ވޯޓާއި ގުޅިގެން ހުރި މައިގަނޑު 4 ކަންބޮޑުވުމެއް ހިފައިގެން އެމްޑީޕީ އިން އީސީ އަށް
އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭ ރެފްރެންޑަމްގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް، ވޯޓު ކަރުދާސް ބާތިލުވުމާއި ރާއްޖެއިން ބޭރުގައި ފޮށި ނުބެހެއްޓުމުގެ މައްސަލަ ފާހަގަކޮށްފި. މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމާއި އޮބްޒާވްކުރުމުގެ ފުރުޞަތު ކުޑަވުމުގެ ކަންބޮޑުވުން ފާޅުކޮށް، ވޯޓު އޮޅުވާލުމުގެ ފުރުޞަތު ނުދިނުމަށްޓަކައި އެންމެ ފުރަތަމަ ރެފްރެންޑަމް ވޯޓު ގުނުމަށް އެ ޕާޓީން ވަނީ ހުށަހަޅާފައި. މި ހުށަހެޅުންތަކާ މެދު އިތުރަށް ވިސްނާނެ ކަމުގެ ޔަގީންކަން ކޮމިޝަނުން ވަނީ ދީފައި.


ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު | ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފްރެންޑަމްއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފި އެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ވަނީ އިންތިޚާބުގެ އިންތިޒާމުތައް ރޭވިފައިވާ ގޮތުން ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ މުހިންމު ހަތަރު ކަމެއް ފާހަގަކޮށްފަ އެވެ. މި ބައްދަލުވުމަށްފަހު ރާއްޖެޓީވީ އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް މިހާރު އޮތް އިޖުރާއަތްތައް ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކަރުދާހުގައި މޭޔަރާއި، އަންހެނުންނަށް ޚާއްޞަ ގޮނޑިތަކާއި، ކައުންސިލަރުން ހޮވުމަށް ފާހަގަޖަހަންޖެހޭއިރު، އޭގެ ތެރެއިން އެންމެ ބަޔަކަށް ދޭ ވޯޓެއްގައި މައްސަލައެއް އުޅުނަސް މުޅި ކަރުދާސް ބާތިލުވާ ގޮތަށް ގާނޫނުގައި އޮތް އޮތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނިޔާޒު ވިދާޅުވި މި މައްސަލަގައި އިލެކްޝަންސް ކޮމިޝަނުން މިކަންކަމަށް އިތުރަށް ރިއާޔަތްކުރައްވާނެ ކަމަށް އެ ކޮމިޝަނު ގެ މެމްބަރުން ވިދާޅުވިކަމަށެވެ. .
ދެވަނަ ކަމެއްގެ ގޮތުން އެމްޑީޕީން ފާހަގަކުރީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓުމުގެ މައްސަލަ އެވެ. މިކަމުގައި ގާނޫނު ތަންދޭ މިންވަރަކުން އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ. މީގެ އިތުރުން، ރެފްރެންޑަމްއާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަނަށް ލާޒިމުނުކުރާ ކަމަށް އެ ކޮމިޝަނުން ބުނާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިފަދަ މުހިންމު ވޯޓެއް ނަގާއިރު އެކަމުގެ ހޭލުންތެރިކަން އިތުރުނުކޮށް ވޯޓު ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނިޔާޒު ވިދާޅުވި އެވެ.
އެ ބޭފުޅުން ދެކޭގޮތުގައި ރިފެރަންޑަމް ވޯޓު، ގާނޫނު އޮތް ގޮތުން ކޮންމެހެން އެ ބޭފުޅުންގެ މައްޗަށް ލާޒިމެއް ނުކުރޭ މި ރިފަރެންޑަމް ވޯޓުގައި އެވެއަރނަސް ކަންކަން ކުރިއަށް ގެންދެވޭކަށް. އެހެންވީމާ، އެއީ ވަރަށް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. ދެން ކޮން ބައެއްތޯ އެކަން ކުރާނީ؟ ދެން ހަމަ މިހެން އޮވެގެންގޮސް ރެފްރެންޑަމް ވޯޓު ނަގާނެ ގޮތަށް އަޅުގަނޑުމެންނަށް މި ސިފަވީ. ދެން މިސާލަކަށް ވޯޓު ގުނުމުގެ އިންތިޒާމުގައި މިހާރު ފުރަތަމަ މި އޮތީ ކައުންސިލު އިންތިޚާބުގައި ވޯޓު ގުނާފައި، ޑަބްލިޔު.ޑީ.ސީގެ އިންތިޚާބުގައި ވޯޓު ގުނާފަ. އެންމެ ފަހުން ރެފްރެންޑަމް ވޯޓު ގުނާ ގޮތަށް. އޭރުން ވާ ގޮތަކީ، ޙަޤީޤަތުގައި މޮނިޓަރުންނާއި، އޮބްޒަރުންނާއި، މި ކަންކަން ޕާޓީގެ ފަރާތުން ވެސް ލާފައި މިހިރީ ލޯކަލް ކައުންސިލުން އިންތިޚާބާ ދިމާކޮށްފަ. ދެން ރިފްރަންޑަމާ ގުޅޭ ގޮތުން އެކަން އޮބްޒާވްކޮށް، މޮނިޓަރކުރަން އަޅުގަނޑުމެން ބައެއް ރަށްތަކުން ނުވެސް ނެތް. މިސާލަކަށް ތިރީސް ރަށުގައި އަޅުގަނޑުމެންގެ މިހާރުވެސް ކެންޑޭޓުންނެއް ނެތް. އެހެންވީމާ، އެ ތަންތަނުގައި އެމް.ޑީ.ޕީގެ ފަރާތުން އެކަން އޮބްޒާވްކޮށް، މޮނިޓަރކުރަން މި އުޅެނީ ނުތިބޭނެ.ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު
ނިޔާޒު ވިދާޅުވީ މާޒީގައި ކައުންސިލް އިންތިޚާބުތަކުގެ ވޯޓު ގުނާ ނިމޭއިރު ހުންނަނީ ވަރަށް ބޮޑަށް ދަންވަރުވެފައި ކަމަށެވެ.
ދަންވަރުގެ ވަގުތެއްގައި ރެފްރެންޑަމް ވޯޓު ގުނަން ބޭއްވުމަކީ ނުބައި ނިޔަތެއްގައި، ވޯޓުން ވައްކަން ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އެހެންކަމުން، އެންމެ ފުރަތަމަ ގުނާ ވޯޓަކީ ރެފްރެންޑަމް ވޯޓު ކަމުގައި ހެދުމަށް އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. މި ހުށަހެޅުންތަކާ މެދު ވިސްނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.






