އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރުހާދާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ހަވާލުކޮށްފި
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ފުލުހުންގެ މުއައްސަސާ ހިންގުން ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީއާ ވަގުތީގޮތުން ހަވާލުކޮށްފައިވޭ. ފަރުހާދަކީ އޭނާގެ ދަރިފުޅަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލަތަކެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހެކި ނައްތާލިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅެއް. މީގެ ކުރިންވެސް އޭނާއާ މުއައްސަސާ ހިންގުން ހަވާލުކުރުމުން އާންމުންގެ ފާޑުކިއުންތައް އަމާޒުވެ، އެ ނިންމުން ބަދަލުކުރަން ޖެހުނު.


ފުލުހުންގެ މުއައްސަސާގެ ހިންގުން ހަވާލުކރުި ފަރުހާދު ފިކުރީ (މ) ފުލުހުންގެ އިސްވެރިންނާއެކު. | ޕޮލިސް
އަމިއްލަ ދަރިފުޅަށް ތުހުމަތުކުރެވޭ ރޭޕް މައްސަލައިގެ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވިފައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ މުވައްސަސާގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.
ފަރުހާދު އާއި ހިންގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން މަގާމުން ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ. ނަވީން ރިޓަޔަރ ކުރެއްވީ ބުދަ ދުވަހު އެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މީގެ ކުރިން 25 ނޮވެމްބަރު 2023 ގައި ވެސް އެކްޓިންގ ކޮމިޝަނަރު ކަމަށް ފަރުހާދު އައްޔަން ކުރެވުނެވެ. އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު އައްޔަންކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙައްމަދު ހަމީދު ރިޓަރ ކުރެއްވުމުން އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރި ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފްވެސް ރިޓަޔަރ ކުރައްވާފައިވާތީއެވެ.
ފަހުން ޕޮލިސް ކޮމިޝަނަރަކަށް ސުޖާއު އައްޔަން ކުރެއްވި އެވެ. އަދި ސުޖާއު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ވަގުތީ ކޮމިޝަނަރަކަށް ފަރުހާދު އައްޔަން ކުރެއްވި އެވެ. ނަމަވެސް އާންމުންގެ ފާޑުކިއުންތައް އަމާޒުވުމާއި ގުޅިގެން ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން އެއިރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި ހަވާލު ކުރެއްވި އެވެ.
26 އެޕްރީލް 2025 ގައި ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލު ކުރިކަން ހޯމް މިނިސްޓަރު، އަލީ އިހުސާން އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުވެސް ވަނީ އިއުލާނު ކުރައްވާފައެވެ. އެކަން އިއުލާނު ކުރެއްވީ އެރޭ 7:46 ގަ އެވެ. ނަމަވެސް އޭގެ ބަރާބަރު ގަޑިއެއްހާއިރު ފަހުން އެ ނިންމުން އަލުން ބަދަލުކޮށް މިނިސްޓަރ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކްޓިން ޕޮލިސް ކޮމިޝަނަރ އަކަށް ނަވީން އައްޔަނުކޮށްފައިވާ ކަމަށެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭ ފަރުހާދު އަތުން މަސްއޫލިއްޔަތުތައް ނަގައި އެކްޓިންގ ޕޮލިސް ކޮމިޝަނަރުކަން ނަވީންއަށް!
ފަރުހާދަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ފިރިހެން ދަރިފުޅު، 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތަހުގީގަށް ހޯދާފައި ހުރި ހެކިތަކެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ނައްތާލި ކަމުގެ ތުހުމަތެވެ. މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެހެން ބަޔަކާ ބައިވެރިވެގެން ފަރުހާދުގެ ދަރިފުޅު ކުއްޖަކު ރޭޕް ކުރި މައްސަލައެއް 2018ގައި ތަހުގީގަށް ފޯނެއް ހިފެހެއްޓި އެވެ. ނަމަވެސް އެ ފޯނުގައި ހުރި ވީޑިއޯއާއި ފޮޓޯ ޑިލީޓުކޮށް، އިތުރު ހެކިތައް ފަރުހާދު ނައްތާލާފައިވާ ކަން ޖިނާއީ ތަހުގީގަށް އެނގުނު ކަމަށް ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް
އޭގެއިތުރުން، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވި ކަމަށް ސިޓީގައިވެއެވެ. ނަމަވެސް، މައްސަލަ ސާބިތުކުރުމަށް ލިބުނު ހެކިތަކެއް ނައްތާލަފައިވާކަން ފާހަގަކޮށް، ޕީޖީން ވަނީ ޕޮލިހަށް ސިޓީއެއް ފޮނުވާފަ އެވެ.
މީގެ އިތުރުން 2024 ފެބްރުއަރީ މަހު 27 ވަނަ ދުވަހުގެ ރޭ އޭނާގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާރު ސްޕީޑުގައި ދުއްވުމުން މަޑު ކުރަން އެންގި ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި އަމަލުކުރި ގޮތްވެސް ހިމެނެ އެވެ. އެ މައްސަލައިގައި ދަރިފުޅު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕޮލިހަށް ހާޒިރުކުރުމުން، ޑީސީޕީ ފަރުހާދުގެ ނުފޫޒު ބޭނުންކޮށްގެން އެ މައްސަލައިގެ ތަހުގީގު ހުއްޓުވި ކަމަށާއި ދަރިފުޅު ދުއްވި ސައިކަލު ޓޯކޮށްފައި ހުއްޓައި ގަވައިދާ ޚިލާފަށް ޓޯޔާޑުން ނެރުނު ކަމަށް ފަރުހާދަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ހެކި ނައްތާލުން ފަދަ ބޮޑެތި ޖިނާއީ ތުހުމަތު ކުރެވިފައިވާ ފުލުސް އޮފިސަރަކު ފުލުހުންގެ މުއައްސަސާގެ ހިންގުމާއި ހަވާލުކުރި ދެވަނަ ފަހަރެވެ.








