އަންގާރަ ދުވަހުގެ ވަގުތެއްގައި ބޮޑު ވަޒީރު އަލްބަނީސް ވަނީ ހޮސްޕިޓަލަށް ޒިޔާރާތް ކުރައްވައި، އަޙުމަދުގެ ޙާލު ބައްލަވާލައްވައިފަ އެވެ. އަދި އެ ދުވަހުގެ ހާދިސާގައި ކަންތައް ހިނގައި ދިޔަ އޮތް، ބޮޑު ވަޒީރު އަލްބަނީސް ވަނީ އަޙުމަދު ގާތުން ސާފު ކުރައްވާފައި.


ހަމަލާގައި އަނިޔާވި އަޙުމަދާ، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އަލްބަނީސް ބައްދަލު ކުރައްވަނީ
ބޮންޑައި ބީޗުގައި ދިން ނުރައްކާތެރި ހަމަލާގެ ހީރޯ، އަޙުމަދު އަލް އަޙުމަދާ ބައްދަލު ކުރައްވައި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
އާދީއްތަ ދުވަހު ބޮންޑައި ބީޗުގައި ދިން ނުރައްކާތެރި ބަޑީގެ ހަމަލާގައި 15 މީހަކު މަރުވެފައިވާ ކަަމަށް ވަނީ ހާމަ ކޮށްފަ އެވެ. ޔަހޫދީންނާ ދެކޮޅަށް ދީފައިވާ ކަމަށް ބުނާ މި ހަމަލާގައި، އެތައް ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެސް ލިބިފަ އެވެ. މި ހަމަލާ ދީފައި ވަނީ އައިސިސް ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ ދެ ބަފައިންނެވެ.
ހަމަލާގެ ފަހުން އާންމުވެފައިވާ ވީޑިއޯ ތަކުން ފެންނަނީ އަޙުމަދު އެ ހަމަލާ ދިން މީހާ ހުއްޓުވަން މަސައްކަތް ކުރާ މަންޒަރެވެ. އެގޮތުން އޭނާގެ ފަހަތުން ދުވެފައި ގޮސް، އަޙުމަދު އޭނާގެ ކަރުގައި ހިފައި ބަޑި އަތުލާ މަންޒަރު ފެނެ އެވެ. އެއަށް ފަހު އޭނާއާ ދިމާލަށް ބަޑި އަމާޒު ކުރާއިރު، އޭނާ މަޑު މަޑުން ފަހަތަށް ޖެހެމުން ދިޔަ އެވެ.
ނަމަވެސް، ތަން ކޮޅެއް ދުރުގައި ހުރި ދެ ވަނަ މީހާ އެ ވަގުތު އަޙުމަދަށް ހަމަލާ ދިނުމަށް ބަޑި ޖަހާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އަޙުމަދުގެ އަތަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ އަނިޔާތަކާ ގުޅިގެން އަޙުމަދު ވަނީ ސިޑްނީގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރުމަށް ފަހު، ކޮނޑުހުޅުގެ ސާޖަރީއެއް ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަންގާރަ ދުވަހުގެ ވަގުތެއްގައި ބޮޑު ވަޒީރު އަލްބަނީސް ވަނީ ހޮސްޕިޓަލަށް ޒިޔާރާތް ކުރައްވައި، އަޙުމަދުގެ ޙާލު ބައްލަވާލައްވައިފަ އެވެ. އަދި އެ ދުވަހުގެ ހާދިސާގައި ކަންތައް ހިނގައި ދިޔަ ގޮތް، ބޮޑު ވަޒީރު އަލްބަނީސް ވަނީ އަޙުމަދު ގާތުން ސާފު ކުރައްވައިފަ އެވެ. އެގޮތުން އަޙުމަދު ބުނެފައި ވަނީ އެ ހަމަލާ ދޭން ފެށިއިރު، އޭނާ ހުރީ އެ ސަރަހައްދުގައި ކޮފީއެއް ބޯން ކަމަށެވެ. ބަޔަކު ހަމަލާ ދޭކަން އެނގުމާ އެކު، އެކަން ހުއްޓުވުމަށް މަސައްކަތް ކުރީ ކަމަށް އޭނާ ބުނެފައިވެ އެވެ.
ބޮޑު ވަޒީރު އަލްބަނީސް ވިދާޅުވެފައި ވަނީ އަޙުމަދުގެ އެ ހިތްވަރަކީ އޮސްޓްރޭލިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އަޙުމަދުގެ ހިތްވަރާއި، އޭނާގެ ސާބިތުކަމާ މެދު ފަޚުރުވެރިވާ ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އަލްބަނީސް ވިދާޅުވެފައި ވަނީ އެ ހަމަލާ ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި އަޙުމަދުގެ އަތަށް ބޮޑެތި އަނިޔާ ތަކެއް ލިބިފައިވާ ކަމަށާއި، ބުދަ ދުވަހު އިތުރު އޮޕަރޭޝަނެއް ވެސް ކުރަން ޖެހިފައިވާ ކަމަށެވެ.
އަޙުމަދުގެ ހިތްވަރަށް އެތައް ބަޔަކު އޭނާ އަށް ތައުރީފު ކުރަމުން އަންނައިރު، ބޮޑު ވަޒީރު އަލްބަނީސް ވިދާޅުވެފައި ވަނީ ނުބައި ނުލަފާ ބައެއްގެ އަނިޔާވެރި ކަމުގެ ވަގުތުގައި ވެސް، އަޙުމަދު ދައްކުވައި ދިނީ އިންސާނިއްޔަތުގެ ޚަރުދަނާކަން ކަމަށެވެ. އެ ދުވަހު އަޙުމަދު ދައްކައިދީފައި ވަނީ މިސާލެއް ކަމަށާއި، އަޙުމަދަކީ ވަރަށް ރަނގަޅު މީހެއް ކަމަށް ވެސް އަލްބަނީސް ވިދާޅުވެފައިވެ އެވެ.
އޮސްޓްރޭލިއާގެ ގިނަ ރައްޔިތުންގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅު ތަކުން ވެސް އަންނަނީ އަޙުމަދުގެ ހިތްވަރަށް ތައުރީފު ކުރަމުންނެވެ. އަޙުމަދަށް އޮތް ލޯބި އެތައް ބަޔަކު ދައްކުވައިދީފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އަޙުމަދަށް ތައުރީފު ކުރައްވައިފަ އެވެ. އަޙުމަދަށް ފަރުވާ ކުރުމަށް ހުޅުވާލާފައިވާ ފަންޑަށް ވަނީ މިހާތަނަށް، އެއް މިލިއަން ނުވަ ލައްކަ އަށް ވުރެ ގިނަ ޑޮލަރު ލިބިފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަސްދަރު: އޭއެފްޕީ