ދެ އިންތިހާބު އެއްކުރަނީ ރައްޔިތުން އަތުގައި ވޯޓުލުމުގެ ބާރު އޮތުމުން އެ އުނދަގޫ ސަރުކާރަށް ވާތީ: އާޒިމް
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ބާރު ކުޑަކޮށް، ވޯޓުލުމުގެ ހައްގަށް އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. އިންތިހާބުތައް ގިނަވުމަކީ ރައްޔިތުންނަށް އޮތް ބުރައެއް ކަމަށާއި، މި ބަދަލު ގެންނަން އުޅެނީ ސަރުކާރުގެ ނިންމުންތަކާ މެދު ރައްޔިތުން ބަސްބުނުމަށް އޮތް ފުރުސަތު ހަނިކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން، އަންނަ އޭޕްރީލް މަހު ހަތަރެއް ގައި ބާއްވާ ރެފަރެންޑަމްގައި މި ބަދަލާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް މޭޔަރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައި.


ހުޅުމާލޭގައި ބޭއްވި "ހޭވައްލާ ތައްޔާރު ހުޅުމާލެ ޖަލްސާ" މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރުމަށް ސަރުކާރުން ނިންމާފައިވަނީ ވޯޓުލާ ދުވަހެއްގައި ރައްޔިތުން ވޯޓުން ބާރުދައްކާނެތީ އެ އުނދަގޫ ސަރުކާރަށްވާތީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ބޭއްވި "ހޭވައްލާ ތައްޔާރު ހުޅުމާލެ ބޮޑު ޖަލްސާ" ގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ވޯޓުލުމުގެ ހައްގަކީ ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް މަސައްކަތުން އެތައް ޤުރުބާނީ އެއް ވެގެން ހޯދާފައިވާ ހައްގެއް ކަމަށެވެ. މިއީ ރައްޔިތުންގެ ހައްގެއް ކަމަށާއި ހަމަ މީހަކު ބުނާއިރަށް އެ ހައްގު ދޭކަށް ހެޔޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އުޅުއްވަނީ ރައްޔިތުންގެ ހައްގު އަތުލައިގަތުމަށް ކަމަށާއި ރައްޔިތުންގެ ބާރު އަތުލައިގަތުމަށް އޮޅުވައިލައިގެން މަސައްކަތް ކުރައްވަނީ ކަމަށެވެ. އިންތިހާބުތައް ގިނައިން އޮތުމުން ރައްޔިތަކަށް ވާ ދެރަކަމެއް ނޯންނާނެ ކަމަށާއި ސަރުކާރަށް ނުވަތަ މަޖިލީހަށް އުނދަގޫވާ ކަމެއްވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަ މީހަކު ބުނާއިރަށް އަތުގައި އޮންނަ ފޯނާއި ވޮލެޓާއި ގަޑި ދޭންވީތޯ؟ ތި ބޭފުޅުންގެ ޙައްޤެއް ކީއްކުރަންތޯ ދޫކޮށްލަންވީ؟ އިންތިޚާބުތައް ގިނައިން އޮތުމުން ކޮބައިތޯ ރައްޔިތަކަށް ވާ ދެރަ ކަމަކީ؟ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ އަށް ވާ އުނދަގުލަކީ؟ ކޮބައިތޯ މަޖިލީހަށް އުނދަގުލަކީ؟ ކޮބައިތޯ އެމީހުންނަށް ޤައުމު ހިނގަން އުނދަގުލަކީ؟ ހަމައެކަނި އުނދަގުލަކީ ރައްޔިތުންގެ ބާރު އޮތީމާ ވޯޓުލާ ދުވަހެއްގައި ރައްޔިތުން ވޯޓުން ސަރުކާރަށް ސަރުކާރުގެ ވިޔާނުދާކަން ދައްކާލާނެތީ. އެހެންވީމާ، ވިޔާނުދާކަން ރައްޔިތުން ނުކުމެ، ރައްޔިތުންގެ ބާރުން ދައްކާނެތީވެ، އެ ބޭފުޅުން އެ އުޅެނީ، ތިޔަބޭފުޅުންގެ އަތުގައި އޮތް ވަރުގަދަ ބާރު އަތުލަން. ރައްޔިތުންގެ ކިބައިގައި އޮތް ބާރު ނުދެއްވާތީ. ޙައްޤު ނުދޭތީ އެ މީހުންނަށް. ޙައްޤު ނުދިނުމަށްޓަކައި، ހަތަރެއް އެޕްރީލް ވާ ދުވަހު ތިޔަބޭފުޅުންނަށް ލިބޭ ގަނޑުކޮޅެއް އޮންނާނެ. އެ ގަނޑުކޮޅު އޮންނާނީ ފެނޭހެއްޔޭ ނުފެނޭ ހެއްޔޭ. އެތަނުގައި ތިޔަބޭފުޅުން ޖައްސަވަންވީ، ތިމަންނަމެން ނުދޭނަމޭ ތިޔަބޭފުޅުންނަކަށް މި ބާރެއް. އެހެންވީމާ، ތިމަންނަމެން ޖަހާނީ ނުފެނޭ އޮންނަތަނުގައި ރަނގަޅު ފާހަގައެއް.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ ސަރުކާރަށް އުނދަގޫވަނީ ރައްޔިތުންގެ ބާރު އޮތީމާ ވޯޓުލާ ދުވަހެއްގައި ރައްޔިތުން ވޯޓުން ސަރުކާރަށް ސަރުކާރުގެ ވިޔާނުދާކަން ދައްކާލާނެތީ ކަމަށެވެ. އެހެންވީމާ ވިޔާނުދާކަން ރައްޔިތުން ނުކުމެ ރައްޔިތުންގެ ބާރުން ދައްކާނެތީވެ ސަރުކާރުން އުޅުއްވަނީ ރައްޔިތުންގެ އަތުގައި އޮތް ވަރުގަދަ ބާރު އަތުލައިގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ެއްގޮތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ހީކޮށްގެން ނުވާނެ އޮޅުވާލައިގެން ރައްޔިތުންގެ އަތުގައި އޮތް ބާރެއް އަތުލެވޭނެކަމަށް. ތިޔަބޭފުޅުން މި ބާރު ދީފިއްޔާ، ތިޔަބޭފުޅުން މި ސަރުކާރަށް މި ބާރު ދީފިއްޔާ ތިޔަބޭފުޅުންގެ ބާރުދެއްކުމަށްޓަކައި ޑިމޮކްރެޓިކް ނިޒާމުގައި އޮތް އެންމެ މުހިންމު ޙައްޤު ގެއްލިގެން އެ ދިޔައީ. މި ވާހަކަ ތަކުރާރުކޮށް ދައްކަން މި ޖެހެނީ، އަޅުގަނޑުމެންގެ އަތުގައި އޮތް ބާރެއް، އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ހަމަ ދޭން އުޅޭތީވެ. ބައެއް މީހުންނަށް ހީވަނީ މިއީ އެހާ ބޮޑު ކަމެއް ނޫނޭ. ނޫން. މިއީ އެތައް ބައެއްގެ، އެތައް ޤުރުބާނީއެއް ވެގެން ހޯދި ހައްގެއް. މިއަދު އަޅުގަނޑުމެންނަށް ވޯޓުލުމުގެ ޙައްޤުތައް ލިބުނީމާ އެ ޙައްޤުތައް ޖަހައިގަންނަން އުޅޭ، މީހަކަށް އަޅުގަނޑުމެން އެއްވެސް ހާލެއްގައި ފޭރިގަންނަން ދީގެން ނުވާނެ.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މޭޔަރު ވިދާޅުވީ ރައްޔިތުން މި ބާރު ސަރުކާރަށް ދީފިއްޔާ ޑިމޮކްރެޓިކް ނިޒާމުގައި އޮތް އެންމެ މުހިންމު ހައްގު ގެއްލިގެން ދިޔުމުގެ ބިރު އޮތް ކަމަށެވެ.
މިއީ އެތައް ބައެއްގެ އެތައް ޤުރުބާނީއެއް ވެގެން ހޯދި ހައްގެއް ކަމަށާއި އެ ހައްގުތައް ޖަހައިގަންނަން އުޅޭ މީހަކަށް އެއްވެސް ހާލެއްގައި ފޭރިގަންނަން ފުރުސަތު ދީގެން ނުވާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ އަތުގައި އޮތް އަގުބޮޑު ހައްގު އަތުލައިގަންނަން އުޅޭއިރުގައި ރައްޔިތުން ނުކުމެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.







