ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އެނބުރި އަންނާނީ ގަދަކޮށް ކަމަށް ވިދާޅުވެ، އެ ކުލަބުގެ ޗެއާމަން އަޙުމަދު މުބީން މެސެޖެއް ދެއްވައިފި އެވެ.
މުބީންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ނުހަނު ހިތްވަރު ކުރި ކަމަށެވެ.
އެ މެޗު ދިޔައީ ނިއު ރޭޑިއަންޓްގެ ސަޕޯޓަރުުން އެންމެ އުފާވާ ގޮތަށް ނޫން ކަމަށް ފާހަގަ ކުރައްވައި މުބީން ވިދާޅުވީ، ލީގުގެ ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓް އެނބުރި އަންނާނީ މިހާރަށް ވުރެ ގަދަކޮށް ކަމަށެވެ. އެއީ މި ސީޒަންގައި ކާމިޔާބީ ތަކެއް ހޯދުމުގެ އަޒުމުގައި ކަމަށް ވެސް އެ ޕޯސްޓުގައި މުބީން ވިދާޅުވެފަ އެވެ.
އެ ޕޯސްޓުގައި ކުރެއްވި އިތުރު ކޮމެންޓެއްގައި މުބީން ވިދާޅުވީ، އެ މެޗުގައި މާޒިޔާ މޮޅުވި ގޮތް، މެޗު ބަލަން ތިބި މީހުންނަށް ސާފު ވާނެ ކަމަށެވެ. އެގޮތުން އެއީ ހިތްވަރު ކޮށްގެންތޯ، ނުވަތަ އެހެން ގޮތަކުންތޯ ނިންމާނީ ބަލަން ތިބި މީހުން ކަމަށް ވެސް މުބީން ވިދާޅުވެފައިވެ އެވެ.
ނިއު ރޭޑިންޓާއި މާޒިޔާ ބައްދަލު ކުރި މެޗުގައި ނިއު ރޭޑިއަންޓަށް ލިބެން ޖެހޭ ދެ ޕެނަލްޓީ ރެފްރީ ދީފައި ނުވާ ކަމަށް ވިދާޅުވެ، މީގެ ކުރިން މުބީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެ މެޗުގައި ހިނގައި ދިޔަ ދެ ޙާލަތެއްގެ ވީޑިއޯ ހިއްސާ ކުރައްވައި މުބީން އޭރު ވިދާޅުވެފައި ވަނީ، ނިއު ރޭޑިއަންޓް އަށް ސާފުކޮށް ލިބެން ޖެހޭ ދެ ޕެނަލްޓީ ނުލިބި ދިޔަ ކަމަށާއި، ރެފްރީ އަށް "ސެލިއުޓް" ކުރާ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ފުޓުބޯޅަ ކުރިނާރަނީ އެ ސަބަބާ ހުރެ ކަމަށެވެ.
ސޯޝަލް މީޑިއާގައި މުބީން ހިއްސާ ކުރައްވާފައިވާ ވީޑިއޯގައި ފުރަތަމަ ފެންނަނީ، މާޒިޔާގެ އޭރިޔާ ތެރެއިން ނިއު ރޭޑިއަންޓްގެ ބިދޭސީ ކުޅުންތެރިޔާ ނިކްސަން ރޮކާ ބްރިޒޮލާރާ ބޯޅަ ހިފައިގެން ދިޔަ ވަގުތު ޙުސެއިން ސިފާއު މޫސާ އެ ބޯޅަ ހޯދަން އުޅުނު ވަގުތު ވެއްޓޭ މަންޒަރެވެ.
ދެ ވަނަ ކްލިޕުގައި ފެންނަނީ މާޒިޔާގެ އޭރިޔާ ތެރެއިން ނިއު ރޭޑިއަންޓްގެ އަޙުމަދު ވިޖުދާން ބޯޅަ އަށް ކުޅެން އުޅުމުގެ ތެރޭގައި މާޒިޔާގެ ޙަސަން ނަޒީމް ފަހަތުން އައިސް އޭނާ އަށް ފައުލް ކުރާ މަންޒަރެވެ. އެއާއެކު ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކޮށް، ރެފްރީ އަށް ނުރުހުން ވެސް އަމާޒު ކުރެ އެވެ. ނަމަވެސް، ރެފްރީ ވަނީ އެއީ ފައުލެއް ނޫން ކަމަށް ނިންމައި، ކުޅުން ކުރިއަށް ގެންގޮސްފަ އެވެ.
ލީގުގައި ނިއު ރޭޑިއަންޓް އާއި މާޒިޔާ ބައްދަލު ކުރި މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ވެސް ނިއު ރޭޑިއަންޓް އިންނެވެ. ނަމަވެސް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. އެއާއެކު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު، އެއް ވަަނައިގައި މާޒިޔާ އޮތީ ނުވަ މެޗުން ވެސް މޮޅުވެ 27 ޕޮއިންޓާ އެކު އެވެ.
ނިއު ރޭޑިއަންޓް އިން ލީގުގެ ފުރަތަމަ ބުރު ނިންމާލީ ތިން ވަނައިގައި އޮވެގެންނެވެ. ނިއު ރޭޑިއަންޓް ކުޅެފައިވާ ނުވަ މެޗުން އެ ޓީމަށް ލިބެނީ، 17 ޕޮއިންޓެވެ. ލީގުގައި ނިއު ރޭޑިއަންޓް ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.