ގާނޫނު އަސާސީ އަށް ބަދަލު ގެންނަ ބިލު 10 ދުވަހުން ދިރާސާ ކޮށް ނިންމަން ފާސް ކުރީ 6 މިނެޓުން!
ކޮމިޓީ އިން ބިލުގެ މަސައްކަތް 10 ދުވަސް ތެރޭ ނިންމުމަށް ސުންގަޑި ކަނޑައެޅުމަށް ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުގައްރިރު ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ. މި ހުށަހެޅުން ފާސް ވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން.


ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ | ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލު 10 ދުވަސް ތެރޭ ދިރާސާ ކޮށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމައިފި އެވެ.
ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުގެ ބިލު މަޖިލިހަށް ހޯމަ ދުވަހު ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، ބިލުގެ އިބްތިދާއީ ބަހުސް ފަށައި، އެ ބަހުސް ނިންމުމަށް ފަހު ބިލު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް ވެސް ވަނީ އަހާފަ އެވެ. ވޯޓުގެ ވަގުތުގައި އެ ބިލު މަޖިލީހުން ބަލައިގަތީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް 5 މެންބަރުން ވޯޓު ދެއްވި އެވެ.
އެއާއެކު އެ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ.
ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ހުށަހެޅި އެ ބިލު ދިރާސާ ކުރުމަށް ކޮމިޓީ ބައްދަލު ވުން ވެސް ބޭއްވީ ހޯމަ ދުވަހުގަ އެވެ. 6 މިނެޓަށް ކުރިއަށް ގެންދިއަ އެ ބައްދަލުވުމުގައި ނިންމީ މި މަހު 15 ވަނަ ދުވަހާ ހަމައަށް ބިލާ މެދު އާންމުންގެ ޚިޔާލެއް އޮތް ނަމަ އެ ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށެވެ.
ކޮމިޓީ އިން ބިލުގެ މަސައްކަތް 10 ދުވަސް ތެރޭ ނިންމުމަށް ސުންގަޑި ކަނޑައެޅުމަށް ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުގައްރިރު ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކޮލަމާފުށި ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ އެވެ. މި ހުށަހެޅުން ފާސް ވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީ އިން ބިލުގެ ސުންގަޑި ކަނޑައެޅި އިރު މަޖިލީހުގެ އިދާރާ އިން ވަނީ ބިލަށް ޚިޔާލެއް އޮތް ނަމަ ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ގެ ކުރިން ޚިޔާލު ފޮނުވުމަށް އެދިފަ އެވެ.
ސަރުކާރުން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައި ކަަމަށެވެ.
ހުށަހަޅާފައިވާ އިސްލާހުގައި ގާނޫނު އަސާސީގެ 79 ވަނަ މާއްދާ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ.
79 ވަނަ މާއްދާ އަށް އިތުރު ކޮށްފައިވާ އަކުރުގައި ބުނެފައިވަނީ ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު މަހުގެ 1 ވަަނަ ދުވަހު ކަމަށެވެ.
އިސްލާހުގައި އިތުރަށް ބުނެފައި ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 2028 ޑިސެމްބަރު 1 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. ގާނޫނު އަސާސީ ގެ 79 ވަނަ މާއްދާ އަށް ގެނެވޭ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށްޓަކައި މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވަން ޖެހޭ އިންތިޚާބު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ އެ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމާ ގުޅޭ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަން 1 ޑިސެމްބަރު 2028 ވަނަ ދުވަހުގެ ކުރިން ކޮށް ނިންމައި، އެ ތާރީޚުގައި އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެ ކަމަށެވެ.
މި ބަދަލު ފާސްވުމުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އޭގެ ނަތީޖާ އެއް ގެ ގޮތުން ހިނގަމުންދާ 20 ވަނަ މަޖިލިހުގެ އުމުރުން 6 މަސް ދުަވަސް އުނިވާނެ އެވެ.
ކުރިން އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިޚާބު ކުރުަމަށްފަހު ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަހެވެ. އެހެން ނަމަވެސް ހުށަހެޅިފައިވާ ބަދަލާ އެކު އުމުރު ބަލާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ.
ގާނޫނުއަސާސީ އަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެގެން ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.








