ނިދާފައި އޮތް ކޮންޓްރޯލް ކޮމިޝަނުން އިންތިހާބާއި ގުޅުވައި ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
އިންތިޚާބީ ދުވަސްވަރު ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، ވަކި ޖިންސަކަށް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް ފުރައްސާރަ ނުކުރުމަށް މީޑިއާ ކޮމިޝަނުން ވަނީ އަންގާފައި. މީގެ އިތުރުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، ސިޔާސީ ނުފޫޒުން އެޑިޓޯރިއަލް މިނިވަންކަން ހިމާޔަތްކުރުމާއެކު، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މި ގައިޑްލައިންގައި ބާރުއަޅާފައިވޭ. އަދި އުސޫލާ ޚިލާފުވާ ކޮންޓެންޓްތަކުގެ މައުލޫމާތު 24 ގަޑިއިރު ތެރޭގައި އެ ކޮމިޝަނަށް ހުށަހަޅަންޖެހޭނެ.


ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުން ކޮންޓްރޯލްކުރަން ސަރުކާރުން އުފެއްދި މީޑިއާ ކައުންސިލްގެ މެންބަރުން. | މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
އިންތިޚާބުތަކުގެ ދުވަސްވަރު ސިޔާސީ ޚަބަރުތައް ކަވަރުކުރުމާއި ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި އަމަލުކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ގައިޑްލައިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އާންމުކޮށްފި އެވެ.
މި ގައިޑްލައިނަކީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާއާއި، މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން، އިންތިޚާބީ ދުވަސްވަރު ހަމަހަމަކަމާއެކު މައުލޫމާތު ފެތުރުމަށާއި އާންމުންގެ ކަރާމާތް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކެކެވެ. މި ގައިޑްލައިންގެ ދަށުން ޓީވީ ޗެނަލްތަކުގެ އިތުރުން އެ ފަރާތްތަކުން ހިންގާ ޑިޖިޓަލް ޕްލެޓްފޯމްތަކުން ފޮނުވާ ސިޔާސީ ކޮންޓެންޓްތައްވެސް ވަކި މިންގަނޑުތަކަކަށް ފެތެންޖެހެ އެވެ.
މި ގައިޑްލައިންގައިވާ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާންކުރާ ދުވަހުން ފެށިގެން، ވޯޓުލާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް ކެންޑިޑޭޓުންނަށް "ޑައިރެކްޓް އެކްސެސް" ނުވަތަ ވަގުތު ހަމަހަމައަށް ދޭންޖެހެ އެވެ. މިގޮތުން އެއަރޓައިމް ވިއްކާނަމަ އެކަން އާންމުކޮށް އިއުލާންކުރަންޖެހޭނެ ކަމަށާއި، ވަކި ކެންޑިޑޭޓަކަށް ނުވަތަ ޕާޓީއަކަށް ދޭ އެއަރޓައިމްގެ ތަފްސީލީ ލޮގްތައް މަދުވެގެން 60 ދުވަސް ވަންދެން ރައްކާކޮށްފައި ބަހައްޓަންޖެހެ އެވެ. އަދި ކެމްޕެއިން ކުރިއަށްދާއިރު މި މައުލޫމާތުތައް ހިމެނޭ ޚުލާސާ ރިޕޯޓެއް މީޑިއާ ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ޖިންސީ ތަފާތުކުރުންތަކުން ދުރުހެލިވުމަށް މި ގައިޑްލައިންގައި ބުނެފައިވެ އެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، ވަކި ޖިންސަކަށްވީތީ ކުރާ ތަފާތުކުރުންތަކާއި ފުރައްސާރަކުރުންތަކުން ދުރުހެލިވުމަށް ވަނީ އަންގާފަ އެވެ. ސިޔާސީ ޕްރޮގްރާމްތަކާއި ބަހުސްތަކުގައި ތަޖުރިބާކާރުންގެ ގޮތުގައި އަންހެނުން ބައިވެރިކުރުމަށް ބާރުއަޅާފައިވާއިރު، ކެންޑިޑޭޓުންގެ އާއިލީ ހާލަތާއި ކައިވެންޏާ ގުޅޭ ޒާތީ މައުލޫމާތުތައް ގެނެސްދިނުމަކީ މަނާކަމެކެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ޖަމާއަތްތަކުގެ ކަރާމާތަށް އުނިކަން އަންނަ ފަދަ "ސްޓީރިއޯޓައިޕް" ތަކުން ދުރުހެލިވުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.
ބްރޯޑްކާސްޓަރުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި އިތުބާރު ހުރި މަސްދަރުތައް ބޭނުންކުރުމަށާއި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ގައިޑްލައިންގައި ލާޒިމްކުރެ އެވެ. ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު މަސައްކަތްކުރުމަށާއި، ސަރުކާރުގެ އިދާރާތަކާއި ސިޔާސީ ޕާޓީތަކުގެ ނުފޫޒުން އެޑިޓޯރިއަލް ނިންމުންތައް އެއްކިބާކުރުމަށް ވަނީ އަންގާފަ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފެތުރުމާއި ބިރުދެއްކުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. ދައުލަތުގެ އިސް އޮފިޝަލަކު އިންތިޚާބަށް ކުރިމަތިލައިގެން އުޅޭނަމަ، އެ ފަރާތުން ބާއްވާ އިވެންޓްތަކަށް ރައްދު ދިނުމުގެ ހަމަހަމަ ފުރުސަތު ވާދަވެރި ކެންޑިޑޭޓުންނަށް ދޭންޖެހޭނެ އެވެ.
ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުންގެ މައްޗަށް މި ގައިޑްލައިންގައި އިތުރު ޒިންމާތަކެއް ވަނީ މަތިކޮށްފައެވެ. އެގޮތުން ވޯޓަރ އެޑިޔުކޭޝަން ޕްރޮގްރާމްތައް ހިންގުމާއި، އިންތިޚާބާ ގުޅޭ މުހިންމު މައުލޫމާތުތައް ޒިންމާދާރުކަމާއެކު އާންމުކުރުމަކީ އެ ފަރާތްތަކުގެ ޒިންމާއެކެވެ. އަދި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސްތަކުގެ ލައިވް ފީޑް އެއްވެސް އަގަކާ ނުލައި ހުރިހާ ބްރޯޑްކާސްޓަރުންނަށް ދޭންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތަށް ސަބްޓައިޓްލް ނުވަތަ އެހެން ގޮތްތައް ބޭނުންކުރުމަށްވެސް ވަނީ ބާރުއަޅާފަ އެވެ.
މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް މި ގައިޑްލައިންގައި އަލިއަޅުވާލާފައިވެ އެވެ. ނޫސްވެރިންނަށް ކުރާ ފުރައްސާރަ އާއި ދޭ ހަމަލާތައް ތަހުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަލާމަތީ ބާރުތަކަށް ވަނީ ގޮވާލާފަ އެވެ. އަދި އިންތިޚާބީ ދުވަސްވަރު ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި މަގުފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އިރުޝާދު ދީފަ އެވެ. މި ގައިޑްލައިނާ ޚިލާފުވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރުމަށް އަންގާފައިވާއިރު، ކޮންޓެންޓެއް ބްރޯޑްކާސްޓް ނުކުރަން ނިންމައިފިނަމަ 24 ގަޑިއިރު ތެރޭގައި އެކަން މީޑިއާ ކޮމިޝަނަށް އަންގަންޖެހޭނެ އެވެ.
މި ގައިޑްލައިންގެ ދަށުން ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާއިރު، ކޮމިޝަނުން ބުނީ ޝަކުވާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ، އެ ގައިޑްލައިން ޢާންމުކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ނިޔަލަށް ބްރޯޑްކާސްޓުކުރާ ކޮންޓެންޓާ ގުޅޭ މައްސަލަތަކެވެ. އަދި ޝަކުވާ ހުށަހަޅާނީ، މި ކޮމިޝަނުން ތައްޔާރުކޮށްފައިވާ "އިންތިޚާބީ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނުގެ ދަށުން ޝަކުވާ ހުށަހަޅާ ފޯމު" ގައި ބަޔާންކުރާ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު އެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޙަވާލާދީފައިވާ ގައިޑްލައިން ޢާންމުކުރާ ތާރީޚުން ފެށިގެން، 2026 އެޕްރީލު 09 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ. ޝަކުވާއެއް ކަމުގައި ބަލައިގަނެވޭނީ ބަޔާންކުރެވުނު ގައިޑްލައިން ޢާންމުކުރާ ތާރީޚުން ފެށިގެން، ވޯޓު ނަގާދުވަހުގެ ކުރީދުވަހުގެ ހަވީރު 18:00 ގެ ނިޔަލަށް ބްރޯޑްކާސްޓުކުރާ ކޮންޓެންޓާއި ގުޅޭ މައްސަލަތަކެވެ.





