އިޖުރާއީ ގޮތުން ބަލާނަމަ ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ އިޖުރާއީ ކަންތައްތައް ފުރިހަމަވާ ބިލެއް ނޫން: ޝަމްސުލް ފަލާހު
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙު ފާސްކުރުމުގައި އިޖުރާއީ ގޮތުން ބޮޑެތި އުނިކަންތައްތަކެއް ހުރިކަން ޤާނޫނީ މާހިރު ޑރ. ޝަމްސުލް ފަލާޙު ފާހަގަކުރައްވައިފި. މި ބިލު ފާސްކުރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ދީފައި ނުވުމާއި، ކޮމިޓީ މަރުހަލާގައި އެކަށީގެންވާ ބަހުސެއް ކޮށްފައި ނުވާތީ އެ ނިންމުމުގެ ދުސްތޫރީ ސައްޙަކަމާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ. އަދި ފެންނަ ނުފެންނަ ވޯޓަކަށް ދާއިރުވެސް، ކަމުގެ ދެކޮޅު ހަމަހަމަކޮށް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި.


ޤާނޫނީ އަދި ދުސްތޫރީ ދިރާސާތައް ކުރައްވާ ލިޔުންތެރިއެއް ކަމަށްވާ ޑރ. ޝަމްސުލް ފަލާޙު. | ފޭސްބުކް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ފާސްކުރި ބިލަކީ، އިޖުރާއީ ގޮތުން ބަލާއިރު ފުރިހަމަވާ ބިލެއް ނޫން ކަމަށް ޤާނޫނީ އަދި ދުސްތޫރީ ދިރާސާތައް ކުރައްވާ ލިޔުންތެރިއެއް ކަމަށްވާ ޑރ. ޝަމްސުލް ފަލާޙު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ނޫނެކޭ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަލާޙު ވަނީ މި ބިލު ފާސްކުރުމުގައި އަމަލުކޮށްފައިވާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭގެ ދުސްތޫރީ ސައްޙަކަމާމެދު ސުވާލު އުފައްދަވާފަ އެވެ.
ފަލާޙު ވިދާޅުވީ، މިހާރަކަށް އައިސް ރޭގަނޑު ދިހައެއް ޖަހާއިރު މަޖިލީހަށް ބިލެއް ހުށަހަޅައި، ޖެހިގެން އަންނަ ދުވަހު ކޮމިޓީއަށް ފޮނުވައި، އެ ދުވަހުގެ އިރުއޮއްސޭއިރު ބިލު ފާސްކުރުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. މަޖިލީހަށް ޤާނޫނު ހެދުމުގެ ބާރު އޮތް ނަމަވެސް، އެއީ ހިތުހުރި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ދައުލަތުގެ ބާރުތަކުގެ އަސްލަކީ ރައްޔިތުން ކަމަށްވާތީ، ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށް އެކަން ކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރާ ހަވާލާދެއްވައި ފަލާޙު ވިދާޅުވީ، ރައްޔިތުން ފުރިހަމައަށް ތަމްސީލުވާ އަދި އެބައިމީހުންގެ ބައިވެރިވުން އޮންނަ، ޖަވާބުދާރީވާ ހާމަކަން ބޮޑު ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރުމަކީ ދުސްތޫރީ ވާޖިބެއް ކަމަށެވެ. ނަމަވެސް މި ބިލު ފާސްކުރުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެކަށީގެންވާ މުއްދަތެއް ދީފައި ނުވާ ކަމަށާއި، ކޮމިޓީ މަރުހަލާގައިވެސް އެއްވެސް ބަހުސެއް ނުވަތަ އިސްލާހެއް ނެތި ބިލު ފާސްކޮށްފައިވަނީ އެންމެ ފަސް މިނެޓުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ބޭއްވި ދެ ޖަލްސާއެއް. އެއީ ޖަނަވަރީ 5 ވަނަ ދުވަހު ފުރަތަމަ ބޭއްވި ޖަލްސާ. 9 ޖެހިއިރު ފެށިގެން 1:48 ގައި ނިމުނީ. 4:48 މިނެޓް. އަޅުގަނޑު މި ދައްކަނީ 4:48 ހަމައެކަނި މި ބިލުގެ މަޝްވަރާ ކުރި ވާހަކައެއް ނޫން. އެ ދުވަހުގެ އެޖެންޑާގައި ބައިވަރު ކަންތައްތަކެއް ހިމެނިފައިވޭ. ދެން ޖަލްސާއެއް އޮތީ ދިހަ ވަނަ ދުވަހު. އެއީ ނިންމާލުމަށްޓަކައި. ނުވައެއް ޖަހާއިރު ފަށާފައި އެގާރަގަޑި އަށެއްގައި ނިންމާލީ. އެހެންވީމަ ތަޅުމުގައި މި ހޭދަވި 5:50 މިނެޓާއި، ކޮމިޓީ މަރުހަލާއިން ނެގި ދެ ގަޑިއިރަށް ފަންސާސްމިނެޓު އެންމެ ފަހު ކޮމިޓީ ބައްދަލުވުމަށް ނިންމާލުމަށްޓަކައި، ވޯޓަށް އަހާލީ މަޝްވަރާތަކެއް ނެތް ލިޔެކިޔުމުން އެނގޭކަށް. ކޮންކަމެއް ކޮން ހުށަހެޅުމަކާ ބެހޭގޮތުން ކޮން ގޮތަކަށްކަމެއް ނިންމީ އަކީ ވެސް ނެތް އެނގޭކަށް. އެދުވަހުގެ އެންމެ ފަހު ޖަލްސާއަށް ބައްދަލުވުމަށް ކޮމިޓީގައި ނެގީ ކިތަން މިނެޓު ކަން އެނގިލައްވާތޯ؟ އެންމެ ފަސް މިނެޓު. މި ދައްކަނީ ޤައުމެއްގެ ދުސްތޫރީ ކަމެއް ކުރުމަށް ނެގި ވަގުތު. ދެން ދައުރުން ބޭރުގައި ބޭއްވި ޖަލްސާތަކެއް މިއީ.ޑރ. ޝަމްސުލް ފަލާޙު
ފަލާހު ވިދާޅުވީ މިއީ އިޖުރާއީ ގޮތުން ބަލާނަމަ، އިޖުރާއީ ކަންތައްތައް ފުރިހަމަވާ ބިލެއްވެސް ނޫން ކަމަށެވެ. ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތި ބިލެއް ފާހެއް ނުކުރެވޭނެ ކަމަށެވެ. އަދި އިޖުރާއީ ގޮތުން އަފާހަގަކުރެވޭ އަނެއް ނުކުތާއަކީ، ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙަށް އެ ގެންނަންޖެހޭ އިޞްލާޙުތަކާއި އެއާ ގުޅޭ ކަންކަމުގެ އިތުރުން އެހެން ކަމެއް ހިމަނައިގެނެއް ނުވާނެ ކަން ސާފުކޮށް އެނގޭ ކަމަށެވެ. އެހެންކަމުން 266 ވަނަ މާއްދާ މާނަ ކުރަންވާނީ އެއާ ގުޅޭ ކަމެއް ހިމަނަންޖެހޭ ކަމެއް ވެއްޖެއްޔާ ހިމަނަން ޖެހުމަކީވެސް ލާޒިމު ކަމެއް ކަމަށެވެ.
އޭތި އިންތިޤާލީ މާއްދާއެއްގެ ގޮތުގައި އޮތީމަ މި ދުއިސައްތަ ފަސްދޮޅަސް ހަ ވަނަ މާއްދާގައި މި ބުނާ އޭގެ އަސްލު ރޫހާ ވެސް ޚިލާފޭ. އެހެންވީމާ، އެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. މިކަމާ ގުޅޭގޮތުން ދެން މި ދަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް. ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން، ޕަބްލިކް ރިފަރެންޑަމާ ގުޅޭގޮތުން ހެދިފައި އޮތް ޤާނޫނަށް ރައީސުލްޖުމްހޫރިއްޔާ ހަވާލާދެއްވާފައި އެބަހުރި. މާއްދާތަކާ ހަވާލާދެއްވާފައި އެބަހުރި. އޭގެތެރެއިން ދިހަ ވަނަ މާއްދާއަށް ހަވާލާދެއްވާފައި އެބައޮތް އެ ގާނޫނުގައި. ދިހަ ވަނަ މާއްދާގައި ސާފުކޮށް ބުނޭ އެއްކޮޅަށް ހުރި އަދި ދެކޮޅަށް ހުރި ޙުއްޖަތްތައް ދައްކަންވާނީ އެކަމަކު ފާހަގަކުރައްވާފައި އޮތީ އެއްކޮޅަށް ހުރި ޙުއްޖަތްތައް އެކަނި. އެހެންވީމަ އެ ޝަރުތު ވެސް ފުރިހަމައެއް ނުވޭ އެހެންވީމަ އިޖުރާއީގޮތުން އަޅުގަނޑަށް ފާހަގަކުރެވެނީ މި ކަންތައްތައް މިހެން ފުރިހަމަ ނުވާތީ އޭގެ ޒާތުގަ މިއީ އިޖުރާއީ ކަންކަން ފުރިހަމަވާ ބިލެއްވެސް ނޫންކަން.ޑރ. ޝަމްސުލް ފަލާޙު
ފަލާހު ވިދާޅުވީ އެހެނިހެން މައުޟޫޢީ ކަންކަމަށް އެދެން ވާނީ ވެސް، އެކި މީހުންގެ ޚިޔާލު ތަފާތުވާނެކަމާއި، ސުވާލުތައް އުފެއްދިދާނެކަން އެކި ގޮތްގޮތަށް އެނގި އެކަންކަން ދެނެގަނެގެން ކަމަށެވެ. ނަމަވެސް އެއްވެސް ވަރަކަށް އެ އިޖުރާއީ ނުކުތާތަކުގެ ތެރެއިން ކަމެއް ފުރިހަމަ ނުވާނަމަ އެ ބިލެއް ފުރިހަމަ ނުވާނެ ކަމަށެވެ. އަދި އޭގެ ސައްޙަކަމާ މެދު އޭގެ ދުސްތޫރިޔަތާ މެދު ހަމަ ސުވާލު އުފެއްދޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.







