އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން މި ސަރުކާރުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ސުންނާފަތި ކޮށްފި: އީވާ
މި ސަރުކާރުގެ އިސްރާފު ބޮޑުވުމާއި ދުރުރާސްތާގެ ވިސްނުމެއް ނެތުމުގެ ސަބަބުން ގައުމުގެ މާލީ ހާލަތު ގޯސްވެ، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ. ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ރިޒާވް ދަށްވެ، އިގްތިސާދީ ނުރައްކަލެއް އޮތް ނަމަވެސް ސަރުކާރުން ހަގީގަތް އޮޅުވާލަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަށް "ނޫނެކޭ" ބުނެ، އެމްޑީޕީއަށް ވޯޓު ދިނުމަށް އީވާ ވަނީ ގޮވާލައްވާފަ.


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ | ރާއްޖެ އެމްވީ
ގާނޫނު އަސާސީ އަށް އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް ވެސް މި ސަރުކާރުން ސުންނާފަތި ކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އޭޕްރީލް 4 ވަނަ ދުވަހު ނަގާ ވޯޓަކީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ވޯޓު ދޭންވީ ފަހަރެއް ކަމަށެވެ. އަދި މި ވޯޓަކީ މިއަދު މި އޮތް ޕީއެންސީ ސަރުކާރަށް އެންމެން ވެސް ނޫނެކޭ ބުނަންވީ ފަހަރު ކަމަށެވެ.
އީވާ ވިދާޅުވީ ކޮންމެ މީހަކުވެސް މި ވޭތުވެ ދިއަ 2 އަހަރާ ބައި ބަލާލުމުން މި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ އެތައް ސަބަބެއް ކިޔައިދޭން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ.
އަންނަ ހަފްތާގައި 500 މިލިއަން ސުކޫކު ބޮންޑު ސަރުކާރުން ދައްކަން އެބަ ޖެހޭ 2026 ގެ ނިޔަލަށް. 1.5 ބިލިއަން ޔޫއެސް ޑޮލަރު ސަރުކާރުން ދައްކަން އެބަ ޖެހޭ. އެކަމުން ސަރުކާރު ހިންގާގޮތް، މި ގިރިޓީ، މި އިސްރާފު ސަރުކާރުން ހިންގާ ގޮތް ބަލާލާ ކޮންމެ މީހަކަށް ވެސް އެނގޭނެ މާލީ ހާލަތާ ދޭތެރޭގައި ހަމަ ގައިމުވެސް ސަރުކާރުން ދުރުރާސްތާ ވިސްނުމެއް ނެތްކަން. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި މީޑިއާ އާ އެމްއެމްއޭ އާ އެ މުސްތަގިއްލުކަން، އެ މިނިވަންކަން ސުންނާފަތި ކޮށްލައިފި. އިސްލާހަކަށް ފަހު އިސްލާހެއް، ގާނޫނަކަށް ފަހު ގާނޫނެއް ހުށަހަޅައިގެން ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ވެސް ސުންނާފަތި ކޮށްލައިފި. ނައްތާލަނީ.ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
އީވާ ވިދާޅުވީ މިއަދު މި ގައުމުގެ ހުރިހާ ކަމެއް ސުންނާފަތި ކޮށްލުމަށް ފަހު މިހާރު ދިމާވެފައިވާ ހާލަތާ ގުޅިގެން ވެސް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ގައުމުގެ ހާލަތު ރަނގަަޅު ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ދިއަ ނަމަވެސް އިރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެއަށް ވެސް އަސަރު ކުރަމުންދާ ކަން ރައްޔިތުންނަށް މިއަދު ފެންނަ ކަމަށް އީވާ ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ ފިއުލް ރިޒާވް ހުރީ 20 ދުވަހަށް ވާވަރަށް ކަމަށާ ފޮރިން ޔޫޒަބަލް ރިޒާވް ހުރީ ގާތްގަނޑަކަށް މަސް ދުވަހަށް ވާވަރަށް ކަމަށް އީވާ ވިދާޅުވި އެވެ. އޭގެ އިތުރުން ދިވެހިރާއްޖެ އަށް ވަންނަން ހުރި ކާބޯތަކެއްޗާއި، ކާބޯތަކެތި ލިބޭނެ ގޮތާ ކާބޯތަކެތީގެ ރައްކާތެރިކަން ސީދާ ގުޅިފައިވަނީ ހަނގުރާމައިގެ ނާރެހާ ކަމަށާއި ދިވެހިރާއްޖެ އަށް ގާތްގަނޑަކަށް 90 އިންސައްތައާ ގާތަށް ޑޮލަރު ވައްދާ ޓޫރިޒަމް އިންޑަސްޓްރީ އިން 40 އިންސައްތައާ ގާތަށް މީހުން އަންނަވަރު މަދުކަން މިއީ ވެސް އެންމެނަށް އެނގޭ ކަންކަން ކަމަށް އީވާ ވިދާޅުވި އެވެ.
މިއަދު އަވަށްޓެރި ހުރިހާ ގައުމެއްގައި ވެސް ފިޔަވަޅުތައް އަޅާފައިވާއިރު މި ސަރުކާރަށް މި ހަނގުރާމަ ވެސް ގައުމުގެ ހާލަތުވެސް ނުފެންނަ ކަމަށާއި ފެންނަނީ ހަމައެކަނި 4 އޭޕްރީލް ގެ އިންތިޚާބު ކަމަށް އީވާ ވިދާޅުވި އެވެ. އެހެންކަމުން މިވަރުގެ ސަރުކާރަށް ބުނަންޖެހޭނީ ނޫނެކޭ ކަމަށް އީވާ ތަކުރާރު ކޮށް ވިދާޅުވި އެވެ.







