅުން ފްލެޓު ލިބުނު މީހުން މުޒާހަރާ ކޮށްފި އެވެ.
ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒަހާރާގައި އެމީހުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަނޑައަޅާފައިވާ އަގަށް ފްލެޓުގެ ކުލި ކުޑަ ކުރުމަށް ގޮވާލާފައިވެ އެވެ.
އެއީ މެއިންޓެނެންސް ފީ އާއެކު، ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 6000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 8000 ރުފިޔާ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ މެއިންޓެނެންސް ފީ އާއެކު، ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 7000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 10،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ކަނޑައަޅާފަ އެވެ.
މުޒާހަރާގެ ބައިވެރިން ބުނީ، ފަހި ފްލެޓަށް ބަދަލުވެ، ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި، އަތުން ބޮޑު ހޭދައެއް މިހާރު ވެސް ގޮސްފައިވާ ކަމަށެވެ. މިއީ ލުއި ފަސޭހަކަން ހޯދައިދިނުމަށް އައި ސަރުކާރެއް ނަމަވެސް ދިރިއުޅުމުގައި ތުރާ ޖައްސަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެ އެވެ.
އެފްޑީސީގެ މެނޭޖިިން ޑިރެކްޓަރު ހަމްދާންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާގެ ބައިވެރިން ބުނީ، އެތައް ފަހަރަކު ކަންބޮޑުވުންތައް ހުށަހެޅި ނަމަވެސް އެއްވެސް ޝަކުވާ އަކަށް އިޖާބަ ދީފައިނުވާ ކަމަށާއި، ޚިދުމަތް އެފްޑީސީއަށް ނުދެވޭ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް އިންތިޚާބަކާ ގުޅުވައި، ހިޔާ ފްލެޓުތަކުގެ ވެރިންނަށް ކުލި މައާފް ކޮށްދީ މިގެންނަ ބަދަލުތަކުން ގިނަ ބައެއްގެ ހައްގު ގެއްލޭ ކަމަށާއި، ސިޔާސީ ގޮތުން މިފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެ އެވެ.
މީގެ އިތުރުން ކުލި ދައްކަން ނުޖެހޭ މުއްދަތު (ގްރޭސް ޕީރިއަޑް) އެއް އަހަރު ދުވަހަށް އިތުރު ކޮށްދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ހަމްދާން ވިދާޅުވީ، އެ ފުލެޓުތަކުގެ ކުއްޔަށް އިތުރު ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ކުރީ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4000 ފްލެޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ފްލެޓާއި ތިން ކޮޓަރީގެ 2،750 ފްލެޓެވެ.







