Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުން ކަތިލާ ހުސް ކުރަނީ.. މުސްލިމް އުއްމަތް ކޮބާ؟

ރޮހިންޖާ މުސްލިމުންނަކީ މިޔަންމާ އަށް އުފަން ނަމަވެސް އެ ގައުމުގެ ރައްޔިތުންނަށް ނުވާ ބައެއް

ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2017 | އާދީއްތަ 19:55
ރޮހިންޖާ މުސްލިމުންގެ ބަޔަކު ސަލާމަތް ހޯދުމަށް ބަންގްލާދޭޝް އަށް އައުމުން އަނބުރާ ފޮނުވާލާތީ އެކަން ނުކުރުމަށް އެދި މީހަކު ރޮއެ އާދޭސް ކުރަނީ

ރޮހިންޖާ މުސްލިމުންގެ ބަޔަކު ސަލާމަތް ހޯދުމަށް ބަންގްލާދޭޝް އަށް އައުމުން އަނބުރާ ފޮނުވާލާތީ އެކަން ނުކުރުމަށް އެދި މީހަކު ރޮއެ އާދޭސް ކުރަނީ

މިޔަމަންމާގެ މުސްލިމް ކުޑަކުދިންނާ އަންހެނުންނާ ފިރިހެނުން ރޯމާ ދުވާލު ކަތިލަމުން މަރަމުން އެމީހުންގެ ގެދޮރާ މުދާ ސުންނާފަތިކޮށް އަންދާ އަޅިޔަށް ހަދަމުންދާ ދިޔުމަކަށް ހުއްޓުމެއް ނެތެވެ. އެ ޖަރީމާ ހުއްޓުވޭނެ މަގެއް އޮތް ކަމަކަށް ނުވެއެވެ.

މިޔަމަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ރޮހިންޖާ ގެ މުސްލިމުންނަށް ދާނެ އަމާން މަންޒިލެއްވެސް ނެތެވެ. ބަންގްލަދޭޝް އިން ކުރިން މިޔަމާންގެ މުސްލިމް ރެފިއުޖީންނަށް މަރުހަބާ ކީ ނަމަވެސް މިހާރު އެކަންވެސް ވަނީ ބަދަލުވެފައެވެ. ފުރާނަ ސަލާމަތް ކުރުމަށް ދުވަސް ކޮޅަކަށް ނަމަވެސް ބަންގްލާދޭޝްގެ ރައްކާތެރިކަން ލިބޭތޯ އެމީހުން ދަނީ އާދޭސް ކުރަމުންނެވެ. އެކަމަކު އެ ދޮރުވެސް މިހާރު ވަނީ ބަންދުވެފައެވެ.

ރޮހިންޖާ މުސްލިމުންގެ ގޮތުގައި ބެލޭ 1.1 މިލިއަން މީހުންނަށް އަމިއްލަ ގައުމެއް ނެތެވެ. އެމީހުން ދާނެ ތަނެއް ނެތެވެ. އެކަމަކު ނުގޮސް އެތަނުގައި އެ އަނިޔާވެރި ކަމާ ކުރިމަތިލައިގެން ތިބެވޭކަށްވެސް ނެތެވެ.

މިޔަމަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އެމީހުންގެ އަވަށުން ބޭރަށް ދެވޭނީ ހުއްދަ ހޯދައިގެންނެވެ. މީހަކާ އިންނަން ވިޔަސް ހުއްދަ ހޯދަން ޖެހެއެވެ. މިޔަންމާ އަށް އުފަން އަދި އެގައުމުގެ ސަގާފަތުގެ ދަށުގައި، އެއީ އެމީހުންގެ ގައުމު ކަމުގައި ބަލައިގެން އުޅުނެއް ކަމަކު އެއީ އަމިއްލަ ވަޒަނުގައި މިނިވަންކަން ގެއްލިފައިވާ ބައެކެވެ.

ރޮހިންޖާ އަކީ ކޮން ބައެއް

ރޮހިންޖާ އަކީ މިޔަންމާގެ މައިނޯރިޓީ ނަސްލަކަށް ނިސްބަތްވާ ބައެކެވެ. އެ މީހުން ވަޒަންވެރިވެފައިވަނީ މިޔަންމާގެ ހުޅަނގުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ރަޚައިން ގައެވެ. ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަމަންމާ އަކުން ރޮހިންޖާ މީހުންނަކީ މިޔަމަންމާގެ ރައްޔިތުން ކަމަކަށް ނުދެކެއެވެ.

ރޮހިންޖާ މީހުންނަށް ސިޓިޒަންޝިޕް ނުދިނުން

2014 ވަނަ އަހަރު މިޔަންމާއަށް އިސްލާހީ ބަދަލުތައް އަންނަމުންދާކަން އ.ދ. އިން ފާހަގަ ކޮށް އެކަމަށް މަރުހަބާ ކީ އިރުވެސް ރޮހިންޖާ މީހުންނާ މެދު އެ ގައުމުން އަމަލު ކުރަމުންދާ ގޮތް ފާހަގަ ކޮށް ކަންބޮޑުވުމުން ފާޅުކޮށްފައިވެއެވެ. އެއާއެކު ރޮހިންޖާ މީހުންނަކީވެސް މިޔަންމާގެ ރައްޔިތުން ކަމަށް ބަލާ ގާނޫނީ ގޮތުން އެމީހުންނަށް ރަށްވެހި ކަމުގެ ހައްގާއި ޚިދުމަތްތައް ތަފާތު ކުރުމެއް ނެތި ދިނުމަށް އ.ދ އިން މިޔަންމާ ސަރުކާރަށް ގޮވާލިއެވެ.

އ.ދ އިން މިކަމަށް ގޮވާލިޔަސް މިޔަންމާއިން ދިނީ ބީރު ކަންފަތެކެވެ. ރޮހިންޖާ މީހުންގެ ގޮތުގައި ބެލޭ 1.1 މިލިއަން މީހުންނަކީ، މިޔަންމާ އަށް ބަންގްލަދޭޝް އިން ގަވައިދާ ޚިލާފަށް ހިޖްރަކޮށްފައިވާ ބައެއް ކަމަށް މިޔަންމާއިން ބުނަމުން ދިޔައެވެ. އެއާއެކު އ.ދ ގެ އެއްވެސް ގަރާރެއްގައި ރޮހިންޖާ މި ލަފްޒް ބޭނުން ކުރުމަށްވެސް މިޔަންމާ އިން ދެކޮޅު ހެދިއެވެ. މިޔަންމާ އިން ބުނަމުން ދިޔައީ، ރޮހިންޖާ މީހުންނަށް ސިޓިޒަންޝިޕް ލިބޭނީ އެމީހުންނަކީ ބަންގާޅީން ކަމަށް އެއްބަސްވާ ނަމައެވެ. ނަމަވެސް ރޮހިންޖާ މީހުން ބުނަނީ އެމީހުންނަކީ މިޔަންމާގެ ރައްޔިތުން ކަމަށާއި އެމީހުން ބަންގާޅީންގެ ގޮތުގައި ފާހަގަ ކުރެވިގެން ނުވާނެ ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

ރޮހިންޖާ ގެ މައްސަލަ ބޮޑުވެ ރަޚައިން އެޑްވައިޒަރީ ކޮމިޝަންގެ ނަމުގައި އ.ދ އިން ކޮމިޝަނެއް އެކުލަވާލާ މައްސަލަ ތަހްގީގު ކުރުމަށް އދ ގެ ވަފްދެއް ރަޚައިން އަށް ފޮނުވިއެވެ. އެ ކޮމިޝަންގެ ވެރިޔަކަށް ހުންނެވީ އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އެވެ. މި ކޮމިޝަންގެ 63 ސަފްހާގެ މައްޗަށް އެކުލެވުނު ރިޕޯޓް ހުސްވި މަހު ނެރުނު އިރު އޭގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައި އޮތީވެސް ރޮހިންޖާ މީހުންނަކީ މިޔަންމާގެ ރައްޔިތުން ކަމަށް ބަލައި ނުގަންނަ މައްސަލައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، މިމައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ އިންސާނީ މުސީބާތައް ނިމުމެއް ނާންނާނެ ކަމަށާއި، އަދި ރަޚައިން ސްޓޭޓްގެ އިގްތިސާދުވެސް ރަނގަޅު ވެގެން ނުދާނެ ކަމަށެވެ.

ރިޕޯޓުގައި މިޔަންމާ ސަރުކާރަށް ގޮވާލާފައިވަނީ ރޮހިންޖާ ނަސްލުގެ މީހުންނަށް ސިޓިޒަންޝިޕް ދިނުމަށް ޓައިމްޓޭބަލެއް އެކުލަވާލާ އެ ޓޭބަލަށް އަމަލު ކުރުމަށެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، 1982 ވަނަ އަހަރު ފާސްކޮށްފައިވާ ރައްޔިތުންނަށް ލިބޭ ހައްގުތަކުގެ ގާނޫނަށް އިސްލާހް ގެނެސް ރޮހިންޖާ ދަރިކޮޅުގެ ރައްޔިތުން މަހްރޫމް ވެފައިވާ ހައްގުތައް އެމީހުންނަށް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

ހަމަ ނުޖެހުންތައް ގޯސްވި ހިސާބު

2012 ވަނަ އަހަރު މިޔަންމާގެ ބުޑިސްޓުންގެ ހައްދުފަހަނަ އަޅާފައިވާ ގުރޫޕަކުން ހަމަލާދީ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ އެތައް ބަޔަކު މަރާލިއެވެ. މިހިނގި ނުރައްކާތެރި ހާދިސާ އެކު ފުރާނަ ސަލާމަތް ކުރުމަށް ރޮހިންޖާ ދަރިކޮޅުގެ ގިނަ އަދަދެއްގެ މީހުން މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށާއި، މެލޭޝިއާ އަށާއި، ތައިލޭންޑް އަދި އިންޑޮނީޝިއާ އަށް ހިޖްރަ ކުރިއެވެ. މިޙާދިސާ އާ ގުޅިގެން މިޔަންމާ ދޫކޮށް ދެ ލައްކަ އެއްހާ މީހުން ހިޖްރަ ކުރި ކަމަށް ބެލެއެވެ.

2012 ވަނަ އަހަރުން ފެށުނު މި ހަމަނުޖެހުންތަކަށް ހައްލެއް ނައިސް ދުވަސްތައް ދިޔައީ ފާއިތުވަމުންނެވެ. ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ރޮހިންޖާ ގެ ހަތިޔާރު އެޅި ގްރޫޕަކުން މިޔަންމާ ފުލުހުންގެ ސެކިއުރިޓީ ޗެކް ޕޮއިންޓް ތަކަކަށް ހަމަލާދީ ފުލުހުންގެ ބަޔަކު މަރާލިއެވެ. މިކަމަށް ރައްދު ދިނުމަށް މިޔަންމާގެ ސިފައިން ނުކުތީ ތަނެއް ދޮރެއް ނުބަލާ ރޮހިންޖާ މީހުންނަށް ކުރެވުނު އަނިޔާ އެއް ކުރުމަށެވެ. ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ، ކައުންޓަރ ޓެރަރިޒަމްގެ ނަމުގައި ދިން ހަމަލާތަކުގައި ފެނިގެން ދިޔައީ އެއްވެސް ބެލުމެއް ނެތި މީހުން މެރުމާއި، ރޭޕް ކުރުމާއި، ގެ ދޮރު އަންދާ އަޅިޔަށް ހެދުމާއި، އަދި ތަނުގެ ރައްޔިތުން ފަހާ ބޭރު ކުރާ މަންޒަރު ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަމަނުޖެހުންތަކާއެކު އދ. އިން އަންދާޒާ ކުރާ ގޮތުން 87،000 ރޮހިންޖާ މީހުން ބަންގްލަދޭޝް އިން ރައްކާތެރިކަން ހޯދުމަށް އަވަށުން ނުކުމެގެން ދިޔައެވެ.

އޭގެ ފަހުން މި އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހަތިޔާރު އެޅި 100 ވަރަކަށް މުސްލިމް ހަނގުރާމަ ވެރިން ރަޚައިން ސްޓޭޓް އާއި ބަންގްލަދޭޝް އާ ދެމެދުގެ ބޯޑަރު ގާޑު ކުރަން ތިބި ބަޔަކަށް ހަމަލާ ދިން ކަމަށް މިޔަންމާ ސަރުކާރުން ބުނެއެވެ. އަދި އެކަމަށް ބަދަލު ހިފުމަށް މިޔަންމާ ސިފައިން އަނެއްކާވެސް ރޮހިންޖާ މީހުންނަށް އަނިޔާ ކުރަން ފެށިއެވެ. ރޮހިންޖާ ގެ ހަތިޔާރު އެޅި މީހުން ބުނަނީ އެމީހުން އިސްވެ ހަމަލާ ދިން ކަމަށް ބުނެ މިޔަންމާ ސިފައިން ހަދަނީ ދޮގެވެ. މި ހަމަނުޖެހުމުގައި ރޮހިންޖާއަށް ނިސްބަތްވާ 400 ވަރަކަށް މީހުން މިޔަންމާ ސިފައިންގެ ހަމަލާތަކުން ވަނީ މަރުވެފައެވެ. އަނެއްކާވެސް އިތުރު މީހުން ފުރާނަ ސަލާމަތް ކުރުމަށް ބަންގްލަދޭޝް އަށް ދިއުމަށް އެމީހުންގެ ވަޒަން ދޫކޮށް ނިކުތެވެ. އޮގަސްޓް 25 ގެ ހަމަލާ އާ ގުޅިގެން ގާތްގަނޑަކަށް 60،000 (ފަސްދޮޅަސް ހާސް) މީހުން ބަންގްލަދޭޝް އަށް ދިޔަ ކަމަށް ޔޫއެންއެޗްސީއާރު ތަރުޖަމާނު ވިވިއަން ޓާން ސެޕްޓެމްބަރު 2 ވަނަ ދުވަހު ވިދާޅުވެފައިވެއެވެ.

ބަންގްލަދޭޝް އަށް ވަދެވޭނެ ގޮތް ބަންދު ކުރުން

ބަންގްލަދޭޝް އިން މިހާރު ބުނަނީ އެމީހުންނަށް ބަލައިގަނެވެން އޮތް މިންވަރަށް ވުރެވެސް ގިނައިން ރޮހިންޖާ މީހުން ބަލައިގަނެވިއްޖެ ކަމަށާއި އިތުރު މީހުން ބަލައި ނުގަނެވޭނެ ކަމަށެވެ.

އޮގަސްޓް މަހުގެ 25 ގެ ހަމަލާ އާ ގުޅިގެން ރޮހިންޖާ ގެ އެތައް ސަތޭކަ ބަޔަކު ބަންގްލަދޭޝް އަށް ވަންނަން މަސައްކަތް ކުރި ނަމަވެސް އެމީހުން އެތެރެވުމަށް ބަންގްލަދޭޝް ސަރުކާރުން ހުރަސް އެޅުމުން، އޭގެ ތެރެއިން ގިނަ ބަޔަކު ބަންގްލަދޭޝްގެ ބޯޑަރުގައި އޮންނަ ނާފް ކޯރުގައި ތާށިވީއެވެ. ކޯރު ހުރަސް ކުރަން އުޅުމުގެ ތެރޭގައިވެސް އެތައް ބަޔަކަށް ނުރައްކާ ވިއެވެ. އެތައް ބަޔެއްގެ ފުރާނަ ގެއްލުނެވެ.

ރޮހިންޖާ ގެ މުސްލިމުން މަރާ މުޅި އަވަށް ސުންނާފަތި ކޮށް ގެދޮރާއި ފިހާރަތައި މުދަލުގައި އަލިފާން ޖަހާ އަންދަމުން ދިޔަ ނަމަވެސް، ބަންގްލަދޭޝް އިން ބޭނުންވީ ރޮހިންޖާ މީހުން ބަންގްލަދޭޝް އަށް އެތެރެވިޔަ ނުދީ ގަދަކަމުން އަނބުރާ ފޮނުވާލުމަށެވެ. ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކަށް ފިލައިގެން ވަތް މީހަކަށް ނޫނީ ބަންގްލަދޭޝް އަށް އެތެރެވެވޭނެ ގޮތެއް މިފަހަރަކު ނުވިއެވެ. ބެލެވޭ ގޮތުގައި ބަންގްލަދޭޝްގައި ރޮހިންޖާ ދަރިކޮޅުގެ ދޮޅު ލައްކަ މީހުން އެބަތިއްބެވެ. އެ އެންމެންވެސް ތިބީ ނިކަމެތި ހާލުގައި ވަގުތީ ޖިފުޓިތަކުގައެވެ.

އަނިޔާތަކާ ގުޅިގެން ނޮބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ ސޫކީ ހިމޭނުން

ރޮހިންޖާ ނަސްލު ނައްތާލުމަށް ބޮޑެތި ޖަރީމާތައް މިޔަންމާގައި ހިންގަމުންދާއިރު އަންސަން ސޫކީ ހުންނެވީ ކުޅި ބައްލަވަން ހިމޭނުންނެވެ. މިނިވަންކަމަށާއި، އިންސާނީ ހައްގުތައް ހޯދުމަށާއި، ޑިމޮކްރަސީ އަށް މަސައްކަތް ކުރެއްވި އަދި އެކަމުގެ ޗެމްޕިއަންއެއްގެ ގޮތުން ނޮބެލް ސުލްހައިގެ އިނާމު ހޯއްދެވި ސޫކީ އަށް ބާރު ލިބިވަޑައިގަތް ވަގުތު މި ކަމުގައި އެޅުއްވުނު އެއްވެސް ފިޔަވަޅެއް އޮތް ކަމަކަށް ނުވިއެވެ. މުޅި ދުނިޔެ މިކަމާ ރުޅިގަދަވެ، އޭނާއަށް ދިން ނޮބެލް އިނާމު އަތުލުމަށް ގޮވާލާ މީހުން ދަނީ އިތުރުވަމުންނެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސޫކީ އަށް ބުޑިސްޓް މެޖޯރިޓީ އޮތް މިޔަންމާގައި ބުޑިސްޓުން ހިތްހަމަ ނުޖެހިދާނެ އެއްޗެއް ވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. ވެރިކަމުގެ ބާރުތައް އެކަމަނާގެ އަތްޕުޅަށް އަރާފައި އޮތް ދަނޑިވަޅުގައި، އިންސާނީ ހައްގުތަކަށް ވުރެ މުހިންމީ، ބާރުތައް ދެމެހެއްޓުމެވެ. ބުޑިސްޓް ފާދިރީންނާއި ސިފައިންގެ ރޭންކްތަކުގައި ތިބި މީހުންގެ ތާއީދު ގެއްލިއްޖެނަމަ ވެރިކަމުގެ ބާރުތައް އެކަމަނާގެ އަތްޕުޅުން ގެއްލިދާނެއެވެ. އެހެން ކަމާއެކު ކިތަންމެ ޕްރެޝަރެއް ކުރިމަތިވެވަޑައިގަތަސް މިޔަންމާ ސިފައިން ހިންގާ މި ނުބައި ޖަރީމާ އެކަމަނާ ކުށްވެރިއެއް ނުކުރައްވާނެއެވެ.

އަވައްޓެރިންގެ ވިސްނުން

ރޮހިންޖާ ގެ މައްސަލަ ބޮޑުވަމުންދާ އިރު މިޔަންމާގެ އަވައްޓެރި ގައުމުތަކުން މި ކަމުގައި ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އިންޑޮނީޝިއާ އަދި ބަންގްލަދޭޝް އިން ވަނީ ބައިނަލް އަގްވާމީ ގޮތުން މިކަމުގައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ރޮހިންޖާ ދަރިކޮޅާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގަނީ ގަތުލުއާއްމެއް ކަމަށް ބުނެ އިންޑޮނީޝިއާ އަދި މެލޭޝިއާގެ އާއްމު ރައްޔިތުން ވަނީ ނުރުހުން ފާޅު ކޮށް މުޒާހަރާވެސް ކޮށްފައެވެ.

ނަސްލެއް ނައްތާލުން

ރޮހިންޖާ އާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގާ ލާއިންސާނީ އަނިޔާތަކަކީ ދަރިފަސް ކޮޅެއް ފުހެލުމަށް ހިންގާ ހަރަކާތެއްގެ ގޮތުގައި ސިފަ ކުރާ ފަރާތްތައް މެދެއް ނޫނެވެ. މިކަމާ މިޔަންމާ އިން އެއްބަހެއް ނުވެއެވެ.

ދީނީ މައްސަލައެއް

ރޮހިންޖާ ދަރިކޮޅާ ދެކޮޅަށް ހިންގާ ޖަރީމާ ތަކަކީ ހަގީގަތުގައި އެމީހުންނަކީ މުސްލިމުންނަށް ވާތީ ހިންގާ ޖަރީމާތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިޔަންމާ އަކީ ބުޑިސްޓުން ކޮންޓްރޯލް ކުރާ ގައުމަކަށްވެފައި، އިސްލާމް ދީނާ މެދު އެމީހުންގެ ހިތުގައި އުފެދިފައިވާ ހަސަދަ އާއި ރުޅިވެރިކަން ރޮހިންޖާ މުސްލިމުންނަށް ބާލާލަނީ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މިޔަންމާގެ ބުޑިސްޓުން ދެކެނީ، އެމީހުންގެ ބުޑިސްޓް ގައުމު މުސްލިމުންގެ އަތްދަށަށް ދަނީ ކަމަށެވެ. މިޔަންމާގެ އަވައްޓެރިންގެ ގޮތުގައި ހިމެނޭ މެލޭޝިއާ އިންޑޮނީޝިއާ އަދި ބަންގްލަދޭޝްއަކީ މުސްލިމް ގައުމުތައް ކަމަށްވުމާއެކު، މިޔަންމާގެ ބުޑިސްޓުން ގަބޫލު ކުރަނީ މިޔަންމާވެސް މުސްލިމުންގެ ކޮންޓްރޯލްގެ ދަށަށް ހިނގައިދާނެ ކަމަށެވެ.

މިޔަންމާ ސަރުކާރާއި ބުޑިސްޓު އާބާދީ ދެކޭގޮތުގައި ރޮހިންޖާ މީހުންގެ ސަބަބުން އެމީހުންގެ ތަނަވަސް ކަމަށް ހުރަސް އެޅެއެވެ. ވަޒީފާތައް ލިބުމުގައި ދަތިތައް ކުރިމަތިވެއެވެ. ރޮހިންޖާ މީހުން ދިރިއުޅޭ ރަޚައިން ސްޓޭޓް އަކީ ފަގީރު ސްޓޭޓް އެކެވެ. އެހެން ކަމުން ސަރުކާރުން ދެކެނީ، ރޮހިންޖާ މީހުންނަކީ ސަރުކާރަށް ޖެހިފައިވާ ބޮޑު ބުރައެއްގެ ގޮތުގައެވެ.

ކޮންމެ އަކަސް މިވަގުތު ވަކި ދީނަކަށް ނިސްބަތްވީތީ އެންމެ ބޮޑު ނުރައްކާ ކުރިމަތިވެފައިވާ ބަޔަކީ ރޮހިންޖާ މުސްލިމުން ކަމާ މެދު ޝައްކެއް ނެތެވެ. ކުޑަކުދިންނާ މުސްކުޅިންނާ އަންހެނުން އެއްވެސް ހައްގުން ކަމަކާ ނުލާ މަރުވެގެން އެ ދަނީ ވަކި ދީނަކަށް ނިސްބަތްވާތީއެވެ. މިޔަންމާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ނުރައްކާ ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވެފައިވާ ނުރައްކާ ކުށްވެރި ކުރުން ފިޔަވާ އިސްލާމީ ދުނިޔެއިން މިކަމުގައި މާ ބޮޑު އަޅާލުމެއް އޮތް ތަނެއް ނުފެނެއެވެ. ޓެރަރިޒަމް ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ބުނެ ވައުދުވެ، އެކަމަށް އޮތް ސީރިއަސް ކަން ދެއްކުމުގެ ގޮތުން މުސްލިމް އެއްގައުމު އަނެއް ގައުމަށް ގުޅުން ކަނޑާ، ދަތި ކުރުމުގެ ފިޔަވަޅު އަޅާ ހަދަމުން ދާއިރު ހަގީގީ ޓެރަރިޒަމްގެ އަމަލުތައް މުސްލިމުންނާ ދެކޮޅަށް ހިންގާ، މުސްލިމް އާބާދީއެއް ނެތި ކޮށްލުމަށް ހިންގާ މި ޖަރީމާ އާ ދެކޮޅަށް މުސްލިމް އުއްމަތް އެކީ އެކައްޗަކަށް ދެތުވާނީ ކޮން އިރަކުން ބާވައެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

ހުސްނުވާ އާސަންދަ: އޯވަރހޯލް ކުރަންޖެހިފައިވާ ދަރަނިވެރި ނިޒާމެއް

09 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު