މި ދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ބޭއްވި ސަރުކަރާ ދެކޮޅު ބިޔަ ބޮޑު 'ލޫޓުވައިފި.ލޫޓުވައިފި' މުޒާހަރާގައި ދިވެހި ރައްޔިތުނަށް އަނިޔާވެރި ވެރިއެއްގެ ނުރައްކަލާ ކުރިމަތިލާން ޖެހުނީ، ރާއްޖެ އަށް މި ފަހަކުން އައި އިސްލާހުތަކާއެކު އެފަދަ ތަޖުރިބާތަކެއް ދެން ކުރަން ނުޖެހޭނެ ކަމަށް ހީކޮށްގެން ތިއްބައެވެ.
އެހެން ހީ ނުކުރާންވީ ސަބަބެއް ނެތެވެ. އެތައް ބައެއްގެ ގުރުބާނީން ހޯދި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން، އެހާ މިނިވަން ކަމާއެކު މިހާރު ވެރިކަމުގައި ހުންނެވި މުއިއްޒު، 'އިންޑިއާ އައުޓް' ޖަހައިގެން މާލޭގެ މަގުތަކުގައި އިރުން ހުޅަނގައް އެއްދުވަހު ހިންގެވި ނަމަ އަނެއް ދުވަހު 'ހަރާން ހުކުމޭ' ބުނެ އުތުރުން ދެކުނަށް ހިންގެވިތަން ދުށިން ވިއްޔާއެވެ. ކޮވިޑްގެ އާލަމީ ވަބާގައި ވެސް ރޯގާ މައިތިރިވަން ދެންވެސް ގޭގައި ނޯންނެވިގެން މޫނު މަތީގައި މާސްކް އަޅައިގެން ނުކުތް މީހުންގެ ތެރޭގައި ވެސް މުއިއްޒު ހިމެނެއެވެ. މިއަދު މުޒާހަރާ ކުރަން މަނާ ކުރި މަޖީދީ މަގުގައި މި މީހުން އިށީނގެ، އެތަނުގައި ތިބި ފުލުހުންގެ ގަޔަށް ކުޅު ޖަހާފައި މިނިވަން ކަމާއެކު ގެއަށް ދިޔަ ހަނދާން އަދި ފިލައިގެންދާހާ ދުވަހެއް ނުވޭވިއްޔާއެވެ.
ކޮންމެ އަކަސް، އެދުވަސް ހަނދާން ނެތި، ލޫޓުވައިފި މުޒާހަރާ އަށް މީހުން އައުން މަދު ކުރުމަށް ސަރުކާރުގެ ހުރިހާ މެޝިނަރީ އެއް ރައީސް މުއިއްޒު ގެންދިޔައީ އޭގެ އެންމެ މަތީ މިނުގައި ބޭނުން ކުރަމުންނެވެ. ފުލުސް އޮފީސް ލައްވާ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ފަދަ ބަޔާންތައް ނެރެމުން އަދި އެވަރުން ނުފުދިގެން އެންމެ ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް އާއި އޭސީސީ އާއި އެޗްޑީސީ އާއި އެމްޓީސީސީ ފަދަ އޮފީސްތައް ވެސް ހުޅުވާ ބަހައްޓައިގެން ސަރުކާރުން މުޒާހަރާ އަށް އަޅަމުން ގެންދިޔަ ހުރަސްތަކާ ސިންކްރޮނައިޒްވާ ގޮތައް ބިރުގެންނެވުމަށް ބަޔާންތައް ނެރެމުން ގެންދިޔަ އެވެ.
ކޮންމެ އަކަސް މުޒާހަރާގެ ކުރިން ހިންގި ބިރު ދެއްކުމުގެ އުކުޅުތައް ފެއިލްވެ އެތައް ހާސް ބަޔަކު އާޓިފިޝަލް ބީޗް ސަރަހައްދަށް ޖަމާވިއެވެ. ހަމަ ހަގީގަތުަގައި ވެސް ސަރުކާރު ދެކެ ރައްޔިތުން ތިބީ ވަރަަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން ސާފުވާ ވަރަށް ބޯކޮށް މީހުން ޖަމާވިއެވެ. ރައްޔިތުން މިދޭ ސާފު މެސެޖު ބަލައިގަތުމުގެ ބަދަލުގައި، އަނެއްކާ ވެސް ރައީސް މުއިއްޒުގެ ވިސްނުމަކަށް ވީ ބިރު ދެއްކުމެވެ. ބިރު ދައްކައިގެން މީހުން ގެއަށް ފޮނުވާލުމެވެ. ބޮޑު މަންޒަރުގައި އަތްއަޅާ އޮއްބާލުމަށެވެ. މަޖީދީ މަގުން މުޒާހަރާ ކުރާ މީހުން ހިންގައި ގަންނަން މިސްރާބު ޖަހަންވީ އިރު ފުލުހުން ތިބީ ޝީލްޑްތައް ނަގާ، ބަރިބަރިއަށް އެތުރި ގެންނެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމާއި ހަޅުތާލު ކުރުމުގެ ހައްގު ތަކައް ހުރަސް އެޅުމަށެވެ.
މަޖީދީ މަގުން ހިނގައިގަންނަން މިސްރާބު ޖެހި ހިސާބުން މީހުންގެ ލޮލަށާއި ބޮލަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހާ އަނިޔާ ކުރަން ފެށިއެވެ. މީހުންގެ ލޮލާ ބޮލުން ނެގި ދިލައިން ބައެއް މީހުން ބިންމައްޗަށް ވެއްޓުނެވެ އަނެއް ބަޔަކު ލޮލަށާއި ބޮލަށް ކިރު ޕެކެޓު އަޅާ ދިލަ މަތަކުރެވޭތޯ އުޅެމުން ދިޔައެވެ. އަސޭމިރުސް ދުން ޖަހަމުން ދިޔައީ މޫނާ ލޮލާ ވަރަށް ކައިރިންނެވެ. އަނެއްކޮޅުން މުޒާހަރާގެ ބައިވެރިން ހިނގައިތްތާ މާ ގިނައިރު ތަކެއް ނުވެ ހަރުކަށި ކަމާ އެކު މުއިއްޒު ގެ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށް ނެރެފައި ތިބި ފުލުހުން މީހުން ހައްޔަރު ކުރަން ފެށިއެވެ.
ހައްޔަރު ކޮށްގެން ފުލުހުންގެ ވެހިކަލުގައި ގެންދިޔަ ބައެއް މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ފުލުހުން ތިބީ އެމީހުން ހައްޔަރު ކޮށްގެން ގެންގުޅޭ ކަށް ނޫނެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތުު އެމީހުން ހައްޔަަށް ގެންދިއުމަށް ނިންމީ މަތިން އަންގައިގެން ކަމަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވެއެވެ.
ހައްޔަރު ކޮށްގެން ގެންގޮސް އެމީހުންގެ މުއްދަތު ޖެހުމާ ހަމަ އަށް ގާނޫނީ ވަކީލަކާއި އަދި އާއިލާގެ މީހުންނާ ވެސް ބައްދަލު ކުރެވޭ ގޮތެއް ނުހެދިއެވެ. ބަންދު ކުރި މީހުންގެ އަދަދު 13 އަށް އަރާ ކަމަށް ބެލޭ އިރު އޭގެ ތެރޭގާއި ކާކު ކުރީ ކޮން ކުށެއް ކަމެއް ވެސް ނޭނގެއެވެ. ބުނެއެއް ނުދެއެވެ. އޭގެ ތެރެއިން ބައެއް މީހުން ޖެހިގެން އައި ދުވަހު ދޫކޮށްލައި 6 މީހުންގެ ބަންދުގެ މުއްދަތަކަށް 15 ދުވަސް ޖަހާ ދޫނިދޫ ޖަލުގައި ބަންދު ކުރި އިރު އެއިން މީހެއްގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއް ކަމެއް ވެސް ނޭނގެއެވެ.
ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި އެކަކުގެ އިނގިލި ބިންދައިގެން ދިޔަ ކަމަށް ވެސް ވާހަކަތައް އިވެއެވެ. އެ ގޮތުން ފުރަތަމަ ރޭ އަތޮޅުވެހީގައި އޭނާ ހޭދަ ކުރިއިރު އިނގިލީގައި ރިއްސާ ވޭން އަޅާތީ ނުދިގެން އޭނާ އަށް އުޅެން ޖެހުނު ކަމާއި އެކަން އެތަން ބަލަހައްޓަން ތިބި އޮފިސަރުންނަށް އެނގޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް އެކަމަށް ދޭން ޖެހޭ ސަމާލު ކަމެއް ނުދިނެވެ.
ޖަލަށް ގެންދިޔަ ފަރާތްތަކުގެ ތެރޭގައި ނޭވާއަށް އުނދަގޫ ކުރުމުގެ މައްސަލަ ހުރި ފަރާތެއް ހިމެނޭ ކަމަށާއި އޭނާ އަށް އިންހޭލަރު ފޯރުކޮށްދިނުމުގައި ވެސް މާ ބޮޑު ފަރުވާލެއް ނުދިން ކަމަށް އެނގިފައިވެއެވެ.
ހުކުރު ދުވަހުގެ ރޭ ބަންދު ކޮށްގެން ދިޔަ ބަޔަކަށް އާދިއްތަ ދުވަސް ނިމުނު އިރު ވެސް އާއިލާ ބައްދަލުވުމެއް ބޭއްވޭ ގޮތެއް ހަދައެއް ނުދިނެވެ. އަދި އެހިސާބަށް ދިޔައިރު އެންމެންގެ ބަޔާންތައް ވެސް ނުނަގައެވެ.
އަނެއްކޮޅުން ޕެޕަރސްޕްރޭ ވަރަށް ގާތުން ޖެހުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިއަކު ނޭވާ ހާސްވެ ހޭނެތިގެން ރެޑްކްރެސެންޓްގެ އެހީގައި ހޮސްޕިޓަލަށް ގެނައި އިރު އޭނާ އަށް ވަނީ ހާޓްއެޓޭކެއް ޖެހިފައެވެ. އެއީ މުޒާހަރާގެ ކުރީ ސަފުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުމުން ދިޔަ ފަރާތެކެވެ. އޭނާ އަށް އަދިވެސް އައިޖީއެމްއެޗް ގައި އަންނަނީ ކްރިޓިކަލް ފަރުވާ ދެމުންނެވެ.
މުޒާހަރާ ކުރާ މީހުން ބަލި ކޮށްލުމަށް އެންމެ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި މުއިއްޒުގެ ސަރުކާރުން ބޭނުން ކުރީ ބާރު އަޑެވެ. އެންމެން އަދި ވެސް ދައްކަނީ އެވާހަކައެވެ. އެއީ ޓޯޗަރ ކުރުން ފަދަ ކަމެއްގެ ގޮތުގައި ގާނޫނީ ވަކީލުން ވެސް އަންނަނީ ސިފަ ކުރަމުންނެވެ. މިއީ މިފަހުގެ ތާރީޚެއް ގައި މިހާތަނަށް ކަލެކްޓިވް އަނިޔާ އެއް މިފަދަ ގޮތަކަށް ސަރުކާރަކުން ރައްޔިތުންނަށް ދިން ފުރަތަމަ ފަހަރެވެ.
ފުލުހުން ބޭނުން ކުރި މި ހަތިޔާރަކީ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) އެވެ. މިއީ ކުރިން ވެސް ފުލުހުންގެ އަތުގައި އޮންނަ ހަތިޔާރެއް ކަމަށް ވިޔަސް އިންސާނުންނަށް ގެއްލުން ދިނުމުގެ ގޮތުން މިހަތިޔާރު ބޭނުން ކުރި މިއީ ފުރަތަމަ ފަހަރުކަން ރެކޯޑް ތަކުންނާއި އެކަން އެނގޭ މަސްދަރުތަކުން ބުނެފައިވެއެވެ. ކުރިން މި ހަތިޔާރު ބޭނުން ކޮށްފައި ވަނީ މަދު ސިކުންތު ކޮޅަކަށް ފުލުހުން ދޭން ބޭނުންވާ އެނައުސްމަންޓެއް ދިނުމުގެ ކުރިން މީހުންގެ ސަމާލު ކަން ހޯދުމަށެވެ. އާންމުންނަށާއި ކުޑަކުދިންނަށް އުނދގޫ ވާނެ ކަމަށާއި އެ ގަދަ އަޑުފައްގަނޑުގެ ސަބަބުން ބޮލުގައި ރިއްސާ އުނދަގޫވާ ކަމަށް މީހުން ބުނަމުން ދިޔަ ނަމަވެސް ފުލުހުން އަޅައެއް ނުލައެވެ. ރޭގަނޑުގެ 12 ޖެހުމާ ގާތްވަމުން ދިޔަ އިރު ވެސް މުޅި ސަރަހައްދު ވަނީ އެ އަޑުން ގުގުމާފައެވެ. މިއީ އިންސާނުންނަށް ނުހަނު ގެއްލުންދޭ ނުރައްކާތެރި ހަތިޔާރެއް ކަން އެނގިތިބެ އަދި އެފަދަ ހަތިޔާރެއް ބޭނުން ކުރަން ޖެހޭ ހާލަތެއް ނުވެސް ނެތި ތިން ބުރެއްގެ މަތިން ގާތްގަނޑަކަށް 45 މިނެޓް ވަންދެން އެ ގަދަ އަޑުފައްގަނޑު ހުރީ އިއްވާފައެވެ.
އެލްއާރުއޭޑީ އިން ބޭރުފުށުން ފެންނަ އަނިޔާއެއް ނެތް ނަމަވެސް، ނަފުސާނީ ގޮތުންނާއި މީހުންގެ އަޑުއިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑެވެ. މި ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރު ވުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކަރުން ބުނެއެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހަށް އިރު އިރުު އިރުވެސް ބައެއް މީހުން ބޮލުގައި ރިއްސާ ވާހަކަ ބުންޏެވެ. އަދި އަނެއް ބައެއްގެ ބޮލުގެ ތެރޭގައި ރަނގަބީލުގެ އަޑުފައްގަނޑު ހުންނަ ކަމަށް ބުންޏެވެ. ސޯޝަލް މީޑިއާގައި އެ ވާހަކަތައް މީހުން ވަނީ ހިއްސާކޮށްފަ އެވެ.
އަތުގައި ބާރު އޮތީތީ ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތައް ގެނެސް، ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން ގާނޫނުތައް ހަދާ، އާސަންދަ ފަަދަ ޚިދުމަތްތައް ރައްޔިތުންނަށް ލިބުން އުނދަގޫވެ، ސަރުކާރުގެ ތެރޭގައި އިންތިހާ އަށް ކަރަޕްޝަން އަށަގަނެފައިވާތީ އެކަމާ ނޫނެކޭ، ހިތްހަމަ އެއް ނުޖެހެ އޭ ބުނަން ސުލްހަވެރިކަމާ އެކު ނުކުތުމުން ރައީސް މުއިއްޒު ދިވެހި ރައްޔިތުނަށް ކުރީ ލާއިންސާނީ ބޮޑެތި އަނިޔާތަކެވެ. ތަރީޚުގައި އެކަން ލިޔެވޭނީ އެގޮތަށެވެ. ކިތަންމެ އަނިޔާ އެއް ކުރިއަސް ހަގީގީ މަންޒަރު އެއޮތީ ފެންނާށެވެ. ރައްޔިތުން ތިބީ ސަރުކާރާ މެދު ވަރަށް ބޮޑަށް ރުޅި އައިސް ހިތްހަމަ ނުޖެހިފައެވެ.