އޮސްޓްރޭލިއާގެ ބޮންޑައި ބީޗުގައި ޔަހޫދީންގެ އީދު ފާހަގަކުރަން ދިޔަ ބަޔަކަށް އަމާޒު ކޮށް ބަޑިޖަހަން ފެށުމުން، 43 އަހަރުގެ ސީރިއާ އަށް އުފަން އަހުމަދު އަލް އަހުމަދު ހަމަލާދިން މީހާއާ ކުރިމަތިލައި ހަތިޔާރު އަތުލި. މި ހަމަލާގައި 15 މީހުން މަރުވެ އަހުމަދުގެ ގަޔަށް ދެފަހަރު ވަޒަން އެރި.

ނިއު ސައުތު ވޭލްސްގެ ޕްރިމިއާ ކްރިސް މިންސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ އަހުމަދު އަށް ޒިޔާރަތް ކުރެއްވި
އޮސްޓްރޭލިއާގެ ބޮންޑައި ބީޗު ގައި މީހުންގެ ގަޔަށް ބަޑިޖަހަމުން ދިޔަ މީހަކަށް ކުރިމަތިލި އަހުމަދު އަލް އަހުމަދު އަކީ ހީރޯ އެއް ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފް ކޮށްފި އެވެ.
އޮސްޓްރޭލިއާގެ މީޑިއާތަކުން އޭނާ އަކީ ހީރޯ އެއްގެ ގޮތުގައި ސިފަކޮށް، އޭނާގެ ނަމަކީ އަހުމަދު އަލް އަހުމަދު ކަމަށާއި، އުމުރަކީ 43 އަހަރު ކަމަށާއި އޭނާ އަކީ މޭވާ ވިއްކާ މީހެއް ކަމަށް ބުނެފައިވެއެވެ.
ސިޑްނީގެ ސަދަލޭންޑް ގައި ދިރިއުޅޭ އަހުމަދު އަލް އަހުމަދު އަކީ ދެކުދިންގެ ބައްޕަ އެކެވެ.
ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައިވާ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، ހަތިޔާރު ހިފައިގެން ހުރެ ބަޑިޖަހަމުން ދިޔަ މީހެއްގެ ފަހަތުން މީހަކު ދުވެފައި ގޮސް، ބަޑި ހިފައިގެން ހުރި މީހާގެ ގައިގައި ހިފައިގަނެ، އޭނާގެ އަތުގައި އޮތް ރައިފަލެއް ނުވަތަ ޝޮޓްގަނެއް އަތުލައި، ބަޑިޖަހަން ހުރި މީހާ ބިންމައްޗަށް ވައްޓާލައި، އެ ނުރައްކާ ނައްތާލާތަން ފެނެއެވެ.
ގިނަ ބަޔަކު ބުނެފައިވަނީ އަހުމަދު ގެ އެ ހިތްވަރުގަދަ އަމަލުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ވި ކަމުގައެވެ.
ފުޓޭޖުން ފަހުން ދައްކާގޮތުގައި، ހަތިޔާރު ގެންގުޅުނު މީހާ ތެދުވެގެން ދާއިރު، އެތަނުގައި ހުރި އެހެން މީހަކު އެ ހަތިޔާރު ބިންމަތީގައި ބާއްވާތަން ފެނެއެވެ.
އާދީއްތަ ދުވަހު ޔަހޫދީން ގެ އީދެއް ފާހަގަ ކުރަން ބޮންޑައި ބީޗަށް ދިޔަ މީހުންނަށް އަމާޒު ކޮށް ބަޑި ހިފައިގެން ތިބި ދެ މީހަކު ބަޑިޖަހަމުން ދިޔަ މަންޒަރު އާންމު ވެފައިވާ ވީޑިއޯ ފުޓޭޖުތަކުން ފެނެ އެވެ. މި ހާދިސާގައި މަދުވެގެން 15 މީހުން މަރުވެފައިވެއެވެ.
ހަމަލާދިން ދެ މީހުންގެ ތެރެއިން އެކަކު ސީން ގައި މަރުވެފައިވާ އިރު އަނެއް މީހާގެ ގަޔަށް ވެސް ވަޒަން އަރާ ވަރަށް ނާޒުކު ހާލަތުގައި އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިތުރު ބަޔަކު މިހަމަލާ ގައި ބައިވެރިވެފައިވޭތޯ އޮސްޓްރޭލިއާގެ އޮފިޝަލުން ގެންދަނީ ބަލަމުންނެވެ.
އަހުމަދުގެ އާއިލާ ގެ މީހެއް ކަމަށްވާ މުސްތަފާ، ހޮސްޕިޓަލުގައި ހުރެ އޮސްޓްރޭލިއާ ގެ ސެވަން ނިއުސް އަށް ދިން މައުލޫމާތުގައިވާ ގޮތުގައި، މި ހާދިސާގައި އަހުމަދު ގެ ގަޔަށް ދެ ފަހަރު ބަޑި ޖަހާފައިވެއެވެ. ބަޑީގެ ވަޒަން އެރުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް އަހުމަދަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މުސްތަފާ ބުނީ އަހުމަދަކީ ހަތިޔާރުގެ ތަޖުރިބާއެއް ނެތް މީހެއް ކަމަށާއި، އޭނާގެ ހާލަތު ސްޓޭބަލް ކަމަށެވެ.
މުސްތަފާ އަލް ޢަރަބީ ޓީވީއަށް ކަށަވަރުކޮށްދީފައިވަނީ އަހުމަދަކީ އިދްލިބް ސިޓީން އައި ސީރިއާ އަށް އުފަން މުސްލިމެއް ކަމަށެވެ. އޭނާ ބުނީ މި ހާދިސާގެ ފަހުން އަހުމަދާ ވާހަކަދައްކާފައިވާ ކަމަށާއި، އޭނާ ބުނި ގޮތުގައި، މި ނުރައްކަލާ ކުރިމަތި ލުމުގެ "ހިތްވަރު ދެއްވީ ﷲ ތަޢާލާ" ކަމަށެވެ.
އަހުމަދު ގެ ހިތްވަރު ގަދަ ކަމަށް ތައުރީފު ކޮށް އޮސްޓްރޭލިއާގެ ސިޔާސީ ވެރިންނާއި ނޫސް ތަކުގައި ތައުރީފު ކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އޭނާގެ ހިތްވަރަށް ތައުރީފު ކުރައްވާފަ އެވެ.
އޮސްޓްރޭލިއާގެ ފުލުހުން ބުނެފައިވަނީ ބޮންޑައި ބީޗު ގައި ހިންގީ ޓެރަރިސްޓް އަމަލެއް ކަަމަށާއި މި ހަމަލާ އަމާޒު ކޮށްފައިވަނީ ޔަހޫދީންނަށް ކަމުގައެވެ.
ބަޑި ޖެހުމުގައި ބައިވެރިވެފައިވަނީ ބައްޕަ އަކާއި އޭނާގެ ފިރިހެން ދަރިފުޅު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ އުމުރުން 50 އަހަރުގެ މީހާ ބަޑިޖެހި ތަނުގައި ވަނީ މަރުވެފަ އެވެ.