ގަވައިދާ ޚިލާފަށް 200 ހިޖުރަވެރިން ގޮވައިގެން ވިލާތައް ދަތުރުކުރި ބޯޓެއް ގެމްބިއާ ކައިރިން ފެތިއްޖެ
ގެމްބިއާގެ ކައިރި ހިސާބަކުން ވިލާތަށް ދިއުމަށް ދަތުރުކުރި 200 ހިޖުރަވެރިންގެ ބޯޓެއް ބަންޑުން ޖެހުމުން މަދުވެގެން 7 މީހުން މަރުވެ ގިނަބަޔަކު ގެއްލިފައިވާއިރު 96 މީހުން ސަލާމަތްކުރެވިފައިވޭ.

ފަރަށް އަރާފައިވާ އުޅަނދު ފެނުނީ ފިނޮޅެއްގެ މައްޗަށް ބީހިފައިވަނިކޮށް ކަމަށް އޮފިޝަލުން ބުނޭ
ވިލާތުގެ ގައުމުތަކަށް ދިއުމަށްޓަކައި ގާތްގަނޑަކަށް 200 ހިޖުރަވެރިންނާއެކު ދަތުރުކުރި ބޯޓެއް ގެމްބިއާ ކައިރިން ބަންޑުން ޖަހާލައި، މަދުވެގެން ހަތް މީހުން މަރުވެ ގިނަ ބަޔަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ނޯތު ބޭންކް ރީޖަންގެ ޖިނާކް އަވަށާ ކައިރި ހިސާބަކަށް ކަމަށެވެ. އަދި ބޯޓު ފަހުން ފެނިފައިވަނީ އުރިފައި ވަނިކޮށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ސްޕެއިންގެ ކެނެރީ އައިލެންޑްސް އަށް މިސްރާބު ޖަހާފައިވާ މި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް 96 މީހަކު ސަލާމަތްކުރެވިފައިވާއިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ވިލާތަށް ދިއުމަށްޓަކައި އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކުރާ މި ނުރައްކާތެރި ދަތުރަކީ، އެފްރިކާގެ ހިޖުރަވެރިންގެ މެދުގައި މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ ތެރޭގައި އެކަނި ވެސް ގާތްގަނޑަކަށް 47،000 މީހުން ކެނެރީ އައިލެންޑްސް އަށް ގޮސްފައިވެއެވެ. ސްޕެއިންގެ ޖަމިއްޔާއެއް ކަމަށްވާ "ކަމިނަންޑޯ ފްރޮންޓެރަސް" އިން އަންދާޒާކުރާ ގޮތުގައި މި ގޮތަށް ކުރާ ދަތުރުތަކުގައި މިހާތަނަށް 9،000 އަށްވުރެ ގިނަ ހިޖުރަވެރިން ވަނީ މަރުވެފަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި ހާދިސާ ހިނގުމާއެކު ގެމްބިއާގެ ކަނޑުގެ ސިފައިން ވަނީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ފަށާފަ އެވެ. މި މަސައްކަތުގައި ސިފައިންގެ އުޅަނދުފަހަރުގެ އިތުރުން އެ ސަރަހައްދުގައި އޮތް މަސް ބޯޓެއްގެ އެހީތެރިކަންވެސް ވަނީ ހޯދާފަ އެވެ.
ހާދިސާ ހިނގި އުޅަނދާ ބެހޭ ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ނުވި ނަމަވެސް، އާންމު ގޮތެއްގައި މިފަދަ ދަތުރުތަކަށް ބޭނުންކުރަނީ ލަކުޑިން ހަދާފައިވާ ބޮޑެތި ދޯނިފަހަރެވެ. މި އުޅަނދުފަހަރަކީ އެޓްލާންޓިކް ކަނޑުގެ 1،500 ކިލޯމީޓަރުގެ ދިގު ދަތުރުތަކަށް އެކަށީގެންވާ ވަރަށްވުރެ ނާޒުކު އަދި އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މީހުން އުފުލާ އުޅަނދުފަހަރެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގެމްބިއާގެ ނޫން އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭއިރު، އެ މީހުންނަކީ ކޮން ގައުމެއްގެ ބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިހާތަނަށް ހަތް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، ސަލާމަތްކުރެވުނު މީހުންގެ ތެރެއިން 10 މީހެއްގެ ހާލު ވަރަށް ސީރިއަސްވެ، އެމީހުންނަށް ދަނީ އަވަސް ފަރުވާ ދެމުންނެވެ.
ހުޅަނގު އެފްރިކާގެ ހިޖުރަވެރިންނާއި ހިމާޔަތަށް އެދޭ މީހުން، ސްޕެއިންގެ ކެނެރީ އައިލެންޑްސް މެދުވެރިކޮށް ވިލާތުގެ މައި ބައްރަށް ދިއުމަށްޓަކައި ގެމްބިއާ އަކީ މިހާރު ވަރަށް ގިނައިން ބޭނުންކުރާ މަގަކަށް ވަނީ ވެފައެވެ.
ފަހަކަށް އައިސް ވިލާތުގެ އިއްތިހާދުން އުތުރު އެފްރިކާގެ ބައެއް ގައުމުތަކާއެކު ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުން މަދުކުރުމަށް އެއްބަސްވުންތަކެއް ގާއިމުކުރުމާ ގުޅިގެން، ގިނަ ހިޖުރަވެރިންނަށް ވަނީ މިއަށްވުރެ ދުރު އަދި ނުރައްކާތެރި އެޓްލާންޓިކް ކަނޑުގެ މަގު އިޚްތިޔާރު ކުރަން މަޖުބޫރުވެފަ އެވެ.







