މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ގަވާއިދު ބަދަލު ކޮށްފި
ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި، އީއައިއޭ ހަދަން ނުޖެހޭ 25 ބާވަތެއްގެ މަސައްކަތް ކަނޑައަޅައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ސަރުކާރުން އިސްލާހު ގެނެސްފި. މި ބަދަލާއެކު ބޯހިޔާވަހިކަމާއި، މަގު ހެދުމާއި، ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ދަނޑުވެރިކަމާއި އަމިއްލަ ބޭނުންތަކަށް ކުރާ ބައެއް މަސައްކަތްތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފަ.


ހުޅުމާލޭގައި އިމާރާތްކުރާ ބިޔަ އިމާރާތެއް: ގަވާއިދަށް ގެނެވުނު ބަދަލުގެ ސަބަބުން ބޮޑެތި އިމާރާތްތައް ކުރުމުގެ ކުރިން އީއައިއޭ ހަދާކަށް ނުޖެހޭނެ | އެޓޯލް ޓައިމްސް
ރާއްޖޭގައި ކުރިއަށްގެންދާ އެކި މަޝްރޫއުތައް ހިންގުމުގެ ކުރިން ހަދަންޖެހޭ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ނުޖެހޭ ގޮތަށް ސަރުކާރުން ގަވާއިދަށް ބަދަލު ގެނެސްފި އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން މި ބަދަލު ގެނެސްފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.
މި އިސްލާހާއެކު އީއައިއޭ ހަދަން ނުޖެހޭ މަޝްރޫއުތަކުގެ ލިސްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ތަރައްގީގެ މަޝްރޫއުތައް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް ހުރި އިދާރީ ހުރަސްތައް ނައްތާލައި، މަސައްކަތްތައް އަވަސްކުރުމެވެ.
އަލަށް އާންމުކުރި ލިސްޓުގައިވާ ގޮތުން، އީއައިއޭ ހެދުމަކާ ނުލައި ކުރިއަށް ގެންދެވޭނެ ޖުމްލަ 25 ބާވަތެއްގެ މަސައްކަތެއް ވަނީ ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި އާންމުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ރަށްރަށުގެ މަގުތައް ހެދުމާއި ތާރު އެޅުމުގެ މަޝްރޫއުތައް ހިމެނެ އެވެ. މީގެ އިތުރުން، އެއްގަމު ތޮށްޓާއި ފާލަން ފަދަ ތަންތަނުގެ އަސްލަށް ބަދަލު ނާންނާނެ ގޮތަށް ކުރާ މަރާމާތުތަކާއި، ރަށްރަށުގައި ގާއިމުކުރާ ކުނި މެނޭޖުކުރާ މަރުކަޒުތައް ހެދުމަކީ ވެސް މިހާރު އީއައިއޭ ހަދަން ނުޖެހޭނެ މަސައްކަތްތަކެވެ.
މި އިސްލާހުގެ ދަށުން ދަނޑުވެރިކަމާއި އަމިއްލަ ބޭނުންތަކަށް ކުރާ ބައެއް މަސައްކަތްތަކަށް ވެސް ބޮޑެތި ލުއިތަކެއް ވަނީ ދީފަ އެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 5,000 އަކަފޫޓަށް ވުރެ ކުދި ބިންތަކުގައި ދަނޑުވެރިކަން ކުރުމާއި، ގޯތިތެރޭގައި ގަސް ހެއްދުމާއި، އަމިއްލަ ބޭނުމަށް ފެންވަޅު ބެހެއްޓުން ފަދަ ކަންކަމަށް އީއައިއޭ ހަދާކަށް ނުޖެހޭނެ އެވެ.
ސަރުކާރުގެ މަޝްރޫއުތައް އަވަސްކުރުމުގެ ނަމުގައި މިދިޔަ އަހަރު ވެސް މި ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ ފަހަރު ގެނައި އިސްލާހުގައި ވަނީ، ކެބިނެޓުން ނުވަތަ ކެބިނެޓް ކޮމިޓީއަކުން "ގައުމީ ތަރައްގީގެ މަޝްރޫއެއް"ގެ ގޮތުގައި ކަނޑައަޅާ ކަންކަމުގެ އީއައިއޭ ރިޕޯޓްތައް އެއްވެސް ލަސްކަމެއް ނެތި އަވަހަށް ނިންމަން ޖެހޭނެ ކަމަށް ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ އިދާރީ އޮނިގަނޑަށް ވެސް މިދިޔަ އަހަރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން "އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" (އީއާރުއޭ) ގެ ނަމަށް ބަދަލުކޮށް، އެ އިދާރާގެ ހިންގުމަށާއި މަސްއޫލިއްޔަތުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.






