Advertisement
ކ. މާލެ
|
1 ޑިސެންބަރ 2025 | ހޯމަ 14:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
އެމެރިކާ-ވެނެޒުއެލާ
ވެނެޒުއެލާ އަށް ހަމަލާ ދިނުމަށް ޓްރަމްޕް ތައްޔާރުވަނީތަ؟
ވެނެޒުއެލާ އިން އެމެރިކާ އަށް ތުހުމަތު ކޮށްފައި ވަނީ ލެޓިން އެމެރިކާގައި ކޮލޮނިއަލިސްޓް ބިރު ދެއްކުން ކުރިއަށް ގެންދާ ކަމަށެވެ. ވެނެޒުއެލާގެ މިލިއަނެއްހާ ރައްޔިތުން މި ޙާލަތާ މެދު ވަރަށް ބޮޑަށް ކަންބޮވުވެފައިވާއިރު، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ މީގެ ކުރިން ވިދާޅުވެފައި ވަނީ އެމެރިކާ އިން ވެނެޒުއެލާ އަށް ސިފައިންގެ ހަމަލާއެއް ދިނުމަށް ހެކި ހޯދުމުގެ ގޮތުން ދޮގު ތުހުމަތު ތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއެލާގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައިވާ ކަމަށް އިއުލާން ކުރެއްވުމާ އެކު، އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެއްޖެ އެވެ. މި އިއުލާން ކުރެއްވުމުގައި ޓްރަމްޕް އިތުރު ތަފްސީލެއް ދެއްވާފައި ނުވި ނަމަވެސް، މި ސަރަހައްދުގައި ގިނަ ދުވަސް ތަކެއް ވަންދެން އެމެރިކާ އިން ސިފައިންގެ އަދަދު އިތުރު ކުރަމުން ގެންދާތީވެ، ގިނަ ކަންބޮޑުވުން ތަކެއް ވަނީ އުފެދިފަ އެވެ.

ވެނެޒުއެލާ އިން އެމެރިކާ އަށް ތުހުމަތު ކޮށްފައި ވަނީ ލެޓިން އެމެރިކާގައި ކޮލޮނިއަލިސްޓް ބިރު ދެއްކުން ކުރިއަށް ގެންދާ ކަމަށެވެ. ވެނެޒުއެލާގެ މިލިއަނެއްހާ ރައްޔިތުން މި ޙާލަތާ މެދު ވަރަށް ބޮޑަށް ކަންބޮވުވެފައިވާއިރު، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ މީގެ ކުރިން ކުރިން ވިދާޅުވެފައި ވަނީ އެމެރިކާ އިން ވެނެޒުއެލާ އަށް ސިފައިންގެ ހަމަލާއެއް ދިނުމަށް ސަބަބެއް ދެއްކުމުގެ ގޮތުން ދޮގު ތުހުމަތު ތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ފާއިތުވި ހަފުތާ ތަކުގެ ތެރޭގައި ވެނެޒުއެލާ އިން ވަނީ އެތައް ފަހަރަކު ސިފައިންގެ ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި ކުރިމަތި ވެދާނެ ހަމަލާ އަކަށް ތައްޔާރު ވުމުގެ ގޮތުން މަތީ ފަންތީގެ ސިފައިންގެ އެއްވުމެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމުރުފުޅަށް، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅު އެ ޤައުމުގެ އަސްކަރިއްޔާ އިން ވަނީ ކެރީބިއަން ސަރަހައްދުގައި އަސްކަރީ ގިނަ އުޅަނދު ތަކެއް ބަނދަރުކޮށްފަ އެވެ. އަދި އެއަށް ފަހު، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނެ އުޅަނދު ފަހަރު ތަކަަށް ހަމަލާ ދީފައިވެ އެވެ. ނަމަވެސް، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނެ މިހާތަނަށް އެމެރިކާ އަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވެ އެވެ. މި ހަމަލާ ތަކުގައި މަރުވެފައިވާ މީހުންގެ އަދަދު ވެސް ވަނީ 83 އަށް އަރައިފަ އެވެ.

އެމެރިކާ އިން ވަނީ ވެނެޒުއެލާ އާއި މަދޫރޯ އަށް ދަތި ކުރުމުގެ ގޮތުން އެ ޤައުމުގެ ރައްޔިތުންގެ ތެރޭގައި ކާޓެލް ޑެ ލޮސް ސޮލެސް ނުވަތަ، އިނގިރޭސި ބަހުން ކާޓެލް އޮފް ދަ ސަންގް ގެ ނަމުން ނަން ދީފައިވާ ޖަމާއަތަކަށް، ބޭރުގެ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބުނެ އެގޮތުގައި ކަނޑައަޅައިފަ އެވެ.

ޓްރަމްޕްގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، އެ ޤައުމުން ހިންގާ އޮޕަރޭޝަނަކީ މަސްތުވާ ތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ހިންގާ މަސައްކަތެކެވެ. ނަމަވެސް، ސިޔާސީ މާހިރުންނާއި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައެއް ފަރާތްތަކުން ވަނީ އެމެރިކާ އާއި ޓްރަމްޕް މަސައްކަތް ކުރަނީ މަދޫރޯ ވެރިކަމުން ދުރު ކުރުމަށް ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެހެންކަމުން، ވެނެޒުއެލާގެ ވައިގެ ސަރަހައްްދު ބަންދު ކުރުމަށް ފަހު ޓްރަމްޕް އެ ޤައުމަށް ހަމަލާ ދީފާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. އެމެރިކާގެ ސިފައިންގެ ޙަރަކާތްތައް ޤާނޫނީ ގޮތުން ތަސްދީގު ކުރެވިދާނެ ކަމުގެ ސުވާލު ވެސް އެބަ އޮތެވެ. އަދި މަދޫރޯއާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވާ ދުޝްމަނު ކަމުގެ ސިޔާސަތުގެ ސަބަބާ މެދު ވެސް ސުވާލު އުފެދެ އެވެ.

މިއަހަރުގެ ޖަނަވަރީ މަހު އަލުން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ މަދޫރޯއާ ދެކޮޅަށް ބަސް ވިދާޅުވުން އިތުރު ކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދީފައިވާ ވެނެޒުއެލާގެ ތެލުގެ ލުއިތައް ބާތިލު ކުރައްވައި، ވެނެޒުއެލާ އިން ތެޔޮ ގަންނަ ޤައުމުތަކާ ދެކޮޅަށް 25 އިންސައްތަ ޓެރިފް ކަނޑައަޅާފައިވެ އެވެ. ހަމަ އެހެންމެ، މަދޫރޯ ހައްޔަރު ކުރުމަށް ދޭ އިނާމު ދެގުނަކޮށް، އެ އަދަދު 50 މިލިއަން ޑޮލަރަށް ބޮޑު ކުރި އެވެ. އަދި މަދޫރޯ އަކީ ޓެރަރިސްޓެއްގެ ގޮތުގައި ވެސް ޓްރަމްޕް ސިފަ ކުރެއްވި އެވެ.

އެއަށް ފަހު އަސްކަރީ ހަރަކާތްތައް އެމެރިކާ އިން އިތުރު ކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އިން ވެނެޒުއެލާގެ ފަސްގަނޑަށް ހަމަލާތައް ދީފާނެ ކަމަށެވެ. އެއާއެކު ވެނެޒުއެލާ އާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވެ އެވެ. ސިފައިންގެ ޓެންޝަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް އާއި މަދޫރޯ ވާހަކަ ދައްކަވާފައިވާ ކަމަށް ދަ ނިއު ޔޯކް ޓައިމްސް އާއި، ދަ ވޯލް ސްޓްރީޓް ޖާނަލްގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

ޓްރަމްޕް އާއި އޭނާގެ ސަރުކާރާ ދެކޮޅަށް ފާޑު ކިޔާ މީހުން ބުނެފައި ވަނީ، އެމެރިކާ ސިފައިންގެ ޙަރަކާތްތައް އެ ޤައުމުގެ ޤާނޫނު އަސާސީ އާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ވެސް ޚިލާފު ކަމަށެވެ. ބައެއް މާހިރުން ބުނެފައިވާ ގޮތުގައި ބޯޓު ތަކަށް ދިން ހަމަލާ ތަކާއި، އެ ހަމަލާ ތަކުގައި ބަޔަކު މަރާލާފައިވުމަކީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށެވެ.

ދަ ވޮޝިންޓަން ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، މަސްތުވާ ތަކެތި އުފުލާ ކަމަށް ޝައްކު ކުރާ ބޯޓެއް ނަމަ، އެ ބޯޓެއްގައި ތިބި އެންމެނަށް ހަމަލާ ދީ މަރާލުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވަނީ އަމުރު ކުރައްވައިފަ އެވެ. ނަމަވެސް، ހެގްސެތު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އަދި އެއީ ދޮގު ހަދައިގެން، އަލިފާން ރޯ ކުރުމުގެ މަގުސަދުގައި ކޮށްފައިވާ ރިޕޯޓެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ ކެރީބިއަން ސަރަހައްދުގައި އެމެރިކާ އިން ދީފައިވާ ހަމަލާ އަކީ ޤާނޫނީ އިމުގެ ތެރެއިން ދީފައިވާ ހަމަލާ ތަކެއް ކަމަށެވެ.

މި ދަނޑިވަޅުގައި އެމެރިކާގެ ކޮންގްރެސް އިން ހޮނިހިރު ދުވަހު ވަނީ އެ ހާދިސާއާ ގުޅިގެން ތަހުގީގެއް ހިންގުމަށް އަންގައިފަ އެވެ. ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ރޭންޑް ޕޯލް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވިދާޅުވެފައި ވަނީ، އެ ހާދިސާ ތަކަށް އޭނާ ކިޔާނީ ޤާނޫނީ އިމުން ބޭރުން މީހުން މެރުން ކަަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވެނެޒުއެލާގެ ރައީސް މަދޫރޯ ވަނީ އެ ޤައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރުމަށް ޓްރަމްޕް ނިންމެވި ނިންމުން ކުށްވެރި ކުރައްވައިފަ އެވެ.

ވެނެޒުއެލާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓްރަމްޕް ބޭނުން ވަނީ ވެނެޒުއެލާގެ ވައިގެ ސަރަހައްދުގެ ސިޔާދަތަށް ނުފޫޒު ފޯރުވަން ކަމަށެވެ. އެއީ ވެނެޒުއެލާގެ ރައްޔިތުންނާ ދެކޮޅަށް ދިން އިތުރު އަނިޔާ އެއް އަދި ޤާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ
- ކޮމެންޓް