ޔަމަނުގެ އިރުމަތީގައި، ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި ހަމަލާތައް ބަދަލުކުރަން ފަށައިފި
ޔަމަނުގެ ދެކުނުގެ ހަޟްރަމައުތުގައި އެސް.ޓީ.ސީ އާއި ސައުދީގެ ތާއީދު އޮންނަ ސަރުކާރަށް ވަފާތެރި ސިފައިންނާ ދެމެދު ކުރިމަތިލުންތައް ފެށިއްޖެ. މާހިރުން ބުނާ ގޮތުގައި ސައުދީ ބޯޑަރާ ގާތުގައިވާ ހަޟްރަމައުތަކީ ސައުދީ އަށް ވަރަށް މުހިއްމު ސަރަހައްދެއް ކަމުން އެހެން ބަޔަކު އަތްގަދަކުރުމުގެ ފުރުސަތު ނުދޭނެ.

އިރުމަތީ ޔަމަނުގައި ހަތް މީހަކު މަރުވި ވައިގެ ހަމަލާތަކުގެ މަންޒަރެއް
ސައުދީ އަރަބިއްޔާގެ ބޯޑަރުގައި އޮންނަ ޔަމަނުގެ ހަޟްރަމައުތު ޕްރޮވިންސްގައި، އެ ސަރަހައްދުގެ ސައުދީގެ ތާއީދު އޮންނަ ގަވަރުނަރަށް ވަފާތެރި ސިފައިންނާއި، ވަކިވެގަތުމަށް މަސައްކަތްކުރާ ސަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސް.ޓީ.ސީ) އާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ފެށިއްޖެ އެވެ.
އެސް.ޓީ.ސީ އިން ތުހުމަތުކުރާ ގޮތުގައި، ބޯޑަރު ކައިރީގައި ތިބި އެ ކައުންސިލްގެ ސިފައިންނަށް ސައުދީ އަރަބިއްޔާ އިން ދަނީ ބޮން އަޅަމުންނެވެ. ނަމަވެސް، ހަޟްރަމައުތުގެ ގަވަރުނަރު ސާލިމް އަލް-ޚަންބަޝީ ވިދާޅުވީ، އެސް.ޓީ.ސީގެ އަތްދަށުން އަސްކަރީ މަރުކަޒުތައް އަތުލުމަށް ކުރާ މަސައްކަތަކީ، ޔަމަނުގެ ދެކުނުގެ ޕްރޮވިންސްތައް "ސުލްހަވެރިކަމާއެކު އަދި ނިޒާމީ ގޮތެއްގައި" އަނބުރާ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އެސް.ޓީ.ސީ އަށް ހަތިޔާރު ފޯރުކޮށްދީ، މިދިޔަ މަހު ޔަމަނުގެ ދެކުނުގައިވާ ހަޟްރަމައުތު އަދި އަލް-މަހްރާ ޕްރޮވިންސްގެ ބައެއް ސަރަހައްދުތައް ހިފުމަށް ބާރުއަޅާފައިވާ ކަމަށް ސައުދީ އަރަބިއްޔާ އާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނު ސަރުކާރުން ތުހުމަތުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
ޔަމަނުގެ ދެކުނުގައި ހަމަނުޖެހުންތަކުގެ ތާރީޚު
- 1990: ދިގު މުއްދަތަކަށް ބައިވެފައި އޮތުމަށްފަހު، އަރަބި ދުނިޔޭގެ ހަމައެކަނި ކޮމިއުނިސްޓް ދައުލަތް ކަމަށްވާ ދެކުނު ޔަމަނާއި އުތުރު ޔަމަން އެއްބައިވުން.
- 1994: ދެކުނުގެ ލީޑަރުން ވަކި ދައުލަތެއް އުފެއްދުމަށް ކުރި މަސައްކަތް، އޭރުގެ ރައީސް އަލީ އަބްދުالله ސާލިޙަށް ވަފާތެރި ސިފައިން ނާކާމިޔާބުކޮށްލުމާ އެކު އަލުން ނުތަނަވަސްކަން އުފެދުން.
- 2017: ދެކުނުގެ ހަރަކާތްތަކުގެ ތެރެއިން، ޔޫ.އޭ.އީގެ ތާއީދާއެކު އެސް.ޓީ.ސީ އުފެދުން.
- 2020: ޔަމަނުގެ ދެކުނުގައި އަމިއްލަ ވެރިކަމެއް ހިންގާނެކަން އެސް.ޓީ.ސީ އިން އިއުލާންކުރުން.
- ޑިސެމްބަރު 2025: ހަޟްރަމައުތު އަދި އަލް-މަހްރާ ޕްރޮވިންސްގެ ބައެއް ބައިތައް އެސް.ޓީ.ސީ އިން ހިފުމާ ގުޅިގެން މަސްރަހު ގޯސްވުން. ސައުދީ އަރަބިއްޔާއިން އިންޒާރު ދީފައިވަނީ އެ ގައުމުގެ ބޯޑަރުގައިވާ މި ސަރަހައްދުތަކުގައި އެސް.ޓީ.ސީގެ ބާރުގަދަވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
ސައުދީގެ ތާއީދު އޮންނަ ކޯލިޝަނުން ދޭ ހަމަލާތައް "ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި"
ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ދޭ ވައިގެ ހަމަލާތަކަކީ ވަކި ހާއްސަ އަމާޒުތަކަށް ދޭ "ސާޖިކަލް" ހަމަލާތަކެއް ކަމަށާއި، އެއީ މުޅި ސަރަހައްދަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ނޫން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ޚާލިދު ބަތަރްފީ އަލްޖަޒީރާ އަށް މައުލޫމާތު ދެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ހަމަލާތަކަކީ ވަރަށް ބޮޑަށް ކޮންޓްރޯލު ކޮށްފައިވާ، ވަކި މެސެޖެއް ދިނުމަށް ދޭ ހަމަލާތަކެކެވެ. ސައުދީ ސަރުކާރުން ބޭނުންވާ ނަތީޖާ އަކީ އެސް.ޓީ.ސީގެ ސިފައިން އަނބުރާ އަދަނަށް ދިއުމާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނު ސަރުކާރުގެ އަމުރުތަކަށް ތާބީއުވުމެވެ.
ސައުދީ ކޯލިޝަނުން އަރަބި ކަނޑަށް އަސްކަރީ އުޅަނދުތައް ފޮނުވައިފި
ސައުދީ ރޯޔަލް ނޭވީގެ އުޅަނދުތައް، ގަވާއިދާ ހިލާފަށް ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި އަރަބި ކަނޑަށް ފޮނުވާފައިވާ ކަމަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުގެ ތަރުޖަމާނު ހާމަކުރައްވައިފިއެވެ.
ތަރުޖަމާނު ތުރްކީ އަލް-މާލިކީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމުމަކީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަކުރުމަށާއި، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.
މި ހަރަކާތަކީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މަގުތައް ރައްކާތެރިކުރުމަށާއި، ގާނޫނާ ހިލާފު އަމަލުތަކާ ދެކޮޅަށް ސައުދީ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިރުމަތީ ޔަމަން ސަރަހައްދަކީ ސައުދީ އަރަބިއްޔާ އަށް ރަތް ރޮނގެއް
ކެމްބްރިޖްގެ ގާޓަން ކޮލެޖުގެ ޔަމަންގެ މައްސަލަތަކާ ބެހޭ މާހިރެއް ކަމަށްވާ އެލިޒަބަތު ކެންޑަލް އަލްޖަޒީރާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޔަމަނުގެ އިރުމަތީ ސަރަހައްދުތަކަކީ ސައުދީ އަރަބިއްޔާ އިން އެއްވެސް ހާލެއްގައި ދޫދޭނެ ނުވަތަ އެހެން ބަޔަކު އަތްގަދަކުރަން ފުރުސަތު ދޭނެ ސަރަހައްދުތަކެއް ނޫންކަން މިހާރު ހާމަވަމުންދާ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ވިސްނުމަކީ، ދެކުނުގެ އެއްވެސް ޖަމާއަތަކަށް، އެއީ ވަކި ދައުލަތެއްގެ ގޮތުގައި ވީނަމަވެސް، ސައުދީގެ ބޯޑަރާ އިންވެގެން އޮންނަ ސަރަހައްދުތަކަށް އަތްގަދަކުރުމުގެ ފުރުސަތު ނުދިނުމެވެ. ޚާއްޞަކޮށް ހަޟްރަމައުތަކީ ސައުދީއާއެކު 700 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާކުރާ ސަރަހައްދެކެވެ.







