Advertisement
ކ. މާލެ
|
2 ނޮވެންބަރ 2025 | އާދީއްތަ 10:27
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
އެމެރިކާ
އެމެރިކާގެ ސަރުކާރު ހުއްޓިފައި އޮންނަތާ މަސް ދުވަސް!
ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ފެޑަރަލް މުވައްޒަފުންގެ 32 އިންސައްތަ އަށްވާ، 730،000 (ހަތް ލައްކަ ތިން ހާސް) މުވައްޒަފުން މިހާރު މުސާރަ ނުލިބި މަސައްކަތް ކުރަމުން އަންނައިރު، 670،000 (ހަ ލައްކަ ހަތްދިހަ ހާސް) މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑު ކުރަން އަންގައިފަ އެވެ.

އެމެރިކާގެ ސަރުކާރު ހުއްޓިފައި އޮންނަތާ މިހާރު ވަނީ މަސް ދުވަސް ވެފަ އެވެ. ހުސްވި އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު، ވެރިކަން ކުރަމުން އަންނަ ރިޕަބްލިކަން ޕާޓީ އާއި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ބަޖެޓު ފާސް ކުރުމުގައި އެއްބަސްވުމަކަށް ނާދެވި، ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، އެއް ދުވަހުން އަނެއް ދުވަހަށް އެމެރިކާގެ ރައްޔިތުންނަށް ދަނީ އެކަމުގެ އަސަރު ކުރަމުންނެވެ.

ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ފެޑަރަލް މުވައްޒަފުންގެ 32 އިންސައްތަ އަށްވާ، 730،000 (ހަތް ލައްކަ ތިން ހާސް) މުވައްޒަފުން މިހާރު މުސާރަ ނުލިބި މަސައްކަތް ކުރަމުން އަންނައިރު، 670،000 (ހަ ލައްކަ ހަތްދިހަ ހާސް) މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑު ކުރަން އަންގައިފަ އެވެ. ސަރުކާރު ހުއްޓިފައި އޮންނަ އޮތުން ދިގުލައިގެން ދާ ވަރަކަށް، ސަރުކާރުގެ އިދާރާ ތަކުން ފައިސާ ހުސްވެ، މި އަދަދު އިތުރު ވެގެން ދާނެ އެވެ.

ސަރުކާރުން ހުއްޓުމަކަށް އައިސްފައި ވުމުގެ ސަބަބުން ކާބޯ ތަކެތީގެ އެހީތެރިކަން ހިމެނޭ ގޮތުން، ވަރަށް މުހިންމު ޚިދުމަތްތަކެއް ހުއްޓި، އަދި އަނެއްބައި ޚިދުމަތްތައް ހުއްޓުމުގެ ޙާލަތަަށް ގޮސްފައިވެ އެވެ.

ސަރުކާރު ހުއްޓުމަކަަށް އައިތާ ކިހާ ދުވަހެއް؟

އޮކްޓޫބަރު މަހު އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައުމުގެ ކުރިން ވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފެޑަރަލް މުވައްޒަފުންގެ ގިނަ އަދަދެއް ވަޒީފާ އިން ވަކި ކުރާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. މިއީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ހުށަހެޅި ބަޖެޓު ބިލުގައި، ޞިއްޙީ ޕްރޮގްރާމް ތަކަށް ފައިސާ ދޫކުރުމަށް ބޭނުންވާ މުހިންމު އިސްލާހުތައް ނުހިމަނާތީ، ޑިމޮކްރަޓިކް ޕާޓީ އިން އެ ބިލަށް ތާއީދު ނުކުރުމުން ޓްރަމްޕް ދެއްވި އިންޒާރެކެވެ.

ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރަޓިކް ޕާޓީ އިން ވެސް ފަހަތަށް ޖެހި ގޮތް ދޫ ނުކުރުމުގެ ސަބަބުން، އެމެރިކާާގެ ސަރުކާރު ހުއްޓުމުގެ ޙާލަތަށް ދާން ޖެހުނީ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި ދެ ވަނަ އަށް އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓިފައިވާ ފަހަރެވެ. މީގެ ކުރިން ސަރުކާރު ހުއްޓުމަކަށް އައުން ދިގު މުއްދަތަކަށް ދިޔުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، ބައެއް ފަހަރު މިކަން ދިމާވެ އެވެ.

އެންމެ ފަހުން އެމެރިކާގެ ސަރުކާރު ހުއްޓުމަަކަށް އައިސްފައި ވަނީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގަ އެވެ. ބައިކުޅަ ގޮތެއްގައި ސަރުކާރު ހުއްޓުމަކަށް އައި ނަމަވެސް، އެއީ އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރު ބަންދު ކުރި ފަހަރެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން، 2019 ވަނ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ހުއްޓުމަކަށް އައިއިރު، އެއީ 35 ދުވަހުގެ ހުއްޓުމެކެވެ.

ނަމަވެސް، ތިން ހަފުތާ އަށް އަލުން ސަރުކާރު ހިނގައި ގަތުމާއި ހުޅުވުމަަށް، ކޮންގްރެސްގެ ލީޑަރުންނާ އެކު ވަގުތީ އެއްބަސްވުމަކަށް އައުމާ އެކު، ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ނިމުމަކަށް އައީ އެވެ.

1976 ވަނަ އަހަރުން ފެށިގެން، ސަރުކާރުގެ ބަޖެޓު ކަނޑައެޅުމާއި، ފާސް ކުރުމުގެ މިހާރުގެ ނިޒާމު ޤާއިމު ކުރި ފަހުން، ސަރުކާރަށް ފައިސާ ލިބުމުގައި 20 ފަހަރެއްގެ މަތިން ހުރަސްތައް ކުރިމަތިވީއިރު، އޭގެ ތެރެއިން 10 ފަހަރު ވަނީ ސަރުކާރު ހުއްޓުމަކަށް އައިސްފަ އެވެ.

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ ދުވަސްތައް ދައްކުވައިދޭ ޗާޓެއް

ސަރުކާރު ހުއްޓުމަކަށް އައުމުން ދެން ކަންތައް ވަނީ ކިހިނެއް؟

ސަރުކާރު ހުއްޓުމަކަށް އައުމާ ގުޅިގެން ޤައުމީ ޕާކުތަކާއި، މިޔުޒިއަމްތަކާއި، ރެގިއުލޭޓަރީ އިދާރާތައް ފަދަ މުހިންމު ނޫން ފެޑެރަނަލް ޚިދުމަތްތައް ހުއްޓުމަކަށް އާދެ އެވެ. އަދި ސަރުކާރުގެ ގިނަ މުވައްޒަފުން ތަކެއް މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑު ކުރަން އެންގެ އެވެ.

އެހެން ނަމަވެސް މުހިންމު މުވައްޒަފުންގެ ގޮތުގައި ހިމެނޭ، ސިފައިންނާއި، ޤާނޫނު ތަންފީޒު ކުރާ މުވައްޒަފުންނާއި، އެއާ ޓްރެފިކް ކޯންޓްރޯލަރުންނާއި، އެފްބީއައި އެޖެންޓުންނާއި، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމް އެންފޯސްމަންޓް (އައިސީއީ) އެޖެންޓުން ފަދަ މުވައްޒަފުން ފައިސާ ލިބުމުގައި ހުރަސް ތަކެއް އޮތް ނަމަވެސް، މަސައްކަތް ކުރަން ޖެހޭނެ އެވެ. މި ފަދަ މުވައްޒަފުންނަށް މުސާރަ ދެވޭނީ ބަޖެޓުގެ މައްސަލަ ހައްލުވެ، ސަރުކާރަށް ފައިސާ ލިބުމުންނެވެ.

ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރަނީ ކިހާ އަދަދެއްގެ މުވައްޒަފުން؟

އެމެރިކާގެ ފެޑެރަލް ސަރުކާރުގައި ދެ މިލިއަނަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނެ އެވެ.

ފެޑެރަލް މުވައްޒަފުންގެ ހަތް އިންސައްތަ އަށް ވުރެ މަދު މީހުން، (162،489) މަސައްކަތް ކުރަނީ ވޮޝިންޓަން ޑީސީގަ އެވެ. އޭގެ ފަހަތުން އެންމެ ގިނަ މުވައްޒަފުން ތިބީ ކެލިފޯނިއާގަ އެވެ. އެއީ 7.7 އިންސައްތަ (150،679) މުވައްޒަފުންނެވެ. ވާޖީނިއާގައި 6.5 އިންސައްތަ (147،358) މުވައްޒަފުން، މެރީލޭންޑުގައި 6.4 އިންސައްތަ (144،497) މުވައްޒަފުން އަދި ޓެކްސަސްގައި 5.8 އިންސައްތަ (130،686) މުވައްޒަފުންނެވެ. އަދި 276،235 މުވައްޒަފުން ވަކި ތަނަކަށް ޚާއްސަކޮށް މަސައްކަތް ކުރާ ގޮތަކަށް ހަމަޖައްސާފައި ނުވެ އެވެ.

މުސާރަ ނުލިބޭ ގޮތަށް ގެޔަށް ފޮނުވާލާފައި ތިބީ ކިހާ އަދަދެއްގެ މުވައްޒަފުން؟

ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި 730،000 (ހަތް ލައްކަ ތިރީސް ހާސް) މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް މަސައްކަތް ކުރަމުން އަންނައިރު، 670،000 (ހަ ލައްކަ ހަތް ދިހަ ހާސް) މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ގެޔަށް ފޮނުވާލެވިފަ އެވެ.

ޑިޕާޓްމަންޓް އޮފް ވެޓެރަންސް އެފްއާޒްގެ 462،000 (ހަތަރު ލައްކަ ފަސް ދޮޅަސް ދެ ހާސް) މުވައްޒަފުންގެ ތެރެއިން، 92 އިންސައްތަ މިހާރު ވެސް މަސައްކަތް ކުރަމުން ގެންދެ އެވެ. އެ ޑިޕާޓްމަންޓް އަށް ބޭނުންވާ ފައިސާގެ ބޮޑު އަދަދެއް ލިބެނީ ކޮންގްރެސްގެ އަހަރީ ބަޖެޓުން ނޫން ކަމަށްވާއިރު، އެ މުވައްޒަފުންގެ މުސާރަ އަދިވެސް ލިބެމުން ދެ އެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ 271،000 (ދެ ލައްކަ ހަތްދިހަ އެއް ހާސް) މުވައްޒަފުންގެ 95 އިންސައްތަ މިހާރު ވެސް މަސައްކަތް ކުރަމުން ގެންދެ އެވެ. އެ މީހުންގެ ތެރޭގައި ސީކްރެޓް ސާވިސްގެ އެޖެންޓުންނާއި، އިމިގްރޭޝަން އޮފިސަރުންނާއި، ބޯޑަރު ކޮންޓްރޯލް އޮފިސަރުންނާއި، އެއާޕޯޓު ސެކިއުރިޓީ އޮފިސަރުންނާއި، ކޯސްޓު ގާޑް މުބައްޒަފުން އަދި ކާރިސާ ތަކުގައި އެހީތެރިވާ މުވައްޒަފުން ވެސް ހިމެނެ އެވެ. އެ މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަށް މުސާރަ ނުލިބެ އެވެ.

ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ 115،000 (އެއް ލައްކަ ފަނަރަ ހާސް) މުވައްޒަފުންގެ ތެރެއިން 90 އިންސައްތަ މިހާރު ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޤާނޫނު ތަންފީޒު ކުރާ މުވައްޒަފުންނާއި، އެފްބީއައި އެޖެންޓުންނާއި، ކްރިމިނަލް ޕްރޮސެކިއުޓަރުން އަދި ޖަލު ތަކުގެ ގާޑުން ހިމެނެ އެވެ. މި މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަށް ވެސް މުސާރަ ނުލިބެ އެވެ.

އަނެއްކޮޅުން ސެކިއުރިޓީ އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ)ގެ 4،300 މުވައްޒަފުންގެ ތެރެއިން 91 އިންސައްތަ މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލެވިފަ އެވެ. އަދޮ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ 15،000 މުވައްޒަފުންގެ 89 އިންސައްތަ މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ގެޔަށް ފޮނުވާލެވިފަ އެވެ. ހަމަ އެހެންމެ، ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންގެ 2،450 ސަރުކާރު މުވައްޒަފުންގެ 87 އިންސައްތަ މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ގޮތަށް ގެޔަށް ފޮނުވާލެވިފައިވެ އެވެ.

މުސާރަ ނުލިބޭ ގޮތަށް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާއި، މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލެވިފައިވާ މުވަންޒަފުންގެ ތަފްސީލް

އިޤްތިޞާދަށް ކުރާ އަސަރަކީ ކޮބާ؟

ސަރުކާރު ބަންދު ކުރުމުން އިޤްތިޞާދަށް ކުރާ އަސަރަކީ އާންމު ގޮތެއްގައި ވަގުތީ އަސަރެކެވެ. މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލެވިފައިވާ މުވައްޒަފުންނަށް، ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ނިމުމަކަށް އައުމުން އާންމު ގޮތެއްގައި މުސާރަ ދެވޭނެ އެވެ.

ނަމަވެސް އެއީ އަސަރެއް ނުކުރާ ކަމެއް ނޫނެވެ. ވަގުތީ މުވައްޒަފުންނަށް އެހެން މުވައްޒަފުންނަށް ވުރެ ބޮޑު އަސަރެއް ކުރެ އެވެ. މި މުވައްޒަފުންނަށް ފަހަތަށް ހިސާބުކޮށް، މުސާރަ ލިބެނީ އެ މުވައްޒަފުން މަސައްކަތް ކުރާ ކުންފުނި ތަކަށް އެ ފައިސާ ދެއްކޭ ނަމަ އެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ފަހަތަށް ހިސާބުކޮށް މުސާރަ ނުދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ނުވަތަ މުވައްޒަފުން ވަކި ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިއީ މި ފަހަރު ސަރުކާރު ބަންދު ކުރުމުން އިޤްތިޞާދަށް ކުރިން ކުރި އަސަރަށް ވުރެ، ބޮޑު އަސަރެއް ކުރެވިދާނެ ސަބަބެވެ.

މަސްދަރު: އަލް ޖަޒީރާ
- ކޮމެންޓް